މެންޗެސްޓާ ޔުނައިޓަޑާއި ޗެލްސީ ކުޅުނު މެޗުތަކުން އެއްވަރުވިއިރު، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ރަނަރަފު ލިވަޕޫލް ކުޅުނު މެޗުތައް އެ ދެ ޓީމު ކާމިޔާބު ކޮށްފި އެވެ.
ބްރައިޓަން ހައެލްބިއޯން އާ ދެކޮޅަށް ސިޓީ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގައި އެޓީމުގެ ސާޖިއޯ ކުން އަގުއޭރޯ ދެ ލަނޑު ކާމިޔާބު ކުރި އެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ކެވިން ޑި ބްރޮއިނާ އާއި ބަނާޑޯ ސިލްވާ އެވެ.
ބާންލީގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލް ކާމިޔާބު ކުރީ 3-0 އިންނެވެ. ލިވަޕޫލްގެ ފުރަތަމަ ލަނޑަކީ، މެޗުގެ 30 ވަނަ މިނެޓްގައި ބާންލީގެ ކްރިސް ވުޑް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ތިން މިނެޓް ފަހުން ރޮބާޓޯ ފިރުމީނޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ސެޑިއޯ މާނޭ ލިވަޕޫލަށް ނަތީޖާ ފުޅާ ކޮށްދިނެވެ. ލިވަޕޫލްގެ ތިން ވަނަ ލަނޑު ފިރުމީނޯ ކާމިޔާބު ކުރީ މުހައްމަދު ސަލާހް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.
މޮޅާއެކު ލިވަޕޫލުން އެއް ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުވެސް ކާމިޔާބު ކޮށް 12 ޕޮއިންޓާ އެކު އެވެ. އެ ޓީމުގެ ފަހަތުން ދެ ވަނައިގައި އޮތީ 10 ޕޮއިންޓާ އެކު ސިޓީ އެވެ.
ސައުތުހެމްޓަން އަތުން ޔުނައިޓަޑް އެއްވަރުވީ އެ ޓީމުގެ ޑެނިއަލް ޖޭމްސް ފުރަތަމަ ހާފު ފެށިގެން 10 ވަނަ މިނެޓްގައި ލީޑް ނަގާފައި ވަނިކޮށް ސައުތުހެމްޓަންގެ ޖެނިކް ވެސްޓާގާޑް މެޗުގެ 58 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުންނެވެ.
އެންމެ ހިތްދަތިކޮށް އެއްވަރުވީ ޗެލްސީ އެވެ. ޝެފީލްޑް ޔުނައިޓަޑާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވާން ދަނިކޮށް އެ ޓީމު އެއްވަރުވީ މެޗުގެ އެންމެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ޗެލްސީގެ ޑިފެންޑަރު ޒޫމާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މެޗު އެއްވަރުވީ 2-2 އިންނެވެ.
މެޗުގައި ޗެލްސީގެ ތަރިއަކަށްވީ، ޒުވާން ފޯވަޑް ޓަމީ އަބްރަހަމް އެވެ. ޗެލްސީގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ އޭނާ އެވެ. ޝެފީލްޑްގެ ފުރަތަމަ ލަނޑު ރޮބިންސަން ކާމިޔާބު ކުރީ ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓްގަ އެވެ.