ކުޅިވަރު

މެންޗެސްޓާ ޑާބީ އެއްވަރު، ޗެލްސީ ބަލިވެއްޖެ

މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ. އަދި ޗެލްސީ ވަނީ އެވަޓަން އަތުން 1-0 އިން ބަލިވެފަ އެވެ.

ޔުނައިޓެޑްގެ އޯލްޑްޓްރެފަޑްގައި، ކުޅުނު މެޗަށް ނުކުތް އިރު އެ ޓީމުގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ހުރީ ހޫނު ފެނަށް ވެއްޓިފަ އެވެ. ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުން ކަޓައިގެން ދިއުމުން އޭނާގެ މަގާމާމެދު އޮތީ ސުވާލު އުފެދިފަ އެވެ.

އިނގިރޭސި މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މެޗުން ޔުނައިޓެޑް ބަލި ނުވެ ސަލާމަތް ވުމަކީ ސޮލްޝަޔާއަށް ހަމަ ނޭވާލާން ލިބުނު ހިނދުކޮޅެކެވެ.

ލަންޑަންގެ ޗެލްސީ އާއި ލިވަޕޫލް ސިޓީއަށް ނިސްބަތްވާ އެވަޓަން، މާސީ ސައިޑްގައި ކުޅުނު މެޗުގައި އެވަޓަންގެ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ގިލްފީ ސިގަޑްސަން އެވެ. މި މެޗަކީ ސެޕްޓެމްބަރު މަހު ލީގް ކަޕްގައި ޕެނަލްޓީ ޖަހައިގެން ޓޮޓެންހަމް އަތުން ޗެލްސީ ބަލިވި ފަހުން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. އެ މުއްދަތުގައި ޗެލްސީ ވަނީ ބަލި ނުވެ 14 މެޗު ފުރިހަމަ ކޮށްފަ އެވެ.