ބޭރު ކުޅިވަރު

ހުރިހާ ލޮލެއް އެމްބަޕޭއާ ދިމާއަށް

Jun 13, 2017
1

ޔޫރަޕްގެ ފުޓްބޯޅަ ޓްރާންސްފާގެ ދޮރު ހުޅުވުނީންސުރެ، އެންމެ ބޮޑަށް އަމާޒު ހުއްޓިފައި ވަނީ، ފްރާންސްގެ މޮނާކޯގެ ތަރި ކިލިޔަން އެމްބަޕޭ އަށެވެ. ފެންނަނީ، މިވެނި ކުލަބަކުން، އޭނާ ގެންދަން މަސައްކަތް ކުރާ ވާހަކަ އެއެވެ. މިވަނި ކުލަބަކުން، އޭނާ ގެންދަން މިވެނި އަގެއް ހުށަހަޅާފައިވާ ވާހަކަ އެވެ.

އޭނާގެ އަގު، މިހާރުން ވެސް އުޅެނީ 130 މިލިއަން ޕައުންޑުގެ އަގެއްގަ އެވެ. އުމުރުން 18 އަހަރުގެ ފޯވަޑް ގެންދިއުމަށް، ދުނިޔޭގެ ހުރިހާ ބޮޑެތި ކުލަބުތަކުން ޝައުގުވެރި ވެއެވެ. ސްޕެއިން އާއި އިންގްލެންޑާއި ފްރާންސް ޓީމުތަކުގެ ލޯތައް ވެސް އަމާޒު ވަނީ އެމްބަޕޭ އަށެވެ.

ހުރިހާ ޓީމުތަކުން، އެވަރަށް ކަޅި އަޅާ މި ކުޅުންތެރިޔާ އަކީ ކާކުކު ހެއްޔެވެ؟

ދެހާސް ވަނަ އަހަރުގެ ފަހުން، ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލަށް މޮނާކޯ، ފުރަތަމަ ފަހަރަށް ދަތުރު ކުރީ، ނިމިދިޔަ ސިޒަންގަ އެވެ. ސެމީ ފައިނަލާ ހަމަޔަށް، މޮނަކޯ އައީ ވަރުގަދަ މެނެޗެސްޓާ ސިޓީގެ މައްޗަށް ކާމިޔާބު ހޯދާފަ އެވެ. އެ ކާމިޔާބުގައި ވެސް، އެންމެ މުހިންމު ކުޅުންތެރިޔަކަށްވީ، އެމްބަޕޭ އެވެ.

ސެމީ ފައިނަލުގައި، އެ ޓީމަށް ހުރަސް އެޅީ އިޓަލީގެ ޗެމްޕިއަން، ޔުވެންޓަސް އެވެ. ނަމަވެސް، މުބާރާތުގެ ނޮކައުޓް ބުރުގައި، ވަރުގަދަ ބާސެލޯނާގެ ފޯވަޑުން ނަށްވެސް، ޔުވެންޓަސްގެ ވަރުގަދަ ޑިފެންސް ފޫއަޅުވާ ނުޅެވުނެވެ. ނަމަވެސް، ޔުވެންޓަސްގެ ފޯވަޑްލައިން ފޫއަޅުވާލާ، ޔުވެންޓަސްއާ ދެކޮޅަށް ނޮކައުޓް ބުރުގައި، ގޯލް ކާމިޔާބު ކުރީ ޒުވާން އެމްބަޕޭ އެވެ.

އަދި ވޭތުވެދިޔަ ހަތަރު ސިޒަންގައި، ޕީއެސްޖީއިން ފްރާންސްގެ ފުޓްބޯޅައިގައި ލީޑް ކުރަމުން ދިޔަ ދިއުން ހުއްޓުވީ ވެސް މޮނަކޯ އިން ނެވެ. މިއީ 18 އަހަރު ފަހުން، ފްރާންސް ލީގް ހޯދި ފުރަތަމަ ފަހަރެވެ.

ނިމިދިޔަ ސީޒަންގައި، އެމްބަޕޭ ވަނީ 24 ގޯލް ޖަހައި، 11 ގޯލް ޖަހަން ފުރުސަތު ތަނަވަސްކޮށް ދީފަ އެވެ.

އޭނާ ގެންދާނީ، ކޮންޓީމެއް

އެމްބަޕޭ ގެންދަން، ރެއާލް މެޑްރިޑާއި މެންޗެސްޓާގެ ދެ ކުލަބާއި، ލިވަޕޫލް އަދި އާސެނަލް ވެސް ޝައުގުވެރިވެ އެވެ. ޕީއެސްޖީ ވެސް އޮތީ އެމްބަޕޭ ގެންދިއުމުގެ ރޭހުގައި ވިއްދައިގެން ނެވެ. ދެން އޮތީ، އޭނާ ގެންދަން ބޭނުންވިޔަސް، އެވަރުގެ އަގެއް ދޭން ބޭނުން ނުވާ ނުވަތަ ދެވެން ނެތް ކުލަބު ތަކެވެ.

އިނގިރޭސި މިޑިއާތައް ބުނާ ގޮތުން، އެމްބަޕޭ ގެންދާނެ ކަމަށް ބެލެވެނީ ރެއާލް މެޑްރިޑުން ނެވެ. އެއީ އަލްވާރޯ މޮރާޓާ ޔުނައިޓަޑަށް ވިއްކާލުމަށްފަހު، ލިބޭ ފައިސާ، އެމްބަޕޭ ގެންނަން ހޭދަ ކުރާ ބަޖެޓްގައި ހިމަނައިގެން ނެވެ.

އަދި ހަމޭސް ރޮޑްރިގޭޒް ވިއްކާލަން ވެސް، ރެއާލް ތައްޔާރު ވެފައި ވުމާއެކު، އެޓީމުން ދޫކޮށްލަން ބޭނުންވާ ދެ ކުޅުންތެރިން ވިއްކާލައިގެން ވެސް، އެމްބަޕޭ ގެނައުމުގެ އަގު ރެއާލް އަށް ފަރު ޖެއްސެން އެބައޮތެވެ.

ނަމަވެސް، މެންޗެސްޓާ ސިޓީންވެސް އޮތީ ރެއާލް ދޫކުރާކަށް ނޫނެވެ. ޔުނައިޓަޑަށް ދިމާވާނެ މައްސަލަ އަކީ، ނިމިދިޔަ ސީޒަންގައި ވެސް، އެކުލަބުން ދުނިޔޭގެ ރެކޯޑް އަގެއް ޓްރާންސްފާގައި ހޭދަ ކޮށްފައި ވުމެވެ. ޖެހިޖެހިގެން ދެ ސީޒަނެއްގައި އެވަރުގެ އަގެއް ހޭދަ ކުރުމުގެ ވިސްނުން ޔުނައިޓަޑްގެ ބޯޑު މެންބަރުން ގެންގުޅެފާނެ ކަމަކަށް ނުބެލެވެ އެވެ.

ދެން އޮތީ އާސެނަލް އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން، އެމްބަޕޭގެ އެޖެންޓާ، ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ވަނީ ބައްދަލު ކޮށްފަ އެވެ. ލިވަޕޫލުން 100 މިލިއަން ޕައުންޑް އޭނާ އަށް ހޭދަ ކުރާނެތޯ އުފެދޭ ސުވާލުވެސް އެބައޮތެވެ.