ދުނިޔެ

އީރާންގެ ރައީސް އަވަހާރަވި ސަބަބު ހާމަކޮށްފި

އީރާނުގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ރައީސީ އަވަހާރަވި ސަބަބު އީރާންގެ ސަލާމަތާ ބެހޭ އިދާރާތަކުން ހާމަކޮށްފި އެވެ.

އީރާންގެ ސަލާމަތީ އިދާރާތަކާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނާ ގޮތުން ރައީސީ އަވަހާރަވީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

އިބްރާހީމް ރައީސީ އަވަހާރަވީ މެއި 19 ގައި ހިނގާދިޔަ ހެލިކޮޕްޓަރު އެކްސިޑެންޓެއްގަ އެވެ. މި އެކްސިޑެންޓްގައި ރައީސީގެ އިތުރުން އީރާންގެ ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހިޔާން ވެސް ވަނީ އަވަހާރަވެފަ އެވެ.

ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނީ އަޒަރުބައިޖާންގައި އޮތް ހަފުލާއެއްގައި ބައިވެރިވެވަޑައިގެން އެނބުރި ގައުމަށް -- އީރާންގެ ވެރިރަށް ތެހެރާންއަށް ދަތުރުކުރެއްވަނިކޮށެވެ.

އަޒަރުބައިޖާނަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ރައީސް އިލްހާމް އަލިޔޭފްއާ ބައްދަލުކުރައްވައި ރައީސީ މުހިއްމު ވާހަކަތަކެއް ދެއްކެވި އެވެ. ދެ ގައުމުގެ ގުޅުން ހަރުދާނާކުރެއްވުމަށް އަދި ދުޝަމަނުން -- އެމެރިކާ އާއި އިޒުރޭލުގެ ކިބައިން ސަލާމަަތްވުމާ ބެހޭ ގޮތުންވެސް މަޝްވަރާކުރެއްވި އެވެ.

އިބްރާހީމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނީ މޫސުން ވަރަށް ގޯސް ދުވަސްވަރެއްގަ އެވެ. ނަމަވެސް އިޒުރޭލުގެ ޖެއްސުންތަކާ ހެދި މި ހަމަލާގެ ތުހުމުތު އިޒުރޭލަށް ވެސް އޮތެވެ.

ގިނަ ބަޔަކު ގަބޫލުކުރި ގޮތުން ރައިސިގެ ހެލިކޮޕްޓަރަށް ބަޔަކު ހަމަލާ ދިނީ އެވެ. އެއީ އިޒުރޭލާއި އެމެރިކާ ގުޅިގެން ދިން ހަމަލާއެއް ކަމަށް ވެސް ބުނެވުނެވެ.

ރައީސީ އަވަހާރަވުމާ ގުޅިގެން އެމެރިކާ އާއި އިޒުރޭލުން އަވަސްއަރުވާލައި ބަޔާނެއްވެސް ނެރުނެވެ. އެއީ އެ މީހުންގެ އެއްވެސް އަތެއް އޮވެގެން ހިގައިދިޔަ ކަމެއް ނޫން ކަމަށްވެސް ބުންޏެވެ.

އިޒުރޭލަކީ އާންމު ހާލަތުގައި ޔަހޫދީން ހިންގާ ޖަރީމާތަކާ ބެހޭ ގޮތުން ކުއްލިއަށް ވާހަދައްކައި މައުލޫމާތުދޭ ބައެއް ނޫނެވެ. ނަމަވެސް ރައީސީ އަވަހާރަވުމާ ގުޅިގެން ކުއްލި ބަޔާނެއް ނެރެ ބައިވެރިވުމެއް ނެތް ކަމަށް ބުނީ އެވެ.