ކުޅިވަރު

ޖަރުމަނު ލެޖެންޑް ނޯޔާ ވެސް ގައުމީ ޓީމާ ދުރަށް

ޖަރުމަނުގެ ގައުމީ ޓީމުގެ ކުރީގެ ކީޕަރު އަދި ކެޕްޓަން މެނުއަލް ނޯޔާ ގައުމީ ޓީމުން ރިޓަޔާކޮށްފި އެވެ.

ޖަރުމަނުގެ ގައުމީ ޓީމަށް 124 މެޗު ކުޅެދިން، އެ ގައުމުގެ ފުޓުބޯޅަ ލެޖެންޑް ގައުމީ ޓީމުން ރިޓަޔާވިކަން އިއުލާނު ކުރީ އިއްޔެ އެވެ.

އުމުރުން 38 އަހަރުގެ ނޯޔާ ވަނީ ޖަރުމަނުގެ ގައުމީ ޓީމުގެ ކެޕްޓަންގެ ގޮތުގައި ހުރެ 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އެގައުމަށް ހޯދައި ދީފަ އެވެ. ނަމަވެސް 2018 ވަނަ އަހަރާއި 2022 ވަނަ އަހަރު ޖަރުމަނު ވަނީ ގުރޫޕް ސްޓޭޖުން ކަޓާފަ އެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރަން މީސް މީޑިއާއަށް ދޫކޮށްލި މެސެޖުގައިވާ ގޮތުން، ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ އޭނާއަށް އެހާ ފަސޭހަ ކަމެއް ނޫނެވެ.

މިޕޯސްޓްގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުން ގައުމީ ޓީމަށް ކުޅުން ހުއްޓާލީ އޭނާ ކުޅެމުން އަންނަ ޖަރުމަނުގެ ބަޔާން މިޔުނިކަށް ދޭން ޖެހޭ ވަގުތު ފުރިހަމައަށް ދިނުމަށެވެ.

ޖަރުމަނުގެ ތާރީހުގައި ފަސްވަނައަށް ގައުމީ ޓީމަށް އެންމް ގިނަ މެޗު ކުޅެދިން ނޯޔާ އަކީ ޖަރުމަނުގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ގޯލް ކީޕަރެވެ.

ނޯޔާއާ އެކު ޖަރުމަނުން ކުޅުނު 124 މެޗުން 81 މެޗު ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި ބަލި ނުވެ 51 މެޗު ވަނީ ނިންމާލާފަ އެވެ.

ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ޖަރުމަނުގެ ބަޔާން މިޔުނިކަށް ކުޅެމުން އަންނަ ނޯޔާ ވަނީ ބަޔާން މިޔުނިކަށް މިހާތަނަށް 345 މެޗު ކުޅެދީފަ އެވެ. އަދި 11 ފަހަރު ވަނީ ޖާމަން ބޮންޑަސްލީގާވެސް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން 2020 ވަނަ އަހަރު ފީފާގެ އެންމެ މޮޅު ކީޕަރުގެ މަގާމުވެސް އޭނާ ވަނީ ހޯދާފަ އެވެ.