ކުޅިވަރު

ޑޯޓްމަންޑްގެ ލެޖެންޑް ރޮއިސް، އެލްއޭ ގެލެކްސީއަށް

ބޮރޫޝިއާ ޑޯޓްމަންޑްގެ ލެޖެންޑު މާކޯ ރޮއިސް އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް)ގެ އެލް އޭ ގެލެކްސީއަށް ދިއުމަށް ހަމަޖެހިއްޖެ އެވެ.

އުމުރުން 35 އަހަރުގެ ރޮއިސް އެލްއޭ ގެލެކްސީއާ ގުޅެން ނިންމީ ޑިސެމްބަރު 2025 ގެ ނިޔަލަށެވެ. އަދި އޭނާ މެޑިކަލް ޓެސްޓުތައް ހެދުމަށް ވަރަށް އަވަހަށް އެމެރިކާއަށް ފުރާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ޖަރުމަނުގެ މިޑްފީލްޑަރު ރޮއިސް، ޑޯޓްމަންޑަށް ބަދަލުވީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. ޑޯޓްމަންޑްގައި ގިނަ ޒަމާންތަކެއް ހޭދަކުރުމަށްފަހު، މިއަހަރުގެ ސީޒަން ނިމުމުން އޭނާ ކުލަބު ދޫކޮށްލާނެކަން އިއުލާނުކުރީ މިއަހަރުގެ މޭ މަހު އެވެ.

ރޮއިސް، ޑޯޓްމަންޑަށް ކުޅެދިން 429 މެޗުން 170 ލަނޑު ޖަހާފައިވެ އެވެ. މީގެއިތުރުން އޭނާ ވަނީ އެ ކްލަބާއެކު ޖަރުމަނު ކަޕް ދެ ފަހަރު އަދި ޖަރުމަނު ސުޕަ ކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ.

ޑޯޓްމަންޑާއެކު ރޮއިސް އެންމެ ފަހުން ކުޅެފައިވަނީ މިދިޔަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗެވެ. އެ މެޗުގައި ރެއާލް މެޑްރިޑް އަތުން ޑޯޓްމަންޑް ބަލިވީ 2-0 އެވެ.

ރޮއިސް ގުޅެން ހަމަޖެހިފައިވާ އެލްއޭ ގެލެކްސީއަކީ މީގެކުރިން ޑޭވިޑް ބެކަމް އާއި ޒްލަޓާން އިބްރާހިމޮވިޗް ފަދަ މަޝްހޫރު ކުޅުންތެރިން ކުޅެފައިވާ ކްލަބެކެވެ.

އެމްއެލްއެސް ފާހަގަވެފައިވަނީ ޔޫރަޕްގެ ކްލަބްތަކުގެ ކުޅުންތެރިން ކެރިއަރުގެ ފަހުކޮޅުގައި ބަދަލުވާ ލީގެއްގެ ގޮތުގަ އެވެ. އެގޮތުން މިހާރު އެ ލީގުގައި ކުޅޭ ކުޅުންތެރިންގެ ތެރޭގައި ލިއޮނަލް މެސީ، ލުއިސް ސުއަރޭޒް، ސާޖިއޯ ބުސްކެޓްސް، ޖޯޑީ އަލްބާ އަދި ހޫގޯ ލޮރިސް ފަދަ ތަރިން ހިމެނެ އެވެ.