ކޮވިޑް-19 އާ ގުޅިގެން ދެ މަސްދުވަހަށް މެދުކަނޑައިލި ފުޓްބޯޅަ ލީގް، މިއަދު އަލުން ފަށާއިރު ފުރަތަމަ މެޗާ ދިމާކޮށް ބޮރޫޝިއާ ޑޯޓަމުންޑުން ސައިކޮލަޖިސްޓެއް ހޯދައިފި އެވެ.
ޔޫރަޕްގެ އެންމެ ބޮޑު ލީގްތަކުގެ ތެރެއިން އެންމެ ފުރަތަމަ ފަށާނީ، ޖަރުމަންގެ ބުންޑެސް ލީގާ އެވެ. އެ ލީގްގެ އެންމެ ފުރަތަމަ ކުޅޭ މެޗުތަކުގެ ތެރެއިން އެންމެ ހާއްސަ މެޗަކީ، ޑޯޓަމުންޑާ ޝާލްކޭ ބައްދަލު ކުރާ މެޗެވެ. ކޮރޯނާ ވައިރަސް އަށް ފަހު ވަރުގަދަ މެޗަކާ ކުރިމަތިލާއިރު ކުޅުންތެރިން ހާނުވަން ޑޯޓަމުންޑުން ވަނީ، ސްޕޯޓްސް ސައިކޮލޮޖިސްޓެއްގެ ގޮތުގައި އެ ޓީމުގެ ކުރީގެ ކީޕަރު ފިލިޕް ލައުކްސް ހަމަޖައްސާފަ އެވެ.
އޮންލައިން ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޑޯޓަމުންޑްގެ ކޯޗް ލޫސިއަން ފާވްރޭ ބުނީ، ދެ މަސް ދުވަހަށް ފަހު ކުޅޭ ފުރަތަމަ މެޗުގައި ވެސް ވަރުގަދަ މެޗަކާ ކުރިމަތިލާއިރު ސަޕޯޓަރުން އެހީއާ ނުލައި ކުޅުންތެރިން ތައްޔާރު ކުރުމަށް ސައިކޮލޮޖިސްޓެއް ކުލަބުން ހަމަޖެއްސުމުން އުފާވާ ކަމަށެވެ.
"މިހާލަތަށް ކޮންމެހެން ބޭނުން ވެފައި އޮތް ކަމެއް ކުލަބުން އެ ކޮށްދިނީ،" ފިލިޕް ލައުކްސް ސްޕޯޓްސް ސައިކޮލިޖިސްޓެއްގެ ގޮތުގައި ހަމަޖެއްސުމުން އެކަން ފާހަގަ ކޮށް ފާވްރޭ ބުންޏެވެ. "އެކަން ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި ދެމިހުންނާނެ، އަދި ވަރަށް މުހިންމު ކަމަކަށް އެކަންވާނެ، އަހަރެމެން މިތީބީ ދެ މަސް ވަންދެން މެޗެއް ނުކުޅެ، ކުޅުންތެރިން ޓްރޭން ހަދަމުން ދިޔައީ އެއްވެސް ޓާގެޓެއް ނެތި."
ޝާލްކޭ އާއި ޑޯޓަމުންޑަކީ ޖަރުމަންގެ ސިޓީ ނޯތުރެން ވެސްޓްފާލެން އަށް ނިސްބަތްވާ ދެ ކުލަބެވެ. އެއް ސިޓީއަށް ނިސްބަތްވާ ވަރުދަ ޑާބީ މެޗަށް ސަޕޯޓަރުން ނެތި ކުޅެން ޖެހުމަކީ ކުޅުންތެރިންނަށް އޭގެ އުނދަގޫ ކުރާނެ ކަމެއް ކަމަށް ފާވްރޭ ބުންޏެވެ.
"އަމިއްލަ ދަނޑުގައި އަހަރެމެން މިކުޅެނީ ޑާބީ މެޗު، އާންމުކޮށް ޑާބީ މެޗުގައި 81،000 ސަޕޯޓަރުން ދަނޑަށް އަންނާނެ، އެހެން ނަމަވެސް މިހާލަތުގައި ސަޕޯޓަރުން ނެތި ކުޅެން ޖެހޭއިރު އެކަމަށް ކުޅުންތެރިން ސައިކޮލޮޖީ ތައްޔާރު ކުރުމަކީ ވަރަށް މުހިންމު ކަމެއް." ފާވްރޭ ބުންޏެވެ.
ރާއްޖޭ ގަޑިން އިރުއޮއްސި 6:30 ގައި ފަށާ މެޗުގައި، ޑޯޓަމުންޑްގެ ޓާގެޓަކީ ފަސް އަހަރު ތެރޭ އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ޝާލްކޭ ބަލި ކުރުމެވެ. މިދިޔަ ސީޒަންގައި އަމިއްލަ ދަނޑުގައި ޑޯޓަމުންޑް، ޝާލްކޭ އަތުން ބަލިވީ 4-2 ންނެވެ. ޑޯޓަމުންޑަށް ތަށި ހޯދުމުގެ ފުރުސަތު ގެއްލުނީ އެ މެޗުން ބަލިވުމުންނެވެ.