ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

މާސްކު ނާޅައި ބޯކޮށި ކުޅުންތެރިންނަށް އަދަބު ދީފި

ކޮވިޑް-19 އިން ރައްކާތެރި ވުމަށް އަޅަން ޖެހޭ މާސްކު ނާޅައި ބޮކޮށި ކަމަށް ބުނެ ބުޮރޫޝިއާ ޑޯޓަމުންޑްގެ ދެ ކުޅުންތެރިން ކަމަށްވާ ޖޯޑަން ސަންޗޯ އާއި މެނުއިލް އަކަންޖީ އަށް އަދަބު ދީފި އެވެ.

ޖަރުމަންގެ ނޫހެއް ކަމަށްވާ "ބީލްޑް" އިން ވަނީ، އަކަންޖީ އާއި ސަންޗޯ، ބޯކޮށަން ތިބިއރު ނަގާފައިވާ ފޮޓޯތަކެއް ޕަބްލިޝް ކޮށްފަ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އަކަންޖީ އާއި ސަންޗޯ ފެންނަނީ މާސްކު ނާޅާ ތިއްބަ އެވެ.

ސަންޗޯ އާއި އަކަންޖީގެ ބޯކޮށީ ޖަރުމަންގެ ސެލެބްރިޓީ ބޯކޮށާ މީހެއް ކަމަށްވާ ވިނީ ނާނާ ކާކަރީ އެވެ. ޑޯޓަމުންޑްގެ އެހެން ހަތަރު ކުޅުންތެރިޔަކު ވެސް ނާނާ ލައްވައި ބޯ ކޮށި ކަމަށް ރިޕޯޓްތަކުގައި ވެއެވެ. ނަމަވެސް އެ ކުޅުންތެރިންގެ ފޮޓޯތައް ނެތުމުން އެ ކުޅުންތެރިން ވަނީ ސަލާމަތް ވެފަ އެވެ.

ޖަރުމަން ފުޓްބޯޅަ ލީގުން (ޑީއެފްއެލް) ވަނީ، ސަންޗޯ އާއި އަކަންޖީ ޖޫރިމަނާ ކޮށްފަ އެވެ. އެ ދެ ކުޅުންތެރިން ޖޫރިމަނާ ކުރި އަދަދެއް ހާމަކޮށްފައެއް ނުވެ އެވެ. ޖަރުމަންގެ ފުޓްބޯޅަ ލީގުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އާންމު ހައިޖިންގެ އުސޫލުތަކާއި ކޮވިޑް-19 ގެ ޕްރޮޓޮކޯލްތައް އެ ދެ ކުޅުންތެރިން މުގުރާލުމުން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި އެކަން އިސްތިއުނާފް ކުރަން ބޭނުންނަމަ ފަސް ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ވެސް ޑީއެފްއެލްގެ ބަޔާނުގައި ބުނެފައި ވެ އެވެ.

ބީލްޑުން އާންމު ކުރި ފޮޓޯ

ސަންޗޯ ސޯޝަލް މީޑިއާގައި ބުނެފައި ވަނީ، ޑީއެފްއެލްގެ ނިންމުމަކީ ޖޯކެއް ކަމަށެވެ. ފަހުން އޭނާ ވަނީ އެ ޕޯސްޓް ޑިލީޓް ކޮށްފަ އެވެ. ޑޯޓަމުންޑްގެ ސްޕޯޓްސް ޑައިރެކްޓާ މައިކަލް ޑޯކް ވިދާޅުވީ، ކުޅުންތެރިންގެ ބޯ ކޮށިއިރު ހައިޖިން އާއި ކޮވިޑް-19 ގެ ޕްރޮޓޮކޯލް ދަމަހައްޓާފައިވާ ކަމަށެވެ. މާސްކު ނެގީ ހަމައެކަނި ފޮޓޯ ނެގި ވަގުތު އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.


ކޮރޯނާ ވައިރަސް އަށް ފަހު، ޖަރުމަންގައި ވަނީ ސެލޫންތައް އަލުން ހުޅުވުމުގެ ހުއްދަ ދީފަ އެވެ. އެހެން ނަމަވެސް ހިދުމަތް ދިނުމުގައި ވަކި އުސޫލުތަކެއް ހިފެއްހެއްޓުމަށް ވަނީ އަންގާފަ އެވެ.