ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޖަރުމަން

ޖަރުމަން ލީގުން ކޮވިޑް ފެނި އިތުރު އުނދަގޫތަކެއް

އަންނަ ހޮނިހިރު ދުވަހު އަލުން ފަށަން ތާވަލު ކޮށްފައިވާ، ޖަރުމަންގެ ލީގްގެ ދެ ވަނަ ޑިވިޝަން ކުލަބެއްގެ ދެ ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އިތުރު އުނދަގޫތަކެއް ކުރިމަތި ވެއްޖެ އެވެ.

ބުންޑެސްލީގާ ދެއް ނުވަތަ ދެ ވަނަ ޑިވިޝަންގައި ވާދަ ކުރާ، ޑައިނަމޯ ޑްރެސްޑެންގެ ދެ ކުޅުންތެރިޔަކު ވައިރަހަށް ޕޮޒިޓިވް ވުމުން، މުޅި އެ ޓީމުގެ ސްކޮޑް ދެ ހަފުތާ ވަންދެން ކަރަންޓިން ކުރުމަށް ވަނީ ނިންމާފަ އެވެ.

ޑްރެސްޑެންއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެ ކުލަބުން ދިޔައީ ރައްކާތެރި ކަމުގެ ގިނަ ފިޔަވަޅުތައް އަޅަމުން ކަމަށެވެ. އެގޮތުން ކުޅުންތެރިން އަމިއްލައަށް ރައްކާތެރި ވުމާއި ޓީމުގެ ލޮޖިސްޓިކް ކަންކަން ކުރިއަށް ގެންދިޔައީ ވެސް ވަރަށް ފަރުވާތެރި ކަމާއެކު ކަމަށެވެ. އެފިޔަވަޅު ތަކާއެކު ވެސް ޓީމުގެ ދެ ކުޅުންތެރިންޔަކު ވައިރަހަށް ޕޮޒިޓިވް ވުމުން ހިތާމަ ކުރާ ކަމަށެވެ.

ޔޫރަޕްގެ ވަރުގަދަ ލީގްތަކުގެ ތެރެއިން އެންމެ ފުރަތަމަ ފަށާ ލީގަކަށް ވާނީ ޖަރުމަން ލީގެވެ. އެ ގައުމުގެ ޗާންސެލާ އެންޖެލާ މާކެލް ވަނީ، ލީގް ފެށުމުގެ ހުއްދަ ދެއްވާފަ އެވެ. އެހެންވެ ޖަރުމަންގެ ފުޓްބޯޅަ ފެޑްރޭޝަނުން ތާވަލު ކުރީ އަންނަ ހޮނިހިރު ދުވަހު ބުންޑެސް ލީގާ އެކެއް ވެސް އަދި ދޭއް ވެސް ފެށުމަށެވެ.

އަންނަ އާދީއްތަ ދުވަހު، ޑްރެސްޑެން ކުޅެން ހަމަޖެހިފައި އޮތީ، ހެނޯވާ 96 އާ ދެކޮޅަށެވެ. ޑްރެސްޑެންގެ ޓީމު ކަރަންޓީން ކުރަން ޖެހުމުން އެ ޓީމާ ދެކޮޅަށް ކުޅެން ޖެހޭ އެހެން ޓީމުތަކުގެ ޝެޑިއުލްއަށް ވެސް ވަނީ ބަދަލު ގެންނަން ޖެހިފަ އެވެ.