ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފްރާންސް

ކޮވިޑް ޖެހުމުން ޕޮގްބާ ފްރާންސްގެ ޓީމުން ބާކީ ކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑާ ޕައުލް ޕޮގްބާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، ފްރާންސްގެ ގައުމީ ޓީމު ސްކޮޑުން ބާކީ ކޮށްފި އެވެ.

ޕޮގްބާ، ކޮރޯނާއަށް ޕޮޒިޓިވް ވިކަން އިއުލާން ކުރީ ފްރާންސްގެ ގައުމީ ޓީމުގެ ކޯޗް ޑިޑިއޭ ޑެޝޯމްޕް އެވެ. އޭނާ ބުނީ، ޕޮގްބާ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަވުމުން އެންމެ ފަހު ވަގުތު ސްކޮޑަށް ބަދަލު ގެންނަން ޖެހުނު ކަމަށެވެ. އޭނާ އެކުލަވާލި ސްކޮޑުގައި ޕޮގްބާ ހިމެނި އެވެ. އެހެންނަމަވެސް އޭރު ސްކޮޑު އިއުލާން ނުކުރެ އެވެ. އިއުލާން ކުރި ސްކޮޑްގައި ޕޮގްބާ ނަމެއް ނެތެވެ. ބަދަލުގައި ޔުވެންޓަސްގެ މިޑްފީލްޑާ އެންޑްރޭ ރެބިއޮޓް އަދި ރެނޭސް ޒުވާން މިޑްފީލްޑާ އެޑްއާޑޯ ކަމަވިންގާ އަށް ވަނީ ފުރުސަތު ދީފަ އެވެ.

ޔުނައިޓެޑްގެ ޕްރީ ސީޒަން ޓްރެއިނިން ކޭމްޕްވެސް ޕޮގްބާއަށް ގެއްލޭނެ އެވެ. އެންމެ މަދުވެގެން 10 ދުވަސް ވަންދެން އޭނާ ކަރަންޓީންގައި ހުންނަން ޖެހެ އެވެ. ޑެޝޯމްޕްގެ އިއުލާނާ ގުޅިގެން ޔުނައިޓެޑްގެ ވެބްޒައިޓްގައި ލިޔެފައިވާ ޕޯސްޓްގައި ވަނީ ޕޮގްބާއަށް ހެޔޮ އެދުންތައް އަރިސްކޮށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ބުނެފަ އެވެ. ޔޫއެފާ ނޭޝަން ލީގްގައި ސެޕްޓެމްބަރު މަހު ފްރާންސް ނުކުންނާނީ ސްވިޑެން އާއި ކްރޮއޭޝިއާ އާ ދެކޮޅަށެވެ. ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ފްރާންސް ނުކުންނާނީ ސްވިޑެން އާ ދެކޮޅަށެވެ. އޭގެ ތިން ދުވަސް ފަހުން ކްރޮއޭޝިއާ ދެކޮޅަށް ނުކުންނާނެ އެވެ.

"އެންމެ ފަހު މިނެޓްގައި ސްކޮޑަށް ބަދަލު ގެނެސް ނިންމައިފިން، ސަބަބަކީ ޕައުލް ޕޮގްބާ ކުރިން ލިސްޓްގައި ހިމެނި ނަމަވެސް އިއްޔަ ހެދި ޓެސްޓް ތަކުން އޭނާ ޕޮޒިޓިވް ވެފައިވާކަން ހާމަވި،" ޕްރެސް ކޮންފަރެންސްގައި ވާހަކަ ދަްކަމުން ޑެޝޯމްޕް ބުންޏެވެ. "އެހެންވެ އެންމެ ފަހު ވަގުތުގައި އޭނާގެ ބަދަލުގައި ރެނޭސް މިޑްފީލްޑާ އެޑްއާޑޯ ކަމަވިންގާ ނަން ޖެހީ."

ފްރާންސަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން ވައިރަހަށް ޕޮޒިޓިވް ވި އަނެއް ކުޅުންތެރިޔަކީ ޓޮޓެންހަމްގެ ނެްގީ ނޮޑެމްބެލޭ އެވެ. ޔުނައިޓެޑްގެ ސްކޮޑުން ޕްރީ ސީޒަން ޓްރޭނިންގައި ބައިވެރި ނުވެވޭނެ އަނެއް ކުޅުންތެރިޔަކީ އާރޮން ވަން ބިސާކާ އެވެ. އަރަބި އެމިރޭޓްސްގައި ޗުއްޓީ ހޭދަ ކުރުމުން އޭނާ ވަނީ 14 ދުވަހަށް ކަރަންޓީން ކޮށްފަ އެވެ. އެހެންނަމަވެސް ޕްރީ ސީޒަންގެ ވަކި ހިސާބަކުން އޭނާ އަށް ބައިވެރި ވެވޭނެ އެވެ.