ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޗެމްޕިއަންސް ލީގް

ސިޓީ އާއި ރެއާލްގެ މެޗަށް ކަރަންޓީންގެ ހިޔަނި

ކޮރޯނާ ވައިރަސް އާ ގުޅިގެން އަޅާފައިވާ ކަރަންޓީންގެ އުސޫލުތައް އަލުން ހަރުކަށި ކުރަން އިނގިރޭސި ސަރުކާރުން ނިންމުމުން، ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ކުޅެން ހަމަޖެހިފައިވާ މެޗު އިންގްލެންޑްގައި ކުރިއަށް ގެންދެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.

އިނގިރޭސި ސަރުކާރުން އަލުން ނިންމާފައި ވަނީ، ސްޕެއިން އިން އިންގްލެންޑަށް އެތެރެވާ ފަރާތްތައް 14 ދުވަހު ކަރަންޓީން ވާން ޖެހޭނެ ގޮތަށެވެ. އިނގިރޭސި ސަރުކާރުން އެއަށް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެން ސްޕެއިން އިން އިނގިރޭސި ވިލާތަށް އެތެރެވާ ފަރާތްތަކާ މެދުގަ އެވެ.

ސްޕެއިންގައި އަލުން ކޮވިޑް-19 އިގެ ބަލި ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހުވެސް 900 އެއްހާ މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

ކަރަންޓީންގެ އުސޫލަށް ރެއާލް މެޑްރިޑްގެ ޓީމުން އަމަލު ކުރަން ޖެހޭނެ އެވެ. އެ އުސޫލަށް ލުއިތަކެއް ނުލިބޭނަމަ، ޔޫއެފާގެ ވިސްނުން ހުރީ އެ މެޗުވެސް ނިއުޓްރަލް ވެނޫއެއްގައި ކުޅުމުގެ ގޮތުން ޕޯޗްގަލްއަށް ބަދަލު ކުރުމަށެވެ. ޔޫއެފާއިން ބަލަނީ އެ މެޗު ޕޯޗްގަލްގައި ކުޅޭނަމަ ޕޯޓޯ ނުވަތަ ގިމަރައިސްގައި މެޗު ކުޅުމަށެވެ.

އެ ދެ ޓީމު ފުރަތަމަ ލެގް މެޗުގައި މެޑްރިޑްގެ ސެންތިއާގޯ ބާނެބެއު ސްޓޭޑިއަމްގައި ކުޅުނު މެޗު ސިޓީ ކާމިޔާބު ކުރީ 2-1 ންނެވެ. މިދިޔަ އާދިއްތަ ދުވަހު ލާލީގާ ނިމުމުން، ޒިދާން ވަނީ ރެއޅާްގެ ކުޅުންތެރިންނަށް ހަތް ދުވަހުގެ ޗުއްޓިއެއް ދީފަ އެވެ. އެ ޓީމުގެ ޕްރެކްޓިސް މމަދަމާ ފެށުމަށް ކުރިން ހަމަޖެއްސި ނަމަވެސް މިހާރު އެ ޓީމުން ވަނީ އަންގާރަ ދުވަހަށް ޕްރެކްޓިސް އަލުން ފެށުން ފަސް ކޮށްފަ އެވެ.

ޗެމްޕިއަންސް ލީގްގެ ކުއާޓާ ފައިނަލުން ފެށިގެން މިނި ޓޯނަމަންޓެއްގެ ގޮތުގައި މުބާރާތް ކުރިއަށް ދާނީ ޕޯޗްގަލްގެ ލިޒްބަންގަ އެވެ. ޔޫރޮޕާ ލީގް އެ ފޯމެޓަށް ކުރިއަށް ގެންދާނީ ޖަރުމަންގެ ކޮލޯންގަ އެވެ.