އެތުލެޓިކޯ މެޑްރިޑުން ކޮވިޑް ޖެހުނު ދެ ކުޅުންތެރިންނަކީ ވިންގާ އޭންހަލް ކޮރެއާ އާއި ޑިފެންޑަރު ޝިމޭ ވަސަލްކޯކަން އެތުލެޓިކޯ މެޑްރިޑުން ހާމަ ކޮށްފި އެވެ.
ޗެމްޕިއަންސް ލީގް ކްއާޓާގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ، އެތުލެޓިކޯ ނުކުންނާނީ، ރެޑްބުލް ލައިޕްޒިގް އާ ދެކޮޅަށެވެ. އެ މެޗަށް ތައްޔާރުވާން އެ ޓީމުގެ ފަރިތަކުރުންތައް ފެށިއިރު އިއްޔަ ހެދި ޓެސްޓްތަކުން ހާމަވީ، ސްކޮޑުގެ ދެ މެންބަރަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ދެ މީހުންނެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
މިއަދު ވަނީ ޓީމުގެ އެހެން މެންބަރުން ދެ ވަނަ ފަހަރަށް ޓެސްޓް ހައްދާފަ އެވެ. ސްކޮޑުގެ އެއްވެސް އިތުރު މެންބަރަކަށް ކޮވިޑް ޖެހިފައެއް ނުވެ އެވެ. ވަސަލްކޯ އާއި ކޮރެއާގެ އާއިލާވެސް ކޮވިޑަށް ޓެސްޓް ކުރި އެވެ. އެހެންނަމަވެސް އެ ދެ އާއިލާއިންވެސް އިތުރު އެހެން މެންބަރަކު ޕޮޒިޓިވްވެފައެއް ނުވެ އެވެ. އެ ދެކުޅުންތެރިން ވަނީ މިހާރު އެކަހެރި ކޮށްފަ އެވެ.
ކޮވިޑް ޖެހިފައިވާ ކޮރޮއޭޝިއާގެ ޑިފެންޑަރު ވަސަލްކޯ އާއި އާޖެންޓީނާގެ ފޯވަޑް ކޮރެއާގެ ނަން ހާމަ ކުރީ، ކަމާބެހޭ ފާރާތްތަކުގެ ހުއްދަ ލިބިގެން ކަމަށް އެތުލެޓިކޯ އިން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.
"ޕޮޒިޓިވްވެގެން ކޮރެއާ އެކަހެރި ކުރެވިފައި ވީނަމަވެސް އޭނާގެ ގައިން އެއްވެސް ކަހަލަ އާލަމާތެއް ފެނިފައެއް ނުވޭ،" އެތުލެޓިކޯއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. "ލިބިފައިވާ އަނިޔާއަކުން ރަނގަޅު ވަމުން އަންނަ ވަސަލްކޯވެސް ވަނީ އެހެން މީހުންނާ އެކަހެރި ކޮށްފަ، އޭނާގެ ކިބައިން އާލާމަތްތައް ފެނުނު."
ސިއްހީ އިދާރާ އާ ހަވާލާދީ އެތުލެޓިކޯއިން ބުނީ ވަނީ ވަސަލްކޯގެ ގައިގައި އެންޓި ބޮޑި އުފެދިފައި ވުމުން އޭނާ އާމެދު ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށެވެ.