ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ނޭމާ

ނޭމާ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޕީއެސްޖީގެ ނޭމާ ޖޫނިއާ، އޭންހަލް ޑިމާރިއާ އަދި ލިއަންޑްރޯ ޕަރެޑޭސް، ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެ ތިން ކުޅުންތެރިން ވައިރަހަށް ޕޮޒިޓިވް ވުމުން މިހާރު ވަނީ 14 ދުވަހަށް އަމިއްލައަށް ކަރަންޓީން ވެފަ އެވެ. ފްރާންސް ލީގް މިހާރު ފަށާފައި ވީނަމަވެސް، ޕީއެސްޖީގެ ކުޅުންތެރިން ދިޔައީ ޗުއްޓި ހޭދަ ކުރަމުންނެވެ. ޔޫއެފާ ޗެމްޕިއަންސް ލީގްގެ ފައިނަލުގައި ވާދަ ކުރުމުން ޕީއެސްޖީއަށް ސީޒަން ފަށާނީ އެހެން ކުލަބުތަކަށް ވުރެ ލަހުންނެވެ. މިދިޔަ ހޮނިހިރު ދުވަހު ލެންސް އާ ދެކޮޅަށް ޕީއެސްޖީ ކުޅެން އޮތް މެޗުވެސް ފަހުން ވަނީ ފަސް ކޮށްފަ އެވެ.

އެ މެޗު ފަސް ކުރީ، ކޫލުންތެރިންނަށް އަރާމު ކުރަން އިތުރު ވަގުތު ބޭނުންވާކަން ހާމަކޮށް، މެޗު ފަސް ކޮށްދިނުމަށް ޕިއެސްޖީން ފްރާންސް ލީގް ބޮޑީއަށް ހުށަހެޅުމުންނެވެ.

ޕީއެސްޖީގެ ބައެއް ކުޅުންތެރިން ޗުއްޓި ހޭދަ ކުރީ ފްރާންސުން ބޭރުގަ އެވެ. ނޭމާ، ޑިމާރިއާ އަދި ޕަރެޑޭސް ޗުއްޓި ހޭދަ ކުރީ ސްޕެއިންގެ ޖަޒރާ ރަށެއް ކަމަށްވާ އިބިޒާ ގަ އެވެ. ނޭމާ ވަނީ ޗުއްޓި ހޭދަ ކުރަމުން ދިޔައިރު ބައެއް ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާ ކޮށްފަ އެވެ.

ޗެމްޕިއަންސް ލީގް ފައިނަލުގައި ޕީއެސްޖީ ބަލިވީ ބަޔާން މިޔުނިކް އަތުންނެވެ. މިދިޔަ ޗެމްޕިއަންސް ލީގަކީ ފައިނަލާ ހަމައަށް ޕީއެސްޖީ ދަތުރު ކުރި ފުރަތަމަ ފަހަރެވެ. ކޮވިޑް-19 ގެ ސަބަބުން މާޗް މަހު ފްރާންސް ލީގް ހުއްޓަލި ގޮތަށް ލީގް ނިންމާލުމަށް ފްރާންސްގެ ފުޓްބޯޅަ ފެޑްރޭޝަނުން ޖޫން މަހު ނިންމި އެވެ. ޕީއެސްޖީ އަށް ލީގް ޗެމްޕިއަން ކަށަވަރުވީ ލީގް މެދުކަނޑާލިއިރު އެއް ވަނައިގައި އެ ޓީމު އޮތުމުންނެވެ.