ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޖަރުމަން

ބުންޑެސްލީގާ ފެށުމުގެ ހުއްދަ މާކެލް ދެއްވައިފި

ޖަރުމަންގެ ބުންޑެސްލީގާގެ ކުޅުން ފެށުމުގެ ހުއްދަ ޖަރުމަންގެ ޗާންސެލާ އެންޖެލާ މާކެލް ދެއްވައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައިވާ ޖަރުމަން ލީގް ފެށުމުގެ ހުއްދަ ލިބުމާއެކު، އެ ގައުމުގެ ލީގް ވެގެން ދާނީ ޔޫރަޕްގެ އެންމެ ބޮޑު ލީގްތަކުގެ ތެރެއިން ކޮރޯނާ ވައިރަސް އަށް އެންމެ ފުރަތަމަ ފަށާ ލީގަށެވެ. ކޮރޯނާ ވައިރަސް އާ ގުޅިގެން ޖަރުމަންގެ ލީގްގެ ކުޅުން ވެސް މެދުކަނޑާލީ މާޗް މަހު އެވެ. ލީގް އަލުން ފެށުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ދިނީ ސިއްހީ ގޮތުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ޝަރުތު ކުރުމަށް ފަހު އެވެ.

އެގޮތުން، މެޗުތައް ކުޅެން ޖެހޭނީ ސަޕޯޓަރުން ނުވައްދަ އެވެ. ލީގްގެ ގިނަ ކުލަބުތަކަށް ބާކީ އޮތީ ނުވަ މެޗެވެ. ބަޔާން މިޔުނިކް އެއް ވަނައިގައި އޮތީ، ވާދަވެރި ބުރޫޝިއާ ޑޯޓަމުންޑަށް ވުރެ އިތުރަށް ހަތަރު ޕޮއިންޓް ހޯދައިގެންނެވެ.

ބުންޑެސްލީގާގެ ސީއޯ، ކްރިސްޓިއަން ޒައިފާޓް ވިދާޅުވީ، ލީގް އަލުން ފަށާއިރު ކުލަބުތަކަށް ވަރަށް ބޮޑު ޒިންމާއެއް އެބައޮތް ކަމަށެވެ. ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށާއި ސިއްހީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމުގައި ފަރުވާތެރި ވުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ. އަދި ވިދާޅުވީ ސަޕޮޓަރުން ނުވައްދައި ކުޅުމަކީ އެއްވެސް ބަޔަކަށް ފަސޭހަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މިހާލަތުގައި އެކަން ގަބޫލު ކޮށް ލީގް ފެށޭތީވެސް އެކަން އުފަލާއެކު ބަލައި ގަތުމަށް އޭނާ ވަނީ އިލްތިމާސް ކޮށްފަ އެވެ.

މިދިޔަ މަހު، ޖަރުމަންގެ ކުލަބުތަކުން ވަނީ ޕްރެކްޓިސް ފަށާފަ އެވެ. ބުންޑެސްލީގާ ފަށާނީ މެއި 15 ގަ އެވެ.

ޖަރުމަންގައި އެންމެ ފަހުން ނެގި 1700 ވުރެ ގިނަ ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވެފައި ވަނީ 10 މީހެކެވެ. އެ ގައުމުން ވަނީ އޮކްޓޯބަރު 24 ހާ ހަމައަށް ހުރިހާ ބޮޑެތި ހަރަކާތްތަކެއް ހުއްޓާލަން އަންގާފަ އެވެ. ޖަރުމަންގައި 168000 މީހުންނަށް ބަލި ޖެހުނު އިރު 6993 މީހުން ވަނީ މަރުވެފަ އެވެ.