ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ބުންޑަސްލީގާއިން ފެނުނީ މޭންކަމާއި ފަޅުކަން

ދުނިޔެ ތަޖުރިބާ ކުރާ އެންމެ ނުރައްކާތެރި ބަލިމަޑުކަމުގެ އަސަރުގައި ނުކުރާ އެއްވެސް ގައުމެއް ނެތެވެ. އިގްތިސޯދީ ގޮތުން ބަލިކަށި ނުވާ ހަމަ އެއް ވެސް ސިނާއަތެއް ދުނިޔެއަކު ނެތެވެ. އެ ހާލަތުގައި ދުނިޔޭގެ ކުރިމައްޗަށް ނުކުންނަށް މަސައްކަތް ކުރާ ފުރަތަމަ ގައުމުތަކުގެ ލިސްޓްގައި ޖަރުމަން ހިމެނޭނެ އެވެ.

އިއްޔެ ޖަރުމަންގެ ފުޓްބޯޅަ ލީގް، ބުންޑެސް ލީގާ ފަށައި އެ ގައުމުން ކުރިމަތިލީ ދުނިޔޭގައި އޮތް އާ ހާލަތާއި ކުރިމަތި ލުމަށެވެ. މީގެ ފަސް ވަރަކަށް މަސް ކުރިން އޮތް ގޮތަށް އާންމު ހާލަތު މިހާރު ނޯންނާނެކަން، ބުންޑެސް ލިގާގެ މެޗުތަކުން ވެސް އެނގިގެން ދިޔަ އެވެ.

މެޗުތައް ވަގުތުން ބަލަމުން ދިޔައިރު ވެސް، ވާދަވެރި ލީގެއް ކުޅެމުންދާ ކަމުގެ އިހްސާސެއް ނުކުރެވުނެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރެވެ.

ބުރޫޝިއާ ޑޯޓަމުންޑާއި ޝާލްކޭގެ މެޗުތަކަކީ އަބަދުވެސް ފޯރިގަދަ މެޗުތަކެކެވެ. ރީނދުލާއި ކަޅުގެ ޖޯޒީގައި ޑޯޓަމުންޑުން، ނުލާއި ހުދުގެ ޝާލްކޭ އާ ދެކޮޅަށް ކުޅޭ މެޗަކީ ފުޓްބޯޅަ ބަލާ މީހުންނަށް ފަރިތަ މެޗުތަކެކެވެ. ދެ ޓީމުގައި ވެސް ތިބީ ކުރިން ކުޅުނު މެޗުތަކުގައި ކުޅުނު ކުޅުންތެރިންނެވެ. ހަމަ އެ ދެ ޓީމެވެ. އެހެންނަވެސް ކުރިން ދިޔަ ގޮތަށް ކަންކަން ނުދާނެކަން އެ މެޗުން އެކަނި ވެސް އެނގިގެން ދިޔަ އެވެ.

މުޅި ސްޓޭޑިއަމްއަށް ވެރިފައި އޮތީ ހިމޭން ކަމެވެ. ޔޫރަޕްގެ ޓޮޕް ލީގްގެ ތެރެއިން އެންމެ ފުރަތަމަ ފެށި ލީގްގައި ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޑޯޓަމުންޑްގެ ޒުވާން ފޯވަޑް އާލިން ހާލޭންޑް އެވެ. ލަނޑު ޖެހިޔަސް ފޯރިއެއް ނުހިފި އެވެ. ގޯލް ސެލްބްރޭޝަންގައި ވެސް ފެނުނީ ފިޒިކަލް ޑިސްޓެންސެވެ.

ހޮފެންހަމް، އޮގްސްބާގް، ޑޯޓަމުންޑް، ޑަސުލްޑޯފް، ލައިޕްޒިގް އަދި ފްރޭންކްފާޓްގެ ކުޅުންތެރިން ފަޅު ސްޓޭޑިއަމްއަށް ވަދެގެން ދިޔައީ ފޭސް މާސްކު އަޅައިގެންނެވެ. އެއީ މީގެ ކުރިން އެ ކުޅުންތެރިން މެޗު ކުޅެން ދަނޑަށް ދިއުމުގެ ވެސް ކުރިން ފުރިފައި އޮތް ސްޓޭޑިއަމްތަކެވެ. ސަބްސްޓިއުޓް ކުޅުންތެރިންގެ މެދުގައި އެއްގޮނޑި ހުސްކޮށް ސޯޝަލް ޑިސްޓެންސަށް ތަން ދީފައި ވާއިރުވެސް އެ ކުޅުންތެރިން ތިބެން ޖެހުނީ މާސްކު އަޅައިގެންނެވެ.

ސަޕޯޓަރުންގެ ފޯރިގަދަ އަޑެއް ދަނޑަކުން ނީވޭނެ އެވެ. އޭގެ ބަދަލުގައި އެންމެ ގިނައިން އިވުނު އަޑަކީ، ގޯލްގެ ބޭރުން އަރިމަތީގެ ދާގަނޑުގައި ބޯޅައިން ޖެހުމުން އިވޭ އަޑެވެ. ނޫނީ ގޯލްގެ ދަނޑިއަށް ބޯޅަ އަމާޒުވުމުން އިވޭ އަޑެވެ. ލަނޑު ޖެހުމުން ބެންޗުގައި ތިބި ކުޅުންތެރިން ތަރުހީބުގެ އަތްތިލަ ބަޑިއެއް ޖަހަލާ އަޑެވެ. އެ އަޑުތައް ފިޔަވައި އެހެން އަޑެއް ނީވެ އެވެ.

އަމިއްލަ ދަނޑުގައި ކުޅެން ޖެހުނަސް، ހަގީގީ ހޯމް އެޑްވާންޓޭޖެއް ނެގޭނެ ގޮތެއް ނެތެވެ. ޑޯޓަމުންޑް އަމިއްލަ ދަނޑުގައި ކުޅޭ ކޮންމެ މެޗެއްގައި ވެސް "ޔެލޯ ވޯލް" ގެ ގޮތުގައި މަޝްހޫރު ވެފައިވާ ސްޓޭޑިއަމް އަށާއި އަމިއްލަ ސަޕޯޓަރުންނަށް އިހުތިރާމް ކުރުމުގެ ގޮތުން ސެލިއުޓް ކުރެ އެވެ. އިއްޔަގެ މެޗަށް ފަހުވެސް ހުސް ސްޓޭޑިއަމްގައި ވެސް އެކަން ފެނުނެވެ. ދަނޑުގައި ނެތީ އެއަށް ޖަވާބު ދޭނެ ސަޕޯޓަރުންނެވެ.

އެއީ ދުނިޔެ ކުރިމަތިލާ ނިއު ނޯމަލް ދިރިއުޅުމުގައި ދުނިޔެ އޮންނާ ގޮތެވެ. އެ ހާލަތުގައުގައިވެސް ދިރިއުޅެން ހޭނެން ޖެހެ އެވެ. އަލުން ކުރީގެ ހާލަތަށް އެނބުރި ދިއުމަށް އެތައް މަސްތަކެއް ހޭދަ ވެދާނެ އެވެ.