ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ޓޫތުޕޭސްޓް ގަންނަން ނުކުތް ކޯޗް އެކަހެރި ކޮށްފި

ދަތް އުނގުޅާ ބޭސް ފުޅިއެއް ގަންނަން، ހޮޓަލުން ނުކުތް ޖަރުމަންގެ އަގްސްބާގްގެ ކޯޗް ހައިކޯ ހާލިޗް ކަރަންޓީނު އުސޫލުތައް މުގުރާލުމުން ޓީމުގެ ފުރަތަމަ މެޗުން އޭނާ އެކަހެރި ކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލި ޖަރުމަންގެ ބުންޑެސް ލީގާ މާދަމާ ފަށާނެ އެވެ. މާދަމާ އަގްސްބާގް ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ނުކުންނާނީ ވުލްފްސްބާގް އާ ދެކޮޅަށެވެ. އެ މެޗުގައި އޭނާއަށް ބެންޗުގައި ނުހުރެވޭނެ އެވެ.

ބުންޑެސް ލީގާގެ ޓާސްކްފޯސް އިން ވަނީ ޓީމުތަކަށް ކަރަންޓީން އުސޫލު ކަނޑައަލާފަ އެވެ. ޓީމު ތިބި ހޮޓޮލުން ހާލިޗް ނުކުމެގެން ދިޔައީ ދަތް އުނގުޅާ ބޭސް ފުޅިއެއް ގަންނަން ސުޕަމާކެޓަކަށެވެ.

އަގްސްބާގްގެ ކޯޗް ކަމަށް، މާޗް މަހުގެ 10 ވަނަ ދުވަހު ހަމަޖެއްސި ހާލިޗް ބުނީ އޭނާ ބޭރަށް ނުކުތީ ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ. ނަމަވެސް ބޭރަށް ނުކުމެވުނީތީ މާފަށް އެދޭ ކަމަށް 48 އަހަރުގެ ކޯޗް ބުންޏެވެ.

"އަހަރެންގެ އަތަކު ނެތް ދަތް އުނގުޅާ ބޭސްފުޅިއެއް އެހެންވެ އަހަރެން ނުކުތީ ދަތް އުނގުޅާ ބޭސް ފުޅިއެއް ގަންނަން ސްޕަމާކެޓަށް،" ވީޑިއޯ ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ހާލިޗް ބުންޏެވެ. "މިއަދު ބައްވާ ޓީމުގެ ޓްރޭނިންގައިވެސް އަދި މާދަމާ ކުޅޭ ޓީމުގެ މެޗުގައިވެސް އަހަރެން ނުފެންނާނެ، އަހަންނަށް ހެދުނީ ގޯހެއް، އަހަރެން އެކަމާ މާފަށް އެދެން."

އެ ޓީމުގެ ކޯޗް ކަމާ ހަވާލުވުމަށް ފަހު ކުޅޭ ފުރަތަމަ މެޗުގައި ވެސް އޭނާ ހުންނަން ޖެހޭނީ ޓީމާ ދުރުގަ އެވެ. ޓީމާއެކު އޭނާއަށް ދެން މަސައްކަތް ކުރެވޭނީ، ކޮވިޑް-19 އަށް ދެ ފަހަރު ޓެސްޓް ކުރުމަށް ފަހު ޓެސްޓް ނެގެޓިވް ވުމުންނެވެ.