ޔޫއެފާ ނޭޝަން ލީގް

ފޯރިގަދަ ކުޅުމަކަށްފަހު ޖަރުމަނުން ނެދަލޭންޑްސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ޖަރުމަނުން ނެދަލޭންޑްސް 1-0ގެ ނަތީޖާއަކުން ބަލިކޮށްފި އެވެ.

މިއުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގައި ޖަރުމަނަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ.

މެޗުގެ ހަމައެކަނި ލަނޑު ޖެހީ 64 ވަނަ މިނެޓުގައި ޖަރުމަނުގެ ޖެމީ ލެވެލިންގެ އެވެ. އޭގެ ކުރިން ޖަރުމަނުން ޖެހި ލަނޑެއް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވާރު) އިން ވަނީ އޮފްސައިޑް ކަމަށް ނިންމާފަ އެވެ.

ނެދަލޭންޑްސްގެ މުހިއްމު ޑިފެންޑަރު ވެންޑައިކް ސަސްޕެންޑް ވެފައިވުމާއެކު، އެ ޓީމުގެ ޑިފެންސް ލައިން ދަށްކޮށް ފެނުނެވެ.

ނެދަލޭންޑްސް އަށް ލިބުނު މަދު ފުރުސަތުތަކުގެ ތެރެއިން ދެ ފަހަރަކު އެ ޓީމުން ޖަރުމަނުގެ ގޯލު ދަނޑިއަށް ވަނީ އަމާޒުކޮށްފަ އެވެ.

މި މެޗާއެކު ޖަރުމަނަށް ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ލިބި ގްރޫޕްގެ އެއްވަނަ ލިބިފަ އެވެ. ނެދަލޭންޑްސްއަށް ފަސް ޕޮއިންޓާއެކު ދެވަނަ އަދި ހަންގޭރީއަށްވެސް ފަސް ޕޮއިންޓާއެކު ތިންވަނަ ލިބިފައިވެ އެވެ.

މި ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުގައި ހަންގޭރީން ބޮސްނިއާ 2-0 އިން ބަލިކޮށްފައިވެ އެވެ. ހަންގޭރީގެ ދެ ލަނޑުވެސް ޖެހީ އެ ޓީމުގެ ކެޕްޓަން ޑޮމިނިކް ސޮބޮޒްލާއީ އެވެ.