ކުޅިވަރު

ޖަރުމަން ބަލިކޮށް ހޮލެންޑް އުންމީދު ދަމަހައްޓައިފި

ޖަރުމަންގެ މައްޗަށް 4-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އަންނަ އަހަރު ބާއްވާ ޔޫރޯއަށް ކޮލިފައި ވުމުގެ އުންމީދު ނެދާލޭންޑްސް އިން ދަމަހައްޓައިފި އެވެ.

އެންމެ ފަހުގެ ޔޫރޯ އާއި ވޯލްޑްކަޕުން ފުރުސަތު ގެއްލުނު ހޮލެންޑް އަލުން ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި އެނބުރި އަންނައިރު އެ ޓީމުގައި ނަގާ ކިޔަން ތިބީ ޒުވާން ކުޅުންތެރިންނެވެ.

ޖަރުމަންގެ ހަންބާގްގައި ކުޅުނު މެޗުގައި ޖަރުމަނުން ފުރަތަމަ ހާފުގައި ނެގި ލީޑާއެކު، ނަތީޖާ ހޮލެންޑް ކޮޅަށް އަނބުރާލުމުގައި ތަރިއަކަށްވީ ޒުވާން މިޑްފީލްޑަރު ފްރޭންކީ ޑި ޔޯންގް އެވެ. ޖަރުމަންގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ނުވަ ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސާޖް ގެނެބްރީ އެވެ.

ޑި ޔޯންގް ހޮލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 53 ވަނަ މިނެޓްގައި ރަޔަން ބޭބަލް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ހޮލެންޑުން ލިޑް ނެގީ ޖަރުމަންގެ ޖޮނަތަން ޓާ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. ހޮލެންޑުން ޖަރުމަންގެ އޭރިއާ ތެރެއަށް ނެގި ހުރަހެއް ހޮލެންޑްގެ މެންފިސް ޑީޕޭ ފޮނުވާލުމުން އެ ބޯޅަށް ގޯލަށް ވަނީ ޓާގެ ފައިގައި ޖެހިފައި މިސްރާބު ބަދަލު ވެގެން ގޮހެ ވެ.

މެޗުގެ 73 ވަނަ މިނެޓްގައި ޖަރުމަންގެ މިޑްފީލްޑާ ޓޮނީ ކްރޫޒް ވަނީ ލިބުނު ޕެނަލްޓީއެއްގައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ނަމަވެސް އޭގެ ހަ މިނެޓް ފަހުން ހޮލެންޑުން އަނެއްކާވެސް ލީޑް ނެގި އެވެ. އެ ލަނޑު ކާމިޔާބު ކުރީ ޑޮނިއެލް މާލެން އެވެ. ހޮލެންޑްގެ ހަތަރު ވަނަ ލަނޑު ޖޯޖީނިއޯ ވައިނަލްޑަންމް ކާމިޔާބު ކުރީ މެޗުގެ 91 ވަނަ މިނެޓްގަ އެވެ.

އެ ގުރޫޕްގައި އެސްޓޯނިއޯ އާއި ބެލަރޫސް ކުޅުނު މެޗު ބެލަރޫސް ކާމިޔާބު ކުރީ 2-1 ންނެވެ. ގުރޫޕްގެ އެއް ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވި އުތުރު އަޔަލެންޑެވެ. ޖަރުމަނަށް ނުވަ ޕޮއިންޓެވެ. އެއް މެޗުން މަދު ކުޅެ ހޮލެންޑް އޮތީ ހަ ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގަ އެވެ.

ހޯމަ ދުވަހުގެ ރޭ އެސްޓޯނިއާ އާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެގެން ހޮލެންޑަށް ޖަރުމަނާ ޕއޮިންޓްގެ ގޮތުން ހަމަހަމަ ކުރެވޭނެ އެވެ.