ޓެކްސް

ޓެކްސް ބޮޑުކުރުން: ރަނގަޅު ވެދާނެތަ؟

އެ ކި ނަންނަމުގައި ނަގަމުންދާ ތަފާތު ޓެކްސްތަކުން ދައުލަތަށް ކޮންމެ އަހަރަކުވެސް ބޮޑު އާމްދަނީއެއް ލިބެ އެވެ. އެކި ސަރުކާރުތަކުގައި ދޭތެރެ ދޭތެރެއިން ޓެކްސްތައް މުރާޖައާކޮށް ބޮޑުވެސް ކުރެ އެވެ. ސަބަބެއް ކަމަށް ބުނަނީ ދަރަނި އިތުރުވަމުން ދިއުމާއި ހަރަދުތައް ހަމަޖެއްސުމާއި އާމްދަނީ އިތުރުކުރުމެވެ.

މިހާރު އަނެއްކާވެސް އިވެނީ ޓެކްސްތަކެއް ބޮޑުކުރާ ވާހަކަ އެވެ. މިބަދަލާ އެކު 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ދައްކަންޖެހޭ ބޮޑު ދަރަނީގެ ވާހަކަ އާއި އެކަމަށް ތައްޔާރުވުމުގެ ވާހަކަތައްވެސް އެބަ ދެކެވެކެވެ.

މާޒީއަށް ޖެހިލާއިރު މިހާރު ނަގަމުންދާ ޖީއެސްޓީ ފަދަ ޓެކްސްތައް ތައާރަފުކުރުމުގެ ކުރިން 2010 ވަނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 6.3 ބިލިއަން ރުފިޔާ އެވެ. ބޭރުގެ ހިލޭ އެހީއާއެކު މި އަދަދު 6.5 ބިލިއަން ރުފިޔާއަށް އަރަ އެވެ. ހަރަދުތައް އެ އަހަރު ހުރީ 10.8 ބިލިއަން ރުފިޔާގަ އެވެ.

ޓެކްސްތައް ތައާރަފުކުރުމާއެކު ދައުލަތަށް ބޮޑު އާމްދަނީއެއް ލިބެން ފެށި އެވެ. އެގޮތުން މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ނަގަން ފެށީ 2011 ވަނަ އަހަރު އެވެ. އެ އަހަރު ދައުލަތުގެ އާމްދަނީ 9.9 ބިލިއަން ރުފިޔާއަށް އެރި އެވެ. ނަމަވެސް ހަރަދު ހުރީ 12.6 ބިލިއަން ރުފިޔާގަ އެވެ.

ފާހަގަކޮށްލަން ބޭނުންވީ 2010 ވަނަ އަހަރުގެ ހަރަދާއި ދާދި ގާތްކުރާ އާމްދަނީއެއް 2011 ވަނަ އަހަރު ދައުލަތަށް ލިބުނުއިރު ދައުލަތުގެ ހަރަދުތައް އަނެއްކާވެސް އިތުރުވެފައިވާ ކަމެވެ.

ދައުލަތަށް ކިތަންމެ ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް ހަރަދު ކުޑަ ނުކުރެވޭނަމަ އަރަނި ކުރެވޭނެ ގޮތެއް ނޯންނާނެ އެވެ. ހަރަދު ކުޑަކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ދިޔައީ ތަކުރާރުކޮށް އިރުޝާދު ދެމުންނެވެ. ނަމަވެސް އެކަމެއް ފާއިތުވި ސަރުކާރުތަކުން އިޖާބައެއް ނުދެ އެވެ.

ހަރަދު ކުޑަކުރުމުގެ ބަދަލުގައި ނިމިދިޔަ ސަރުކާރުގައިވެސް ޖީއެސްޓީ އާއި ގްރީން ޓެކްސް އާއި އެއާޕޯޓް ޓެކްސް ބޮޑުކުރި އެވެ.

މި ޓެކްސްތައް ބޮޑުކުރުމުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރީ އޭރު އިދިކޮޅުގައި ތިބި މިއަދުގެ ސަރުކާރަށް ނިސްބަތްވާ ބޭފުޅުންނެވެ. ޓެކްސް ބޮޑުކުރުމާއި ދެކޮޅަށް އެންމެ ބާރަށް ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރޭގައި މިހާރުގެ ސަރުކާރަށް ނިސްބަތް ވެވަޑައިގަންނަވާ މަޖިލިސް މެންބަރުންގެ އިތުރުން ކެބިނެޓްގެ ވަޒީރުން ހިމެނެ އެވެ.

އެގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި މަހިބަދޫ ދާއިރާ މިހާރުވެސް ތަމްސީލު ކުރައްވާ އަހްމަދު ތޯރިގު ވަނީ ޖީއެސްޓީ ބޮޑުކުރުމަކީ ރަނގަޅު ކަމެއް ނޫންކަން ފާހަގަކުރައްވާފަ އެވެ.

"ޕްރައިސް ސެންސިޓިވް ނޫން މީހުންނަށް މި ތިބެނީ އެންމެ ހައިއެންޑް މީހުން. އެ މީހުންނަށް ކިތަންމެ އަގުބޮޑަސް އެ މީހުން ފަރުވާލެއް ނުބަހައްޓާ. 12 ޕަސެންޓް އިން 16 ޕަސެންޓްއަށް ޖެއްސިޔަސް، މި ދަންނަވާ ބްރޭންޑްތަކަށް އަންނަ ޓޫރިސްޓުންނަށް އަސަރު ނުކޮށްފާނެ. އެކަމަކު ރާއްޖޭގައި ލޯކަލް މީހުން މި ހިންގާ ރިސޯޓުތައް، ހަތަރު ސްޓާ ނުވަތަ ފަސް ސްޓާގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ލިވްއަ ބޯޑުތަކަށް މީގެ އަސަރު ވަރަށް ނުރަނގަޅު ގޮތެއްގައި ކުރާނެ. ޔަގީންކަމާ އެކު އަޅުގަނޑު މި ދެންނެވީ،" ތޯރިގު ވިދާޅުވި އެވެ.

އެކަމަކު މިހާރު އަނެއްކާވެސް އިވެނީ ގްރީން ޓެކުހާއި އެއާޕޯޓް ޓެކްސް ބޮޑުކުރާ ވާހަކަ އެވެ. މިއީވެސް ފަތުރުވެރިކަމާއި ގުޅިފައިވާ ޓެކްސްތަކެއް ކަމުން މި ޓެކްސްތައް ބޮޑުކުރުމަކީވެސް ފަތުރުވެރިކަމަށް ނުރަނގަޅު އަސަރު ކުރާނެ ކަމެއް ކަމަށް ބައެއް ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ.

މަތީ ފަންތީގެ ފަތުރުވެރިކަމަށް ރާއްޖެ މަޝްހޫރުވެފައި އޮތް ނަމަވެސް ރާއްޖެ ޒިޔާރަތްކުރާ ހުރިހާ ފަތުރުވެރިންނަކީ "ހައިކްލާސް" ފަތުރުވެރިންނެއް ނޫނެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްލަން އަންނަ ފަތުރުވެރިން މަދެއް ނޫނެވެ. އެހެންކަމުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ކުރަން، ކުރަންޖެހޭ ހަރަދު ބޮޑުވުމަކީ، ކުޑަ ހޭދައެއްގައި ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ ފަތުރުވެރިން ރާއްޖެ އައުމަށް ފަސްޖެހޭނެ ކަމެކެވެ.

އަނެއްކޮޅުން އެއާޕޯޓް ޓެކުހަކީ ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ދިވެހިންވެސް ދައްކަންޖެހޭ ޓެކުހެކެވެ. ޓެކްސް މުރާޖައާކުރާ ގޮތަކުން ދިވެހިންވެސް މި ޓެކްސް ދައްކަންޖެހޭ ނިސްބަތް ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ.

ޗުއްޓީ ހޭދަކޮށްލަން ރާއްޖެއިން ބޭރަށް ދަތުރުކުރާ މަހުޖަނާއި ވިޔަފާރިވެރިޔާއަށް މިއީ މާބޮޑު ކަމަކަށް ނުވި ނަމަވެސް ނިކަމެތި މީހާ ބޭހަކަށް ނުވަތަ ޒަރޫރީ ބޭނުމެއްގައި ފުރަންޖެހޭއިރު މިއީ އޭނާއަށް ބޮޑު ބުރައަކަށްވާނެ އެވެ.

ދެން ދައްކަނީ ދައުލަތަށް ނުލިބި އެތައް ބިލިއަން ރުފިޔާއެއް ހުރި ވާހަކަ އެވެ. މީގެތެރޭގައިވެސް ގިނައީ ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތަށް ލިބެންޖެހޭ ޓެކުހެވެ. އެ ފައިސާ ހޯދުމަށް އެތައް މަސައްކަތެއް ކޮށްގެން ލިބެނީ ނިސްބަތުން ވަރަށް ކުޑަ މިންވަރެކެވެ. އެކަމަކު މަހުޖަނުން ވީމާ އެ މީހުންނާ ކުޅެލާން ނުކެރެ އެވެ.

ޓެކްސް ބޮޑުކުރުމަށް ވުރެ ނުލިބި ހުރި އާމްދަނީ ހޯދުމާއި ހަރަދު ކުޑަކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ ކަމަކެވެ. އަނެއްކާވެސް ޓެކްސްތައް ބޮޑުކޮށް ދައުލަތަށް މި ފަސް އަހަރު ލިބުނު އާމްދަނީ ފާއިތުވި އަހަރުތަކަށް ވުރެ އިތުރު ކަމަށް ބުނެ އެކަން ފާހަގަކުރުމަށްވުރެ ހަރަދު ކުޑަކޮށް ދަރަނި ކުޑަކުރުން މާ މުހިއްމެވެ.

ގައުމަށް ދިމާވެފައި މިވާ އިގްތިސާދީ ބޮޑު ކާރިސާއިން އަރައިގަނެވެން އޮތީ ހަރަދު ކުޑަކުރުން އެއީ އެންމެ އިސްކަންދޭ ކަމަކަށް ހަދައިގެން ކަމަށް އެއްބަސްނުވާ އެކަކުވެސް ނެތެވެ. އެހެންކަމުން ފުރަތަމަ އިސްކަން ދޭންވީ އިސްރާފު ކުޑަކުރުމަށާއި ހަރަދު ކުޑަކުރުމަށެވެ.