ރައްޔިތުންނަށް ހިދުމަތް ދޭން ހޯދާ ފައިސާ މިހާރު ލިބެނީ ޓެކްސް ނިޒާމުގެ ތެރެއިންނެވެ. ކުރިއާ ހިލާފަށް، މި ނިޒާމަށް އަންނަ މިނިވަން ކަމަކާއި އިތުބާރު ގުޅިފައިވަނީ ރައްޔިތުންނާ އެވެ. ގިނައިން ޓެކްސް ފައިސާ ހޯދޭނީ، ޓެކްސް ނިޒާމު އެފިޝެންޓްވެ، ވަރުގަދަވީ ވަރަކުންނެވެ. ރާއްޖެއަށް 2010 ވަނަ އަހަރު ތައާރަފުވި ޓެކްސް ނިޒާމު އަދިވެސް މިއޮތީ ޅަފަތުގަ އެވެ. ނިޒާމުގައި އިސްލާހު ކުރަންޖެހޭ ގިނަ ކަންކަތައްތަކެއް އެބަހުއްޓެވެ.
ޓެކްސް ނިޒާމު މި ހާލުގައި އޮއްވާ މިވަގުތު ގެންނަ ކޮންމެ ބަދަލެއްގެ ސީދާ އަސަރު މުޅި ގައުމަށް ކުރާނެ އެވެ. ޓެކްސް ނިޒާމް އިސްލާހު ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އެހެންވެ ސަރުކާރު އައުމުގެ ކުރިން ނިޒާމުގައި ހުރި މައްސަލަތައް ރަނގަޅު ކުރުމުގެ ވާހަކަ ދެއްކި އެވެ. އެގޮތުން މިހާރު ވަނީ ރައްޔިތުން މަޖިލީހަށް ޓެކްސް ނެގުމުގެ އިދާރާ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅާފަ އެވެ. ނަމަވެސް މިފަހަރު ހުށަހަޅާފައިވާ އިސްލާހުތަކުގައި ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
"ޓެކްސް ނެގުމުގެ ނިޒާމު އިސްލާހު ކުރަން ޖެހޭ. އެކަމަކު ގެންނަ އިސްލާހަކީ މުޅި ނިޒާމުގެ މުސްތަގިއްލުކަން ނުގެއްލޭނެ ކަމަކަށް ވާން ޖެހޭނީ. މިހާރު އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި ގިނަ މައްސަލަ ތަކެއް އެބަހުރި،" މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އިސް މަގާމު ތަކެއް ފުރުއްވާފައިވާ ބޭފުޅަކު ނަން ހާމަ ނުކުރައްވާ ވިދާޅުވި އެވެ.
ޓެކްސް ނެގުމުގެ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހު ސްޕޮންސާކޮށްފައި ވަނީ އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. މިހާރުގެ އިސްލާހުގައިވާ ގޮތުން މީރާގެ ބޯޑަށް ރައްޔިތުން މަޖިލީހުން އައްޔަން ކުރާ ފަސް މެންބަރުންގެ އިތުރު ދެ މެންބަރުން ބޯޑަށް އިތުރުވާނެ އެވެ. މި މެންބަރުންގެ ތެރޭގައި ފިނޭންސް މިނިސްޓަރު އައްޔަން ކުރާ މެންބަރަކު ވެސް ހިމެނެ އެވެ.
ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިގޮތަށް އިސްލާހު ކޮށްފިނަމަ މީރާގެ ތެރެއަށް ސަރުކާރުގެ އަތް ވަނުމުގެ ފުރުސަތު ހުޅުވިގެން ދިޔައީ އެވެ. އަދި އެގޮތަށް އެކަން ހިނގަމުންދާނެ އެވެ.
ސިޔާސީ ނުފޫޒު ވަދެގެން ނުވާނެ
މިހާރު ގެންނަން ހުށަހަޅާފައިވާ އިސްލާހާ ބެހޭ ގޮތުން ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ. ސަބަބަކީ ރާއްޖޭގެ ސިޔާސީ ކަންކަން އޮންނަ ގޮތުން ސިޔާސަތުތަކާ ނުރުހުންވާ ވިޔަފާރިވެރިންނާ ޖައްސާލުމުގެ ގޮތްތަކެއް މީގެ ކުރިން އަބަދުވެސް ފެނިގެން ގޮސްފައިވާތީ އެވެ. އެހެންކަމުން މީރާގެ ބޯޑުގެ އެކުލެވުމަށް ބަދަލު ގެނެސް ސަރުކާރު އޭގެ ތެރެއަށް ވަދެ، އަތްބާނަން ފުރުސަތު ދީފިނަމަ މީރާގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމުގެ ފުރުސަތު ބޮޑުތަނުން ފަހިވާނެ އެވެ. އެކަން އެހެން ހިނގާނެ އެވެ.
ގިނަ އަދަދަކަށް ޓެކްސް ދައްކާ ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި އެ ބަދަލަކީ ގެންނަން އެހާ ރަނގަޅު ބަދަލެއް ނޫނެވެ.
"މިހާރު ވެސް މީރާގައި ސިޔާސީ ނުފޫޒު ނެތީއެއް ނޫނޭ މިހާރު ވެސް މި އުޅެނީ ސިޔާސީ ނުފޫޒު ވަންނަ ވަރުން. އެ ވަރަށް މިނިވަންކޮށް އޮންނަ އިރުވެސް. ދެން، ކިހިނެއް ތޯ ވާނީ ފިނޭންސް މިނިސްޓަރު އައްޔަން ކުރާ މެންބަރަކު މީރާގެ ބޯޑަށް ލީމަ! މިގޮތަށް ފާސް ކޮށްފިނަމަ މީރާ ވެގެންދާނީ ފިނޭންސް މިނިސްޓްރީގެ ޑިޕާޓްމަންޓަކަށް،" އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ އެއް ކުންފުނީގެ ވެރިއަކު، ވިދާޅުވި ގޮތުގައި މީރާއަކީ މިނިވަން ކަމާއެކު މަސައްކަތް ކުރާ ތަނަކަށް ވާން ޖެހޭއިރު، ގެންނަ ބަދަލެއްގެ ސަބަބުން އެ ތަނުގެ މުސްތަގިއްލުކަން ގެއްލިގެން ދިއުމަށް ފުރުސަތު ދީގެން ނުވާނެ އެވެ.
"ގަބޫލު ކުރަން ޓެކްސް ނިޒާމު އިސްލާހު ކުރަން ޖެހޭކަން. ހާއްސަކޮށް ކުދި ވިޔަފާރިތަކަށް މި ނިޒާމު ފަސޭހަ ކުރަން ޖެހޭ. އެކަމަކު އެތަނުގެ ފޯމޭޝަނަށް ބަދަލު ގެންނަން އުޅޭތީ މައްސަލައަކީ. މިއިން މި އެނގެނީ އެ އުޅެނީ އެހެން ބޭނުމެއްގައިކަން. މިއީ އެއްގޮ ތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ވިޔަފާރީގެ ސިއްރުތައް ރައްކާކުރާ ތަނެއް
އެންމެ ރަނގަޅު ނޫނަސް މީރާއަކީ މިހާތަނަށްވެސް ވިޔަފާރިވެރިން އިތުބާރުކުރި ތަނެކެވެ. ސަބަބަކީ ސިއްރު ހިފެހެއްޓުމާއި ހިންގުމުގައި ގެންގުޅުނު ހަރުދަނާ ކަމެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން މީރާގައި ހުރި ވިޔަފާރިވެރިންގެ ސިއްރުތައް އާއްމުވުމުގެ ފުުރުސަތު އޮންނާނެ ކަމަށް ގިނަ ވިޔަފާރިވެރިން ދެކެ އެވެ.
މިހާރު ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން މީރާގެ ބޯޑުގެ އިދާރީ ކަންކަން ބަލަހައްޓަން ޖެހެނީ ދައުލަތުގެ މާލީޔާގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލު ކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކުން ނެވެ. އެއީ ފިނޭންސް މިނިސްޓްރީ އެވެ. މި އިސްލާހު އޮތް ގޮތުން މީރާގެ ބޯޑުގެ ހުރިހާ އިދާރީ ކަންކަން ބަލަހައްޓާނީ ފިނޭންސް މިނިސްޓްރީ އެވެ.
އެހެން ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި ޓެކްސް ދައްކާ މީހުންގެ މައުލޫމާތު ސިއްރު ކުރުމަކީ މީރާގެ މައްޗަށް ލާޒިމްވާ ކަމެކެވެ. އިސްލާހެއް ގެނައި ނަމަވެސް އެކަމަށް ބަދަލު އައިސްގެން ނުވާނެ އެވެ.
"މީރާ އަށް މި ހުށަހަޅަނީ ވިޔަފާރީގެ ހުރިހާ ހިސާބު ކިތާބެއް. އެހެންވެ މި ހިސާބުން އެ ހިސާބުތައް ސިޔާސީ މީހުންގެ އަތްމައްޗަށް ދާ ކަހަލަ ގޮތަކަށް އޮވެއްޖެނަމަ އެއީ ޓެކްސް ނިޒާމުގެ އިތުބާރު ގެއްލޭ ހިސާބު. އެހެންވީމަ މިހާރު ގެންނަން ހުށަހަޅާފައިވާ އިސްލާހު ތަކާމެދު ގޮތެއް ނިންމާއިރު ވަރަށް ވިސްނަން ޖެހޭ މެންބަރުން،" ޓޫރިޒަމް ވިޔަފާރީގައި ހަރަކާތްތެރިވާ އެ ބޭފުޅާ ވިދާޅުވި އެވެ.
ބިލުގައި ރަނގަޅު ކަންކަން ހިމެނޭ
ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ހަމައެކަނި ގޯސް ކަންތައްތަކެއް ވެސް ނޫނެވެ. ބިލުގައި ރަނގަޅު ކަންތައްތަކެއް އެބަހުއްޓެވެ. އެއީވެސް ފާހަގަ ކުރަން ޖެހޭ ކަމެކެވެ. އޭގެތެރޭގައި މަގާމުގައި ދެމި ތިބެވޭނެ މުއްދަތެއް ކަނޑައެޅުމާއި ބޯޑު މެންބަރުންގެ މާލީ ބަޔާން ހުށަޙަޅަން ލާޒިމް ކުރާ ގޮތަށް އޮތް އޮތުން ފާހަގަވެ އެވެ.
ކޮންމެ ގޮތެއް ވިޔަސް ރާއްޖޭގެ ޓެކްސް ނިޒާމު އޮތީ ރަނގަޅު އިސްލާހަކަށް ބޭނުންވެފަ އެވެ. މި ނިޒާމު އިސްލާހު ކުރަން ޖެހެ އެވެ. ނަމަވެސް ގެންނަ އިސްލާހެއްގެ ސަބަބުން މީރާއަށް ސިޔާސީ ނުފޫޒު ވަންނަން ބާގަނޑެއް ހެދިގެން ނުވާނެ އެވެ. އެފަދަ ކަމެއް ދިމާވެއްޖެނަމަ އެކަން ވެގެންދާނީ ރާއްޖޭގެ މުޅި އިގްތިސޯދާއި ރައްޔިތުންގެ ދިރިއުޅުމުގައި ހެދޭ ބައްދަން ދަތި ބާގަނޑަކަށެވެ.