މޯލްޑިވްސް ޕޮލިސް ސާވިސް

ކުށް ކުރުމުގެ ކުރިން ޓޭކްނޮލޮޖީއާއި އޭއައި ބޭނުންކޮށްގެން އެކަން ހުއްޓުވަންޖެހޭ: ސީޕީ

ކުށެއް ކުރުމުގެ ކުރިން ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އެކަން ހުއްޓުވުމުގެ ގާބިލްކަން ފުލުހުންނަށް ހޯދަދޭންޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނާ މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ކޮމިޝަނާގެ ވާހަކަފުޅުގައި ވަނީ މި ޒަމާނަކީ ޓޭކްނޮލޮޖީއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޒަމާނެއްކަން ފާހަގަކުރައްވާފަ އެވެ. އެހެންވެ ފުލުހުންވެސް މަސައްކަތުގައި ޓެކްނޮލޮޖީއާއި އޭއައި ބޭނުންކޮށްގެން ކުރިއަށް ދާންޖެހޭ ކަމުގައި ވިދާޅުވި އެވެ.

"ފުލުހުންގެ މަސައްކަތުގައި ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކުށެއް ކުރުމުގެ ކުރިން އެކަން ހުއްޓުވުމުގެ ގާބިލުކަން ފުލުހުންނަށް ލައިދޭން އެބަ ޖެހޭ،" ކޮމިޝަނާ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކަށް ފުލުހުން ތައްޔާރުކުރަން ޖެހޭ ކަމަށެވެ. ރާއްޖެއަށް މިއަދު އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެއްޗާއި ކުށްކުރާ ގްރޫޕްތަކުގެ އުދަނގޫ ބޮޑުވުން ކަމަށާއި އެކަން ހުއްޓުވުމަށް ތަފާތު ގޮތަކަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ގައުމުގައި ރޭވިގެން ހިންގާ ބޮޑެތި ކުށްތައް ތަހުގީގުކުރުމުގައި ފުލުހުން މިހާރަށް ވުރެ ބޮޑަށް ކުޅަދާނެ ވާންޖެހޭކަން ފާހަގކުރައްވާ ކޮމިޝަނާ ވިދާޅުވީ ޓެރަރިޒަމާއި ފައިނޭންޝަލް ކްރައިމްސް ތަހުގީގުކުރުމުގައި ފުލުހުންގެ ކެޕޭސިޓީ އެތައް ގުނައެއް އިތުރުކުރަން ޖެހޭ ކަމަށެވެ.

ކޮމިޝަނާ ވަނީ ވަސީލަތްތައް ފުލުހުންނަށް ދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާކަންވެސް ފާހަގަކުރައްވާފަ އެވެ. އަދި އެ މަނިކުފާނަށް އެންމެހާ ފުލުހުންގެ ފަރާތުން ޝުކުރު ދަންނަވާފަ އެވެ.