މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

ރާއްޖޭގައި 5 ސްޕޯޓްސް ފިޝިން ހާބަރު ތަރައްގީކުރަނީ

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސްޕޯޓްސް ފިޝިން ހާބަރު ތަރައްގީކުރުމަށް ޓޫރިޒަމް މިނިސްޓްރީއާއެކު ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މަޝްވަރާކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ވަނީ ސްޕޯޓްސް ފިޝިން ހާބަރު ތަރައްގީކުރުމަށް ހަމަޖެހިފައިވާ ފަސް ސަރަހައްދާ ބެހޭގޮތުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއާ އެކު މަޝްވަރާކުރައްވާފަ އެވެ.

ފިޝިން ހާބަރު ތަރައްގީކުރުމުގެ މަޝްރޫއު އަވަސްކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ފަންނުވެރިންގެ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން މިނިސްޓަރު ފައިސަލް ވަނީ ދެއްވާފަ އެވެ.

މިނިސްޓަރު ޝިޔާމް ވަނީ މެރިކަލްޗާ ސިނާއަތެއްގެ ގޮތުގައި ތަރައްގީކުރުމާ ބެހޭ ގޮތުންވެސް މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގެ އުފެއްދުންތައް އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްކަންދެއްވާ ކަމެއްކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި ސްޕޯޓްސް ފިޝިން ހާބަރުތަކެއް ގާއިމުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. މިއީ ގިނަ ޒުވާނުން ޝައުގުވެރިވާ ހަރާކާތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައިވެސް މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ކަނޑައަޅުއްވާފައިވެ އެވެ.