ރާއްޖެއާއި ސައުދީ އަރަބިއްޔާއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ސައުދީ އަރަބިއްޔާއަށް މަސް އެކްސްޕޯޓް ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ސައުދީ އަރަބިއްޔާއާއި ރާއްޖެއާއި ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކުރީ މިމަހުގެ އެއްވަނަ ދުވަހު ސައުދީ އަރަބިއްޔާ ގައެވެ.
މިއެއްބަސްވުމާ ގުޅޭގޮތުން މިނިސްޓަރު ޝިޔާމު ވިދާޅުވީ މިއެއްބަސްވުމުގެ ސަބަބުން ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.
މި އެއްބަސްވުމުގެ މަގުސަދަކީ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމާއި މަސް އެކްސްޕޯޓު ކުރުމާއި ޓެކްނޮލޮޖީގެ މައުލޫމާތު ބަދަލުކުރުން ކަމުގައި މިނިސްޓަރު ޝިޔާމު ވިދާޅުވި އެވެ. މީގެއިތުރުން މެރިކަލްޗާ ދާއިރާއިން އިންވެސްޓް ކުރުމަށް މަގު ފަހިވެގެން ދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ސައުުދީ އަރަބިއްޔާއަކިީ ސީފުޑުގެ މާކެޓް ވަރަށް ބޮޑަށް ފުޅާވަމުންދާ ގައުމެކެވެ.
ވިޔަފާރި އާއި އިގުތިސާދީ ދާއިރާއިން ރާއްޖެއާއި ސައުދީ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) އިން 150 މިލިއަން ޑޮލަރުގެ ލޯނެއް މި އަހަރުގެ މޭ މަހު ރާއްޖެއަށް ދީފައިވެ އެވެ.