އެމެރިކާގެ ސަރުކާރުން އިރާނުގެ ނިއުކުލިއާ ޕްރޮގުރާމާ ގުޅޭގޮތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަަމަށް ހާމަކޮށްފި އެވެ.
ބައިނަލްއަޤްވާމީ އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)އަށް ކަނޑައަޅާފައިވާ އެމެރިކާގެ ސަފީރު ލޯރާ ސޫސަން ހޭޒް ހޮލްގޭޓް، އައިއޭއީއޭގެ ބޯޑު އޮފް ގަވާނަސްގައި ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އިރާނުގެ ނިއުކުލިއާ ޙަރަކާތްތައް ދަނީ ވަރަށް ނުރައްކާތެރި މަގަކުން ކަމަށެވެ.
އެމެރިކާގެ ސަފީރު ފާހަގަކުރެއްވި ގޮތުގައި އިރާނުން ދަނީ އެ ގައުމުގެ ނިއުކުލިއާ ޕްރޮގުރާމް ފުޅާކުރަމުންނެވެ. އަދި އިތުރު އެޑްވާންސްޑް ސެންޓްރިފިއުޖް ކެސްކޭޑްތައް ބަހައްޓަމުންނެވެ. މީގެ އިތުރުން ސުލްހަވެރި ބޭނުމަކަށް ބޭނުން ކުރަންނުޖެހޭ ހައި އެންރިޗްޑް ޔުރޭނިއަމް އުފެއްދުމުގެ މަސައްކަތްވެސް އިރާނުން ކުރަމުންދާ ކަމަށް ތުހުމަތުކުރި އެެވެ.
އެމެރިކާގެ ސަރުކާރުން ގޮވާލާފައިވަނީ އިރާނުން އިތުރު ވަގުތު ހޭދަނުކޮށް ބައިނަލްއަގްވާމީ ގާނޫނީ އިމުގެ ތެރެއަށް ވަނުމަށެވެ. އަދި ސެންޓްރިފިއުޖް އެންރިޗްމަންޓާ ގުޅޭ ހަރަކާތްތަކާ ބެހޭގޮތުން އައިއޭއީއޭއަށް ފުރިހަމަ މައުލޫމާތު ހިއްސާކުރުމަށްވެސް ގޮވާލާފައިވެ އެވެ.
އެހެންނަމަވެސް އިރާނުގެ ސަރުކާރުން ތަކުރާރުކޮށް ބުނަމުން އަންނަނީ އެ ގައުމުގެ ނިއުކުލިއާ ޕްރޮގުރާމް ކުރިއަށް ގެންދަނީ ބައިނަލްއަގްވާމީ އެޓޮމިކް އެނާޖީ އެޖެންސީގެ ޝަރުތުތަކާ އެއްގޮތަށްވާ ގޮތަށް ކަމަށެވެ. އަދި އެ ގައުމުގެ ނިއުކުލިއަ ހަރަކާތްތައް އަބަދުވެސް ހުންނާނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އުސޫލުތަކުގެ އިމުގެ ތެރޭގައި ކަމަށްވެސް އިރާނުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އިރާންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ އިރާންގެ ނިއުކުލިއާ ޕްރޮގްރާމާ ގުޅިގެން މީގެކުރިން އެކުލަވާލި އެއްބަސްވުން -- ޖޭސީޕީއޯއޭ (ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން) އަލުން އާލާކުރެވޭނީ އެ އެއްބަސްވުމުގެ ދަށުން އެހެން ފަރާތްތަކާ ހަވާލުކުރެވިފައިވާ އިލްތިޒާމުތަކަށް ތަބާވުމުން އެކަނި ކަމަށެވެ. އަދި އިރާނުން އެއްވެސް އިރެއްގައި ޖޭސީޕީއޯއޭ އަލުން އާލާކުރުމަށް ކުރެވޭ މަޝްވަރާތަކުގެ މޭޒުން ދުރުވެފައި ނުވާނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ.