ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)

އުފެއްދުންތެރި ފަންނުވެރިންނަށް ހާއްސަ ފަންޑެއް ތައާރަފްކޮށްފި

ރާއްޖޭގެ އުފެންދުންތެރި ފަންނުވެރިންނަށް އަމާޒު ކޮށްގެން ތިންލައްކަ ރުފިޔާ އާއި ހަމަައަށް އެހީތެރިކަން ލިބޭ ކްރިއޭޓިވް އިކޮނޮމީ ފަންޑެއް ސަރުކާރުން ތައާރަފް ކޮށްފި އެވެ.

ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މިފަންޑު އިފްތިތާހު ކޮށްދެއްވުމަށްފަހު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ކުރިއަށް އޮތް ފަސް އަހަރަށް ކްރިއޭޓިވް އިކޮނޮމީގެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ މަގުޗާޓެއްވެސް އިފްތިތާހު ކޮށްދެއްވާފައިވެ އެވެ.

މިފަންޑުން ހަތަރު ދައިރާއަކުން އެހީތެރިކަން ދިނުމަށް ނިންމާފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ ފިލްމް އުފެއްދުމާއި، މިއުޒިކް އުފެއްދުމާއި، އާޓްސް އެންޑް ކްރާފްޓް ދާއިރާއާއި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންގެ ދާއިރާ އެވެ.

ފަންޑުގެ އެހީ ލިބުމަށް ޝަރުތު ހަމަވާ ކޮންމެ ފަރާތަކަށްވެސް 50،000 ރުފިޔާ އާއި 300،000 ރުފިޔާ އާއި ދެމެދުގެ އަދަދަކަށް އެހީތެރިކަން ދިނުމަށް ނިންމާފައިވެ އެެވެ.

މިފަންޑުގެ އަމާޒާކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގައިވާ ކްރިއޭޓިވް އިކޮނޮމީ ތަރައްގީކުރުމުގެ މަސައްކަތްތަކުގެ ދަށުން އުފެއްދުންތެރި ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ބީސީސީ އިން ބުނީ އަލަށް އިފްތިތާހް ކުރި ފަންޑާ އެކު އުފެއްދުންތެރި ފަންނުވެރިންނަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.

ފަންޑުން އެހީ ބޭނުންވާ މީހުންނަށް ކުރިމަތިލުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮކްޓޫބަރު 10 ވަނަ ދުވަހު އެވެ.

ފަންޑުން ފައިސާ ދޫކުރާއިރު އިސްކަންދިނުމަށް ހަމަޖެހިފައިވަނީ ފްރީލާންސްކޮށް މަސައްކަތް ކުރާ މީހުންނަށާއި، އުފެއްދުންތެރި އެންމެ ކުދި ވިޔަފާތަކަށެވެ.