ސުނާމީ ބިނާ މައިޒާން

ރަސްފަންނުން ސުނާމީ ބިނާ މައިޒާނަށް ޖޮގިން ޓްރެކެއް އަޅަން ނިންމައިފި

Mar 13, 2016
5

މާފަންނު ރަސްފަންނުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް ޖޮގިން ޓްރެކެއް އަޅަން ނިންމައި ސަރުކާރުން އެކަން އިއުލާން ކޮށްފި އެވެ. މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ވީރާނާވެފައި އޮތް ތިން ރުއްޕާކުގައި ސުނާމީ ބިނާ ބަހައްޓައި ޒަމާނީ ފެންވަރަށް ތަރައްގީކޮށް "ސުނާމީ ބިނާ މައިޒާން" ގެ ނަމުގައި ހުޅުމަށް މިރޭ އެ މައިޒާނުގައި ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރަސްފަންނުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އަޅާ ޖޮގިން ޓްރެކަކީ 700 މީޓަރުގެ ޓްރެކެއް ކަމަށެވެ.

އަދި ވިދާޅުވީ އެ ޓްރެކް އަޅަނީ އެންމެ ޒަމާނީ ފެންވަރުގައި އަދި ޕްރޮފެޝަނަލްކޮށް ޖޮގިން ކުރާ ޓްރެކްތައް ދުނިޔޭގެ ގައުމުތަކުގައި ހަދާފައިވާ ފެންވަރުގައި އަދި އެ ފެންވަރުގައި ބެލެހެއްޓޭ ގޮތަށް ކަމަށެވެ.

"މި ޖޮގިން ޓްރެކްގެ ސަބަބުން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާ ގޮތަށް ދުޅަހެޔޮ ސިއްހަތެއްގައި އުޅެވޭ ގޮތަށް ކަންކަން ފަހިވެގެންދާނެ. އަދި މި ގޮޖިން ޓްރެކްގެ މަސައްކަތް ވަރަށް އަވަހާ ފެށި ނިމިގެން ވެސްދާނެ، ބޭނުން ވެސް ކުރެވެން ފެށޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޖޮގިން ޓްރެކްގެ މަސްކަތް މިހާރު ވަނީ ބަޔަކަ ހަވާލުކޮށްފައި ކަމަށެވެ. ނަމަވެސް މަސައްކަތް ފަށާނެ ދުވަހެއް އަދި މަސައްކަތް ހަވާލު ކުރި ފަރާތެއް ވެސް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

ފަހަކަށް އައިސް މާލޭގައި ވަނީ ގިނަ ޕާކްތަކެއް ހަދާފައެވެ. އޭގެ ތެރެއިން ގިނަ ތަންތަން ހާއްސަކޮށްފައި ވަނީ ސިއްހަތާ ރަހުމަތްތެރި ގޮތަށެވެ. އޭގެ ތެރޭގައި މުއިވެޔޮ މައިޒާނާއި ރައިވެރިބޭ މައިޒާނާއި ޖުމްހޫރީ މައިދާނުގެ ރިނޮވޭޝަން އާއި ރަސްފަންނާއި މިރޭ ހުޅުވި ސުނާމީ ބިނާ މައިޒާން ހިމެނެ އެވެ.