ހަބަރު

ސުނާމީ ބިނާ މައިޒާން މަރާމާތަށް ބޭނުންވެފައި!

ހަވީރު ގަޑީ ކުޑަ ދަރިފުޅު ގޮވައިގެން ބޭރަށް ނުކުމެލި ނަމަވެސް ދާނެ މާގިނަ ތަންތަނެއް މީގެ ކުރިން މާލޭގައި ނެތެވެ. ކުޑަކުދިންގެ ބަގީޗާ ނުވަތަ އާޓިފިޝަލް ބީޗުން އެކަން ނިމެ އެވެ. އެ ދެ ތަނަކީ ފުރި ބާރުވެފައި އޮންނަ ދެ ތަނަށް ވީވެސް އެހެން ވެގެނެވެ. މިހާރު އިތުރު ޕާކުތަކާއި މައިޒާންތައް މާލޭގައި ހަދާފައިވާއިރު އެންމެ ގިނަ ބަޔަކަށް ކަމުދިޔަ އެއް މަންޒިލަކީ މިއަހަރުގެ މާޗްމަހު ބޭނުން ކުރަން ފެށި ސުނާމީ ބިނާ މައިޒާނެވެ.

ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންނަށް ވެސް އެ މައިޒާން ވަރަށް މަގުބޫލު ތަނެކެވެ. ދުވަސްވީ ރަހުމަތްތެރިންނާ ބައްދަލުކޮށްލަން އެފަދަ ދެވަނަ އެއް ނެތް ފަދަ މަންޒިލަކަށް ވެސްވެފައި ވެއެވެ.

ނަމަވެސް ބޭނުންކުރަން ފެށިތާ ތިން މަސް ދުވަސް ވެސް ނުވަނީ މިދިޔަ މެއި ދުވަހުގެ 20 ވަނަ ދުވަހުގެ ރޭ މާލޭ ފަޅު ތެރެއަށް ވަންނަން އައި ފެރީއަކުން ޖެހި ސުނާމީ ބިނާގެ މައިޒާންގެ ބޭރު ތޮށިގަނޑުގެ ފެންސަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އަދި މެއި މަހުގެ 22 ވަނަ ދުވަހުގެ ރޭ ވެސް މާލޭ ފަޅު ތެރެއަށް ވަންނަން އައި ދޯންޏެއް ޖެހިގެން ވެސް ސުނާމީ ބިނާ މައިޒާންގެ ބޭރު ތޮށިގަނޑުގެ ފެންސަށް ވަނީ ގެއްލުންތަކެއް ލިބިފައި ވެއެވެ.

އެ ގެއްލުންތަކަށް އެއްވެސް ކަހަލަ މަރާމާތެއް ނުކުރެވި ހުއްޓާ އަނެއްކާ މީގެ މަހެއްހާ ދުވަސްކުރިން ވެސް ވަނީ މާލޭ ފަޅުތެރެއަށް ވަންނަން އައި ދޯންޏެއް ސުނާމީ ބިނާ މައިޒާނުގެ ފެންސުގައި ޖެހިފަ އެވެ. މަރާމާތު ނުކުރެވި ވަނިކޮށް އިތުރު ދޯންޏެއް މައިޒާނުގެ ފެންސްގައި ޖެހުމާއެކު ފެންސްގެ ބައެއް ވަނީ އެއްކޮށް ހަލާކުވެ މިހާރު ވަނީ ފެންސާއި ވަކިވެފަ އެވެ.

ދެތިން ޓޭޕް ފަށެއް ދަމާލައިގެން ފެންސްގެ ގޮތުގައި ބައްދާލާފައިވިޔަސް އެތަނަށް ދާ މީހުންގެ އަދަދު މަދެއް ނޫނެވެ. އެހެންވެ އެ ހިތްގައިމު މައިޒާނުގެ ރައްކާތެރި ކަމާމެެދު ގިނަ މިހާރު ހިތް ނުތަނަވަސްވެ އެވެ.

މައިޒާނަށް ވަންނަ ގިނަ މީހުން ވަނުމާއެކު އެކަކު އަނެކަކަށް ކުރާ ސުވާލަކީ އަދިވެސް މި ފެންސް ނުހަދަނީ ހެއްޔޭ އެވެ؟

"ވަރަށް ނުރައްކާތެރި މިގޮތަށް މިހާރު މިތަން އޮންނާތީ. މިދިއަ މާޗު މަހު ލިބުނު ގެއްލުންތަކެއް އެއީ. ކުޑަކުދިން ގޮވައިގެން ވަދެ އުޅެން ރައްކާތެރިއެއް ނޫންހެން ހީވަނީ، މިތަނަށް މިހާރު ކުދިން ދޫކޮށްލާކަށް ނުކެރޭ ފެންސް ނުހަދާ އޮތުމުން... އަނެއް ފަރާތުން މޫދު އޮތް އިރު ވަރަށް ބަލަން ޖެހޭ،" ކުދިން ގޮވައިގެން ސުނާމީ ބިނާ މައިޒާނަށް ވަން އަންހެނަކު ބުންޏެވެ.

ސުނާމީ ބިނ މައިޒާނަށް ގެއްލުންތަކެއް ލިބުނު ފަހުން މިިދިޔަ މެއި މަހުގެ ތެރޭގައިވަނީ އެމްޕީއެލްގެ ކޮންޓެއިނާ އުފުލާ ވެހިކަލަކުން ޖެހުމާ ގުޅިގެން ހާބަރު ސަރަހައްދުގައި ހަދާފައިވާ ރައިވެރިބޭ މައިޒާނަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ. ނަމަވެސް އެތަން މިހާރުވަނީ މަރާމާތުކޮށް ނިންމައި އިތުރު ވަސީލަތްތަކާއެކު ބޭނުން ކުރަން ހުޅުވާލާފައެވެ.