ރިޕޯޓް

15 އަހަރު ފަހުން ސުނާމީގެ ނަމްބަރުތައް

ޑިސެންބަރު 26، 2004 ވީ އާދިއްތަ ދުވަހަކީ ރާއްޖެ ދުށް އެންމެ ބިރުވެރި، އެންމެ ނާމާން ދުވަހެވެ. އިންޑޮނޭޝިއާގެ ސްމަޓްރާގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް ކަނޑުގެ 10 ކިލޯ މީޓަރު އަޑިއަށް، ރެކްޓަރު މިންގަނޑުން 9.3 ގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން އުފެދުނު ރާޅުތައް 14 ގައުމަށް އަރާ 230،000 މީހުންގެ ފުރާނަ ގެއްލިގެންދިޔައެވެ. އެ ހާދިސާގެ އަސަރު ރާއްޖޭގެ ގިނަ ރަށްތަކަކަށްވެސް ކުރިއެވެ.

ނިސްބަތުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ގައުމަކީވެސް ދިވެހިރާއްޖެއެވެ. އެ ހާދިސާގައި 82 މީހުން ރާއްޖެއިން މަރުވިއެވެ. އަދި 26 މީހަކު ގެއްލުނެވެ. އެހެން ކަމުން ރާއްޖެ ސިއްސުވާލި ބޮޑު ރާޅުގެ ހާދިސާގައި ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ 108 ކެވެ.

ސުމަޓްރާ ކައިރިއަށް އައި ވަރުގަދަ ބިންހެލުމާއެކު އުފެދުނު ބިޔަ ރާޅުބާނިތައް ދަތުރުކުރަމުން އައީ ރާއްޖޭގެ އިރުމަތިން، އިންޑިއާ ކަނޑުންނެވެ. ބިންހެލުން އައިތާ 3 ގަޑިއިރާ 21 މިނެޓްގެ ތެރޭގައި އެ ދުވަހުގެ 9:20 އެހާކަންހާއިރު ރާއްޖޭގެ ރަށްތަކަށް ރާޅު އަރަން ފެށިއެވެ. ސުނާމީގެ ރާޅުތައް ދަތުރުކުރަމުންދިޔައީ ގަޑިއަކު 800 ކިލޯމީޓަރަށްވުރެ ބާރު ދުވެއްޔެއެއްގައެވެ. އެހެން ގޮތަކަށް ބުނާނަމަ އެއީ ޖެޓް ފްލައިޓެއް ދަތުރުުކުރާ ބާރު މިނަށްވުރެވެސް އަވަސް މިންވަރެކެވެ. ސުނާމީގެ ރާޅުތަކާއެކު އާދަޔާ ހިލާފަށް ރަށްތަުގެ ފަޅުތެރެ ހިއްކާލިއެވެ. އަދި ރަށުތެރެއަށް އެރި ރާޅު ބޭރަށް ދަމައިގަނެއެވެ. އެއާއެެކު ރަށާއި ފަޅުތެރޭގައި ވަރުގަދަ އޮއިވަރެއް އުފެދުނެވެ.

ސުނާމީގެ ހާދިސާއާއެކު ރަށްރަށުން ކަރަންޓްގެ ހިދުމަތް ކެނޑި، ނަރުދަމާގެ ނިޒާމް ހަލާކުވެ، މުޅި ރާއްޖެއިން މުއާސަލާތީ ހިދުމަތް މެދުކެނޑުނެވެ.

82 މީހުން މަރުވެ، 26 މީހުން ގެއްލުނު ހާދިސާގައި 1313 މީހަކަށް ބޮޑެތި އަނިޔާތައް ލިބުނެވެ. 22،000 މީހުންގެ ބޯހިޔާވަހިކަން ގެއްލުނެވެ. 191 ރަށަކަށް ސުނާމީ އަސަރު އެކި މިންވަރަށް ކުރިއެވެ. ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 62 ޕަސެންޓްގެ ގެއްލުން ލިބުނެވެ.

ސުނާމީ ކާރިސާގެ ބޮޑު ގެއްލުމާއެެކު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރިއެވެ. އެއީ ޑިސެންބަރު 26، 2004 ވީ އާދިއްތަަ ދުވަހުގެ ރޭ 21:00 ގައެވެ. އިސްކަންދަރު ސުކޫލުގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށްފަހު ރައީސް މައުމޫން ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވާފައެވެ. އަދި ޑިސެންބަރު 27 ވަނަ ދުވަހުން ފެށިގެން މުއްދަތެއް ނެތް ގޮތަށް ގައުމީ ހިތާމަ އިއުލާނުކުރައްވާ ގައުމީ ދިދަ ބައިދަނޑީގައި ބެހެއްޓެވުމަށް އެންގެވިއެވެ.

ސުނާމީ ކާރިސާގައި މަރުވި މީހުންގެ ތަފާސް ހިސާބް

  • ޖުމްލަ އަދަދު 108
  • މަރުވި މީހުންގެ އަދަދު 82
  • ގެއްލުނު މީހުންގެ އަދަދު 26
  • މަރުވި އަންހެނުންގެ އަދަދު 38
  • މަރުވި ފިރިހެނުންގެ އަދަދު 43
  • ގެއްލުނު އަންހެނުންގެ އަދަދު 09
  • ގެއްލުނު ފިރިހެނުންގެ އަދަދު 08

ސުނާމީ ކާރިސާގައި 13 އަތޮޅެއްގެ 28 ރަށަކުން މީހުން މަރުވިއެވެ. އަދި ތިން ރިސޯޓަކުން ހަތަރު ފަތުރުވެރިން މަރުވެފައިވެއެވެ.

ސުނާމީގެ ބިޔަ ރާޅުތަކުގައި އެންމެ ބޮޑަށް ގެއްލުން ލިބުނީ ހއ. ފިއްލަދޫ، ރ. ކަނދޮޅުދޫ، މ. މަޑިފުށި، މ. މުލި، މ. ނާލާފުށި، މ. ކޮޅުފުށި، ދ. ރިނބުދޫ، ދ. ގެމެންދޫ، ތ. ވިލުފުށި، ތ. މަޑިފުށި، ލ. ކަޅައިދޫ، ލ. މުންޑޫ އަދި ލ. ދަނބިދޫއެވެ. މި ކާރިސާއާއި ގުޅިގެން ފަސް ރަށަކުން މީހުން ހުސްކުރަން ޖެހުނެވެ. އެއީ ރ. ކަނދޮޅުދޫ، ތ. ވިލުފުށި، ދ. ގެމެންދޫ، މ. މަޑިފުށި އަދި ލ. ކަޅައިދޫއެވެ. މީގެ ތެރެއިން މީހުން އާބާދުވީ ހަމައެކަނި ތ. ވިލުފުށީގައެވެ. އަނެއް ހަތަރު ރަށަކީ އެދުވަހުން ފެށިގެން ފަޅު ރަށްރަށެވެ.

ސުނާމީ ކާރިސާގައި އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ ވިލުފުށިންނެވެ. އެއީ 18 މީހުންނެވެ. އެ ރަށުން 15 މީހުން މަރުވެ، ތިން މީހަކު ގެއްލުނެވެ. ދެން އެންމެ ގިނަ މީހުން މަރުވީ ކޮޅުފުށިންނެވެ. އެ ރަށުން 10 މީހުން މަރުވެ ހަ މީހަކު ގެއްލުނެވެ. އެންމެ ގިނަ މީހުން މަރުވެފައިވަނީ މ އަތޮޅުންނެވެ. އެ އަތޮޅުން އެކަނިވެސް 34 މީހަކު މަރުވިއެވެ. ދެން އެންމެ ގިނަ މީހުން މަރުވީ ލ އަތޮޅުންނެވެ. އެ އަތޮޅުގެ އެކި ރަށްރަށުން 25 މީހަކު މަރުވެފައިވާއިރު، ތ އަތޮޅުން 19 މީހުން އަދި ދ އަތޮޅުން 13 މީހުން ވަނީ މަރުވެފައެވެ.

ސުނާމީ ކާރިސާގައި މަރުވި މީހުންގެ ނިސްބަތްވާ ރަށްރަށް

  • ތ. ވިލުފުށި 18 މީހުން
  • މ. ކޮޅުފުށި 16 މީހުން
  • ދ. ގެމެންދޫ 08 މީހުން
  • ލ. މުންޑޫ 07 މީހުން
  • މ. މަޑުއްވަރީން 06 މީހުން
  • ލ. އިސްދޫކަލައިދޫ 06 މީހުން
  • މ. މުލި 06 މީހުން
  • ލ. ފޮނަދޫ 04 މީހުން
  • ކ. ގުރައިދޫ 04 މީހުން
  • ރ. ކަނދޮޅުދޫ 03 މީހުން
  • ލ. ކަޅައިދޫ 03 މީހުން
  • ލ. މާބައިދޫ 03 މީހުން
  • ދ. ރިނބުދޫ 02 މީހުން
  • ލ. ދަނބިދޫ 02 މީހުން
  • މ. މަޑިފުށި 02 މީހުން
  • ގދ. ވާދޫ 02 މީހުން
  • ވެލާވަރު ރިސޯޓް 02 މީހުން
  • ހދ. ނާވައިދޫ 01
  • ށ. ކޮމަންޑޫ 01
  • ކ. ގުޅި 01
  • އދ. ވައިޓް ސޭންޑް 01
  • ވ. ތިނަދޫ 01
  • މ. ދިއްގަރު 01
  • މ. ނާލާފުށި 01
  • މ. މުލަށް 01
  • ހަކުރާ ކުލަބް 01
  • ދ. ވާނީ 01
  • ތ. މަޑިފުށި 01
  • ގއ. ދާންދޫ 01
  • ގއ. ވިލިގިލި 01
  • ފުވައްމުލައް 01

ސުނާމީ ކާރިސާގައި ދިވެހިންގެ ތެރެއިން ކުދި ބޮޑު އެތައް ބަޔަކު މަރުވިއެވެ. އޭގެ ތެރޭގައި އުމުރުން އެންމެ މަހެއްގެ ތުއްތު ކުއްޖަކު ހިމެނެއެވެ. އަދި އުމުރުން ދުވަސްވީ އެތައް ބަޔަކުވެސް މަރުވެ ދިޔައެވެ.

ސުނާމީ ކާރިސާގައި މަރުވި އެންމެ ހަނގު ކުއްޖަކީ އުމުރުން އެއް މަހުގެ މ. މުލި އަށް ނިސްބަތްވާ ސަމްހާ ރަޝީދެވެ. އޭގެ އިތުރުން ވިލުފުއްޓަށް ނިސްބަތްވާ ދޮޅު މަހުގެ ނިހާ ރަޝީދު، އަދި ހަމަ އެރަށު ރުކުސާވެސް ވަނީ މަރުވެފައެވެ. އެއީ ދެ މަހުގެ ކުއްޖެކެވެ. މީގެ އިތުރުން ދ. ވާނީއަށް ނިސްބަތްވާ އުމުރުން ތިން މަހުގެ މުހައްމަދު މައީޝްވެސް ވަނީ މަރުވެފައެވެ.

މި ހާދިސާގައި މަރުވި އެންމެ ދުވަސްވީ މީހަކީ އުމުރުން 89 އަހަރުގެ ހަދީޖާ ޔޫސުފެވެ. އެއީ ލ. މުންޑޫއަށް ނިސްބަތްވާ މީހެކެވެ. މީގެ އިތުރުން 85 އަހަރުގެ މުހައްމަދު އަހުމަދުވެސް ސުނާމީ ކާރިސާގައި ވަނީ މަރުވެފައެވެ. ވިލުފުއްޓަށް ނިސްބަތްވާ މުހައްމަދު އަހުމަދުގެ އިތުރުން މ. ކޮޅުފުށިން 80 އަހަރުގެ ދެ ފިރިހެނަކުވެސް ވަނީ މަރުވެފައެވެ. އެއީ އިބްރާހިމް އަލީ އަދި އަލީ އިސްމާއީލެވެ.

ސުނާމީ ކާރިސާގައި އެންމެ ގިނަ މީހުން މަރުވި އަތޮޅުތައް

  • މ އަތޮޅުން 34 މީހުން
  • ލ އަތޮޅުން 25 މީހުން
  • ތ އަތޮޅުން 19 މީހުން
  • ދ އަތޮޅުން 13 މީހުން

ރަށްރަށައް ލިބުނު ބޮޑެތި ގެއްލުންތަކާއި ގުޅިގެން ކަނދޮޅުދޫ މީހުން ބަދަލުވީ އެ އަތޮޅު ދުވާފަރަށެވެ. އެ ރަށް އާބާދުކޮށް 3664 މީހުންގެ އާބާދީއެއް އެ ރަށުގައި އާބާދުކުރިއެވެ. ދުވާފަރަށް، ކަނދޮޅުދޫ މީހުން ބަދަލުކުރީ 2009 ވަނަ އަަހަރުއެވެ. ދުވާފަރުގައި ކަނދޮޅުދޫ މީހުންނަށް ހާއްސަކޮށްގެން ސަރުކާރުން 600 ގެ އިމާރާތްކުރިއެވެ.

މީގެ އިތުރުން މ. މަޑިފުށިން 204 މީހުން އދ. މާމިގިއްޔަށް ބަދަލުކުރިއެވެ. އެއީ 2005 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އަދި ދ. ގެމެންދޫއިން 206 މީހަކު ކުޑަހުވަދޫއަށް އޯގަސްޓް 2007 ގައި ބަދަލުކުރިއެވެ. މީގެ އިތުރުން ލ. ކަޅައިދޫއިން 680 މީހުން ލ. ގަމަށް، 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބަދަލު ކުރެވުނެވެ.

ސުނާމީގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ވިލުފުށީ މީހުން ވަގުތީގޮތުން ދިރިއުޅުނީ ބުރުނީގައެވެ. 300 މީހުން ދިރިއުޅެމުންދިޔަ ބުރުންޏަށް ވިލުފުށީގެ 1882 މީހުން ވަގުތީ ހިޔާތަކުގައި ދިރިއުޅުނެވެ. "ސޭވް އައިލެންޑް" ކޮންފެސްޓަށް އެ ރަށް ތަރައްގީކޮށް ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދިޔަ ރައްޔިތުން ވަނީ އަލުން ވިލުފުއްޓަށް ބަދަލުކޮށްފައެވެ.

ޖުމްލަ 26 ރަށަކުން ގެދޮރު ގެއްލުނު އާއިލާތަކަށް ސަރުކާރުން ވަނީ ގެދޮރު ދީފައެވެ.

މީހުން ބަދަލުކުރުން

  • ކަނދޮޅުދޫއިން 3664 މީހުން ދުވާފަރަށް ބަދަލުކުރި
  • މ. މަޑިފުށިން 204 މީހުން އދ. މާމިގިއްޔަށް 2005 އޮކްޓޫބަރުގައި ބަދަލުކުރި
  • ދ. ގެމެންދޫން 206 މީހުުން ދ. ކުޑަހުވަދޫއަށް 2007 އޯގަސްޓްގައި ބަދަލުކުރި
  • ލ. ކަޅައިދޫ 680 މީހުން ލ. ގަމަށް 2009 ފެބްރުއަރީގައި ބަދަލުކުރި

ސުނާމީ ކާރިސާއާއި ގުޅިގެން ދިވެހި ރައްޔިތުންގެ ތެރެެއިން 53،142 ދައުލަތުން ފައިސާގެ އެހީ ދިނެވެ. އެގޮތުން 50 މިލިއަނަށްވުރެ ގިނަ ރުފިޔާ އެހީގެ ގޮތުގައި ދީފައިވެއެވެ.

އެގޮތުން ޒަރޫރީ ބޭނުންތައް ނުފުދޭ ކޮންމެ މީހަކަށް 1500 ރުފިޔާ، އަސާސީ ބޭނުން ނުފުއްދޭވަރުގެ ކޮންމެ މީހަކަށް 1000 ރުފިޔާ އަދި ދިރިއުޅުމުގައި ބޭނުންކުރާ އަސާސީ ތަކެތި ހަލާކުވެފައިވާ ކޮންމެ މީހަކަށް 500 ރުފިޔާ ހަމަޖައްސައިދިނެވެ.

މީގެ އިތުރުން އަލުން މިފަދަ ހާދިސާއެއް ކުރިމަތިވެދާނެތީ ދުރާލާ އެކަންކަން އެނގޭނެ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ފަށާ، ނެޝަނަލް ޑިޒާސްޓަރު ސެންޓަރުގެ ނަމުގައި ހާއްސަ އިދާރާއެއް ޖަނަވަރީ 31، 2005 ގައި ސަރުކާރުން އުފެެއްދެވިއެވެ.

ސުނާމީ ކާރިސާއާއި ގުޅިގެން ރައީސް މައުމޫން ވަނީ ރަށްރަށުގެ ހާލަތު ބައްލަވާލެއްވުމަށް ހާއްސަ ދަތުރުފުޅުތަކެއްވެސް ކުރައްވާފައެވެ. އެގޮތުން ކ. ދިއްފުށި، މ. ކޮޅުފުށި، ތ. ވިލުފުށި، ރ. ކަނދޮޅުދޫ، ހއ. ފިއްލަދޫ، ލ. ފޮނަދޫ، ގއ. ވިލިގިލި، ގދ. ގައްދޫ، އދ. މާމިގިލި، ގުރައިދޫ، މާފުށި، ށ. ކޮމަންޑޫ، ރ. ހުޅުދުއްފާރު އަދި ރ. އުނގޫފާރަށް ވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ހާލަތު ބައްލަވާލެއްވުމަށް ރާއްޖެއިން ބޭރުގެ ބައެއް އިއްޒަތްތެރިން ރާއްޖެ ވަަޑައިގެންނެވިއެވެ. އެގޮތުން އދ ގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން، ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބް އުރުދުގާން އަދި އެމެރިކާގެ ދެ ރައީސުން ކަމަށްވާ ބިލްކްލިންޓަން އަދި ޖޯޖްބުޝް ރާއްޖެ ވަޑައިގެންނެވިއެވެ. އެ ދަތުުރުފުޅުގެ ތެރެއިން ކްލިންޓަން ފަންޑުން 1.8 މިލިއަން ޑޮލަރު ހަދިޔާ ކުރެއްވި އެވެ.

ސުނާމީގެ ބިރުވެރި އެ ހާދިސާއަކީ ރާއްޖޭގެ ފަތުރުވެރިކަމާއި، ތިމާވެއްޓާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކުދި ވިޔަފާރިތަކާއި، މުއާސަލާމަތީ ހިދުމަތަށާއި، އުމްރާނީ ތަރައްގީއަށް ބޮޑެތި ގެއްލުންތައް ލިބިގެންދިޔަ ހާދިސާއެކެވެ.

އެ ހާދިސާއަށް މިއަދު 15 އަހަރު ފުރިފައިވާއިރު އެ ހާދިސާގައި މަރުވި މީހުންނާއި، ލިބުނު ގެއްލުމާއި، ދިވެހިން ދެއްކި އެއްބައިވަންތަކަކީ މިއަދު ހަނދާންކޮށްލަންޖެހޭ މުހިންމު ކަންކަމެވެ.