ސުނާމީ ބިނާ މައިޒާން

ތިން ރުއް ޕާކް ތަރައްގީކޮށް، ސުނާމީ ބިނާ މައިޒާން ހުޅުވައިފި

މާލޭ ހުޅަނގު ދެކުނު ފަރާތުގެ ތިން ރުއް ޕާކު ޒަމާނީ ފެންވަރުގައި ތަރައްގީކޮށް، "ސުނާމީ ބިނާ މައިޒާން" ރަސްމީކޮށް ހުޅުވައިފި އެވެ.

ރާއްޖެއަށް 2004 ވަނަ އަހަރު ސުނާމީ އެރި އިރު ދިވެހިން އުޅެމުން އައި ދިރިއުޅުމާއި ސުނާމީއަށްފަހު ދިވެހިން އެ ކާރިސާގެ ތެރޭގައި އުޅެމުންދިޔަ ވޭންދެނިވި ދިރިއުޅުން ރަމްޒުކޮށްދޭ ތިއޭޓެރިކަލް ޕްލޭއަކާއެކު މި މައިޒާން ހުޅުވައިދެއްވީ، ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ހައުސިން މިނިސްޓްރީ އިން ވަނީ ތިން ރުއް ޕާކު ސަރަހައްދުގައި އާ ތޮށިލައި، ތަފާތު ޕާކެއް ގޮތަށް ތަރައްގީކޮށްފަ އެވެ. އަދި އެ ޕާކްގައި ލޮނުޒިޔާރަތްކޮޅުގައި ކުރިން ހުރި ސުނާމީ ބިނާ ބަހައްޓާ، އެ ޕާކަށް ވަނީ ސުނާމީ ބިނާ މައިޒާންގެ ނަމުން ނަން ދީފަ އެވެ.

ތިން ރުއް ޕާކަކީ ހިތް ފަސޭހަ ތަނެއްގެ ގޮތުގައި ހެދުމަށް އެ ސަރަހައްދުގައި އޮންނަ ކުނި ބާޖުތައް ވެސް ވަނީ އެހެން ތަނަކަށް ބަދަލުކޮށްފަ އެވެ.

ސުނާމީ މައިޒާން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސުނާމީ ބިނާ މައިޒާނަކީ ރައީސް ޔާމީން ގައުމަށް ގެނެސްދޭ ތަރައްގީގެ ފުރިހަމަ ރަމްޒެއް ކަމަށެވެ. މުއިއްޒު ވިދާޅުވީ، ކުރިން ތިން ރުއް ޕާކަކީ ވީރާނާވެ، އެތައް ބަޔަކަށް އެތައް ދަތި އުނދަގޫތަކެއްވާ ގޮތަށް އޮތް ސަރަހަދެއް ކަމަށެވެ. އަދި ތިން ރުއް ޕާކްގެ ގޮތުގައި އޮތް ސަރަހައްދުގެ ތޮށިގަނޑު އެ ސަރަހައްދު ވެސް އޮތީ ވީރާނާވެފައި ކަމަށެވެ.

ތިން އަހަރު ދުވަހު ރާއްޖޭގައި ވެރިކަންކުރި ސަރުކާރެއްގެ ސަބަބުން ރާއްޖޭގެ މިފަދަ ހުރިހާ ތަނެއް ހުރީ ވީރާނާވެފަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ރައީސް ޔާމީންގެ ސިޔާސަތު ބައްޓަންވަމުންދާ ކޮންމެ ދާއިރާއަކުން ވެސް ގައުމު ދަނީ ތަރައްގީވަމުން،" މުއިއްޒު ވިދާޅުވި އެވެ.

ތިން ރުއް ޕާކް ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައިވަނީ ހައުސިން މިނިސްޓްރީގެ މުއައްޒަފުންނެވެ.

މިނިސްޓަރު ވިދާޅުވީ، ކުންފުންޏަކާ ހަވާލުކޮށް ސުނާމީ ބިނާ މައިޒާން ތަރައްގީކުރުމަށް 8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކުރެވުނު ކަަމަށެވެ. ނަމަވެސް މި މައިޒާން ތަރައްގީކޮށް ނިންމާލުމަށް ތިން މިލިއަން ރުފިޔާ ވެސް ހަރަދުނުވާ ކަމަށް ވިދާޅުވި އެވެ.

މި މައިޒާނުގައި ދުންފަތުގެ އިސްތިއުމާރުކުރުން މަނާކޮށްފައިވާއިރު، ސްކޭޓްކުރުމަށް ހާއްސަ ސަރަހައްދެއް ގާއިމުކޮށްފައިވާއިރު މި މައިޒާނަކީ ޕާޓީތަކަށާއި ހަފުލާތައް ބޭއްވޭ ގޮތަށް އަދި ހުރިހާ އުމުރެއްގެ މީހުންނަށް ހާއްސަކޮށްފައިވާ މައިޒާނެކެވެ.