އަބްދުﷲ މަސީހު މުހައްމަދު

މަސީހުގެ އިތުބާރުގެ މައްސަލައަށް ބަހުސް ކުރަން ދެ ގަޑިއިރު ދީފި

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ކުރަން މެންބަރުންނަށް ދެ ގަޑިއިރު އަދި ޖަވާބުދާރީވެ ވަޑައިގަތުމަށް މަސީހަށް 30 މިނެޓްގެ ވަގުތު ދޭން ކޮމެޓީން ފާސްކޮށްފި އެވެ.

މަޖިލީހުގެ އާންމު ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމަށް މި ގޮތަށް ފާސްކުރީ ހާޒިރުވީ މެމްބަރުންގެ ތެރެއިން ހަ މެންބަރުންގެ ވޯޓުންނެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ނުކުރައްވާ އެމްޑީޕީގެ ތިން މެމްބަރަކު ތިއްބެވެ.

ކޮމިޓީން ފާސްކުރީ ޖުމުލަ ދެ ގަޑިއިރަށް ބަހުސް ކުރާއިރު މަޖިލީހަ ޖަވާބުދާރީ ވާން ފެށުމުގެ ގޮތުން 10 މިނެޓް، ބަހުސްގެ މެދުތެރެއިން 10 މިނެޓް އަދި ޖަވާބުދާރީވުން ނިންމަން 10 މިނެޓް ދޭ ގޮތަށެވެ. އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އޭގެ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޖަމީލު މަގާމުން ވަކިކުރި އިރު ވެސް ޖަވާބުދާރީ ވުމަށް ފުރުސަތު ދޭން ނިންމި ގޮތެވެ.

ނަމަވެސް އެމްޑީޕީ ފަރާތުން ހުށަހެޅުއްވީ 17 ވަނަ ރައްޔިތުން މަޖިލީހުގައި އަމަލު ކުރި ގޮތަށް ތިން ގަޑިއިރުގެ ވަގުތު ދިނުމަށެވެ. އެއީ މައްސަލަ ހުށަހެޅުމަށް 10 މިނެޓު އަދި ޖަވާބުދާރީ ވާން 45 ބާކީ އިން 150 މިނެޓު ބަހުސް ކުރެއްވުމަށް. ނަމަވެސް އެއަށް ވޯޓު ދެއްވީ އެންމެ ތިން މެމްބަރުންނެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް ފޮނުއްވުމަށްފަހު 10 ދުވަހުގެ މުއްދަތު ދިނުމަށްފަހު ދެން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހެއްގައި ބާއްވާ ޖަލްސާއަށް މައްސަލަ ހުށަހަޅަންޖެހޭ ކަމަށް ގަވައިދު ބުނެ އެވެ.

މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅެއްވީ އިދިކޮޅު އެމްޑީޕީގެ 22 މެންބަރަކު ސޮއި ކުރައްވައިގެނެވެ.