ހަބަރު

ބަދަލުވީ މަސީހު، އުސޫލުތައް ބަދަލެއް ނުވި

ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަކި ކުރި ނަމަވެސް އެމަނިކުފާނު މަޖިލީސް ހިންގެވި އުސޫލުތަކަށް އަދިވެސް ބަދަލު ނާންނަތީ ބައެއް މަޖިލީސް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި މަސީހު ވަކި ކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވެއްދި ގަރާރުގައި ބުނާ، މައިގަނޑު ސަބަބަކީ ވެސް މަޖިލީހަށް ހުށަހަޅާ ބިލުތައް އެކަށީގެންވާ ވަރަށް ދިރާސާ ނުކޮށް އެކަމަށް ވަގުތުވެސް ނުދިނީ ފާސްކުރަމުން ދިޔުމެވެ. އަދި ބިލް ދިރާސާ ކުރުމުގެ މަަރުހަލާތައް މަސްހުނިކޮށްލާ އަވަސް އަރުވާލައިގެން މަސައްކަތް ކުރިޔަށް ގެންދިޔުމާއި ބައެއް ބިލްތަކުގެ ތިން ކިއުން ވެސް އެއްފަހަރާ ގަނޑުކޮށް އިއްވާ މައްސަލަ ވެސް އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް މަަސީހު މަގާމުން ދުރުކުރުމަށް ފަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާއިރު ވެސް މިދިޔަ ހަފްތާއެއްހާ ދުވަހު ބޭއްވި ޖަލްސާތަކުގައި ގިނަ ބިލުތަކެއް ވަނީ އެ އުސޫލުން ކުރިޔަށް ގެންގޮސް ނިންމާލައިފަ އެވެ. އެގޮތުން ގާނޫނު އަސާސީ އިސްލާހުކޮށް 65 އަހަރުން މަތީ މީީހުންނަށް ރައިސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެވޭ އިސްލާހު ވެސް ކުރިޔަށް ގެންދިޔައީ މަރުހަލާތައް އެއް ކުރައްވައިގެން މަސީހު ގެންދެވި އުސޫލަށެވެ. ގާނޫނު އަސާސީ ބަދަލު ކުރުމުގެ ބިލު ކޮމިޓީގައި ދިރާސާ ކުރަން ނެގީ އެންމެ 15 ވަރަކަށް މިނެޓް އެވެ. އެ ކޮމިޓީ އިން ނިންމެވީ އެ ބިލް މަޖިލިސް ތަޅުމަށް ހުށަހެޅި ގޮތަށް ފާސް ކުރުމަށެވެ. އަބުރުގެ ގާނޫނާއި އެންޓި ޑިފެކްޝަން ބިލާއި ރޭ ފާސް ކުރި ޕެޑުން ޖީއެސްޓީ ކަނޑާލުމުގެ ބިލް ވެސް ކުރިޔަށް ގެންދިޔައީ ހަމަ މި އުސޫލުން އެވެ.

އެކަންކަމާ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާ އެއް މެންބަރަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ. ބަހުސް ކުރެއްވުމަށް ތެދުވެވަޑައިގަންނަވާ ކޮންމެ ފަހަރަކު އެ ވާހަކަތައް ދައްކަވަ އެވެ. އެގޮތުން ރޭގެ ޖަލްސާގައި އާޒިމް ވިދާޅުވީ މަޖިލީހުގެ ގަވާއިދާއި ގާނޫނު އަސާސީ އާއި އާންމުކޮށް އަމަލު ކުރާ އުސޫލުތަކާ އެއްގޮތަށް މަޖިލީސް ކުރިޔަށް ގެންދަން ޖެހޭ ކަމަށެވެ. މަޖިލީހުގެ ކަންކަމާއި އުސޫލުތައް ހަމައިން ނެއްޓިފައިވާތީ އެ ވާހަކަ ކުރިން ދައްކަވަމުން ދިޔަ ކަމަށާއި މިއަދު ވެސް އެ މަންޒަރު ބަދަލު ނުވާ ކަމަށެވެ. ބަދަލުވީ ހަމައެކަނި ރިޔާސަތުގައި އިންނަވާ މީހާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަނީ މިހާރު ހަމައެކަނި ގޮނޑީގަ އިންނަ މީހާ ބަދަލުވިތަން، އުސޫލެއް ބަދަލެއް ނުވޭ، ކަންކުރާ ގޮތެއް ބަދަލެއް ނުވޭ، އެ ހަޑިކަމާއި ހުތުރުކަމުގައި އަދިވެސް މަޖިލީސް ވެސް ކޯޓެއް ވިޔަސް ހެޔޮ ސަރުކާރުގެ އެހެންތަންތަން
ވެސް ބަދަލުވާ ތަނެއް ނުފެނޭ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ރައްޔިތުންގެ މަސްލަހަތު ހުރި މަސައްކަތް ކުރެއްވުމަށް ތިން ކިޔުން އެއްފަހަރާ ބާއްވާ ދުވާލާއި ރޭނގަޑު ޖަލްސާ ކުރިޔަށް ގެންދިޔުމާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް މިހާރު އެގޮތަށް ޖަލްސާ ގެންދަވަނީ އަމިއްލަ ފައިދާއަށް ހުރި ސިޔާސީ މަސައްކަތްތައް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އަދި އެ ގޮތްތައް ބަދަލު ކުރަން ޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަޑުގަދަ ކުރާ ބޭނުންކޮށް މިތާ އަޑު އުފުލާ ކަށިފުމުނީ މިކަހަލަ މައްސަލަތަކާ ހެދި، މިކަން ބަދަލު ކުރަން ޖެހޭ،" އާޒިމް ވިދާޅުވި އެވެ.

އެކަމާ ބެހޭ ގޮތުން މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ މަސީހު މީގެ ކުރިން އަމަލު ކުރައްވާފައި ހުރީ ރަނގަޅު ގޮތަކަށް ނޫން ކަމަށާއި އޭނާ އޭރު މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތައް ބަދަލު ކުރަން ޖެހޭ ކަމަށެވެ. އަދި ކުރިން ވެސް މަޖިލީސް ހިންގާ އުސޫލުން މަޖިލީސް ކުރިޔަށް ގެންދަން އެދޭ ކަމަށް ވެސް އަނާރާ ވިދާޅުވި އެވެ. އަދި އަވަސް އަރުވާލައިގެން މައްސަލަތައް ކުރިޔަށް ގެންދެވުން ރަނގަޅެއް ނޫން ކަމަށް ވެސް އަނާރާ ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސް އަަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވެސް ވަނީ އެކަން ރިޔާސަތުގެ ސަމާލު ކަމަށް ގެނެސްފަ އެވެ. މޫސަ ވިދާޅުވީ ހުރިހާ މެންބަރުން ވެގެން މަސީހު "ނެރެ އެއްލާލީ" އަވަހަށް މަސައްކަތްތައް ނިންމާ އެ އުސޫލުން ކުރިޔަށް ގެންދަވާތީ ކަމަށް ބުނެ ކަމަށެވެ. ނަމަވެސް މިއަދު ވެސް މަޖިލީހުގައި އެކަން ކުރައްވަނީ ހަމަ އެގޮތަށް ކަމަށް މޫސަ ވިދާޅުވި އެވެ. މަޖިލީހުން މިއަދު އެގޮތަށް އަމަލު ކުރުމުގެ ބަހަނާއަކީ ސަރުކާރުގެ މަސައްކަތްތައް އަވަހަށް ނިންމުން ކަމަށްވާއިރު، އޭރު މަސީހު ވެސް ޖަލްސާތައް އަވަސް އަރުވާލައިގެން ކުރިޔަށް ގެންދެވީ އޭރުގެ ސަރުކާރުން އެދުނު ކަންކަން އަވަހަށް ކުރިޔަށް ގެންދަން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

އެ ޝަކުވާތަކަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނު މަޖިލީސް ކުރިޔަށް ގެންދަވަނީ ގާނޫނާއި ގަވައިދުގެ ތެރެއިން ކަމަށެވެ. އަދި މިހާރު މަޖިލީސް ގަވާއިދު އޮތް ގޮތް ބަދަލު ކުރަން ބޭނުން ނަމަ މެންބަރުންނަށް އެ ފުރުސަތު އެބައޮތް ކަމަށާއި އެފަދަ އިސްލާހެއް ހުށަހެޅިހާ އަވަހަކަށް އެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.