ހަބަރު

މިރޭ މަޖިލިސް ރައީސްއަކު ހޮވަނީ

Nov 1, 2018
3

ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކު ހޮވަން މިރޭ ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މިއަދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

މަސީހު އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިރޭއަށް ތަވާލްކޮށްފައިވަނިކޮށެވެ. މިރޭ ކުރިޔަށް ގެންދަން ނިންމީ މަސީހުގެ އިތުބާރު ނެތް ކަމަށް މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައި 43 މެންބަރުން ހުށަހެޅި މައްސަލަ އެވެ. އެއީ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ފުރަތަމަ ވެއްދި މައްސަލަ އެވެ.

މަސީހު ވަކި ކުރުމަށް ޕީޕީއެމްގެ ގިނަ މެންބަރުން ހިމެނޭ ގޮތަށް 51 މެންބަރުންގެ ސޮޔާއެކު ވެސް ގަރާރެއް ހުށަހެޅި އެވެ. މިދިޔަ އަހަރުގެ ތެރޭގައި ވެސް ދެ ފަހަރަކަށް މަސީހު މަގާމުން ދުރު ކުރުމަށް މަޖިލީހަށް މައްސަލައެއް ވެއްދި އެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ގަވައިދަށް ބަދަލު ގެނެސްގެން ވަނީ މަަސީހުގެ ގޮނޑި ސަލާމަތްކޮށްފަ އެވެ.

މަސީހު އިސްތިއުފާ ދެއްވާފައިވާއިރު އިދިކޮޅު ޕީޖީ ގުރޫޕުން ވަނީ މަޖިލީހުގެ ރައީސް ކަމަށް މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގެންނަން އެއްބަސްވެފަ އެވެ. ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ ވެސް ވަނީ ރައީސް ކަމަށް ޝައުގުވެރިވެފަ އެވެ.

މިރޭ މަޖިލީހުގައި ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ، މަޖިލީހުގެ ކުރީގެ ރައީސް އަބުދުﷲ މަސީހު މަޖިލީހުގެ ރައީސް ކަމުގެ އިސްތިއުފާދިން ކަމުގެ ސިޓީ ލިބިފައިވަނީ މިއަދު ހަވީރު ކަމަށާއި އެސިޓީގައި އެއްވެސް ސަބަބެއް ބަޔާންކޮށްފައިވާ ނުވާ ކަމަށާއި އޭގައިވަނީ އިސްތިއުފާ ދެއްވި ވާހަކަ އެކަނި ކަމަށެވެ.

ނަސީބު ކަންދިމާކުރި ގޮތުން މިއަދު އަޅުގަނޑުމެން އޮތީ ދެކަމަކަށް ދަންނަވާފަ، އެންޓި ޑިފެކްޝަން ގާނޫނާއި އަދި ކުރީގެ މަޖިލީހުގައި ރައީސް މަސީހުގެ އިތުބާރުނެތް މައްސަލަ، އެހެން ނަމަވެސް މިހާރު އަޅުގަނޑު ހުރިހާ މެންބަރުންނަށް ދެންމެގަ ނޯޓިސް ފޮނުވައިފިން ސިޓީ ލިބުމާއެކީގައި މިރޭ 9:15 ގައި ދެން އޮންނާނީ މަޖިލީހަށް އާ ރައީސަކު ހޮވުން،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ، މަޖިލީހުގެ ރައީސެއްނެތި އެ މަގާމް ހުސްކަމެއްގެ ތެރޭގައި އޮތުމަށް އޭނާ ގަބޫލު ނުކުރާ ކަމަށާއި ގާނޫނު އަސާސީ ރައީސަކާއި ނައިބް ރައީސަކު ހުރުމަށް މަޖިލީހަށް ލާޒިމްކުރާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދުގައި ވަނީ މަޖިލީހުގެ ފުރަތަމަ ޖަލްސާ މަޖިލީހުގެ ރައީސް އިންތިހާބު ކުރަން ޖެހޭ ކަމަށެވެ. އެ ގަވާއިދު ކުރިއަށް އޮތް ތަނުގައި ބަދަލު ކުރަންޖެހޭ ކަމަށް މޫސަ ވިދާޅުވި އެވެ.

"ދައުރުގެ މެދުތެރެއިން ރައީސް އަދި ނައިބް ރައީސް އިސްތިއުފާ ދީފިނަމަ ކިހާ ދުވަހަކުތޯ ރައީސް އަދި ނައިބް ރައީސް ހުންނަނީ، ރައީސް ވެއްޖިއްޔާ އަދި ހުރެވޭނެ، ނައިބް ރައީސަކު މަގާމުން އިސްތިއުފާދީފިނަމަ މީހަކު ނުނަގާ ހުންނަވަން ޖެހެނީ ކިހާ ދުވަހުކުތޯ ކަނޑައަޅަން އަޅުގަނޑުމެން އެބަ ޖެހޭ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ، މަޖިލީހުގެ ރައީސްގެ މަގާމަށް ކުރިމަތިލައި ހޮވުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތަކީ މަޖިލީހުން އެކަން އިއުލާން ކުރުމުން އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މެންބަރުންގެ މެދުގައި ސިއްރު ވޯޓެއް ނެގިގެންދާނެ ކަަމަށެވެ. ވޯޓްނަގައި ގުނުމަށް ފަހެއް ނުވަތަ ހަތް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައި ރައީސް ކަމަށް ކުރިމަތިލި މީހުންގެ ނަން އިއްވުމުން އެމެންބަރަކަށް ވޯޓް ލުމުގެ މަސައްކަތް ކުރިއަށްދާނީ ކަމަށްވެސް މޫސަ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތި ލާނެ ކަމަށް ދެ މެންބަރަކު ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން އިދިކޮޅު ޕީޖީ ގްރޫޕުން ވަނީ ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް މަޖިލީހުގެ ރައީސްކަން ދިނުމަށް ނިންމާފަ އެވެ. އަދި ޕީޕީއެމްގެ ނައިބް ރައީސް އަބުދުއްރަހީމް އަބުދުﷲ ވެސް ވަނީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނެކަން އިއުލާންކޮށްފަ އެވެ. މޫސަ ވަނީ އޭނާ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތި ނުލާނެކަންވެސް މިރޭ ހާމަ ކޮށްފަ އެވެ.