ހަބަރު

ސިފައިން މަޖިލިސް ހުއްޓުވި މައްސަލާގައި މަސީހާއި ޝިޔާމް ކޮމިޓީއަށް ހާޒިރުކުރަނީ

ރައްޔިތުން މަޖިލީހުގެ ތެރެއަށް ސިފައިން ވަދެ މަޖިލިސް ހުއްޓުވި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގުޅިފައިވާ ޕާޓީތަކުގެ ޕާލިމަންޓްރީ ގްރޫޕްގެ ފަރާތުން މަޖިލީހަށް ހުށަހެޅި މައްސަލާގައި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ކުރީގެ މަޖިލިސް ރައީސް އަބުދުﷲ މަސީހާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް އިމްތިޔާޒް ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.

އާދަމް ޝަރީފާއި އަޒްލީނާއި މަސީހް އަދި ޝިޔާމްގެ އިތުރުން ކުރީގެ އަމީންއާންމު އަހުމަދު މުހައްމަދު ވެސް ހާޒިރުކޮށް އެކަންކަން ސާފު ކުރުމަށް މިއަދު ކޮމިޓީން ވަނީ ނިންމާވަފަ އެވެ. ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާ ތުލުސްދޫ ދާއިރާގެ މެންބަރު، އިބްރާހިމް ވަހީދު، ލޯޔަރު ވައްޑެ ވިދާޅުވީ، މި މައްސަލާގައި ހާޒިރު ކުރަންޖެހޭ ހުރިހާ ފަރާތްތައް ހާޒިރުކޮށް މައްސަލަ ހިނގައިދިޔަގޮތް ބަލަން ޖެހޭ ކަމަށާއި އެހުރިހާ ފަރާތްތައް ހާޒިރުކުރަންޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ގޯތި ތެރޭގައި ތިއްބާ ގައުމީ ދިފާއީ ބާރުން ނަހަމަ ބޭނުން ކޮށްގެން މަޖިލީހުގެ އެތެރޭގައި ތިއްބައި އަނިޔާވެެރި ގޮތެއްގައި މަޖިލީހުން ބޭރު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ސިފައިން ހާޒިރުކުރަން ޖެހޭ ކަމަށެވެ.

"އެކަން ހިނގާދިޔަ ގޮތް އިދާރީ ގޮތުން އޭރު ރައްޔިތުން މަޖިލީހުން އަޅާފައި އިނީ ކޮންކަހަލަ ފިޔަވަޅެއްތޯ ބެލުމަށް، ދެން އޭރުގެ ޑިފެންސް މިނިސްޓަރު އަދި ޗީފް އޮފް ޑިފެންސް ފޯސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރަން ހުށަހަޅަން،" ސައުދު ވިދާޅުވި އެވެ.

ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު މި މައްސަލައަކީ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރެއިން މައްސަލައެއް ކަމަށާއި ފެނިގެން ދިޔައީ މެންބަރުން ހައްޔަރުކޮށްގެން މަޖިލިސް މެންބަރުންތަކެއް މަޖިލީހުގައި ތިއްބައި އެބޭފުޅުންގެ ޒިންމާތަކާއި ވާޖިބްތައް އަދާކުރުމަށް ހުރަސްއަޅައި މަޖިލިސް ފާރުމަތިން އެއްލާލި މަންޒަރު ކަމަށެވެ.

"އެހެންވީމަ މިއީ ކުޑަކުޑަ ކަމެއް ނޫން، އެބޭފުޅުން ގަބޫލުކުރަން ޖެހޭނެ ހަގީގަތެއް އެއީ އެކަކު ކަމުގައިވިޔަސް މުޅި ޑިފެންސް މިނިސްޓްރީން ނިންމެވި ނިންމެވުމަށް ކަމުގައި ވިޔަސް، މިކަމުގެ ޒިންމާ ނަގަން ޖެހޭނެ، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެންބަރުންތަކެއް ގޭޓް މަތިން ނަގައި އެއްލައިލިތަން،" ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ، މި މައްސަލައަކީ ކުޑަ މައްސަލައެއް ގޮތުގައި ބަލައި ދޫކޮށްލެވޭނެ މައްސަލައެެއް ނޫން ކަމަށާއި ހާޒިރުކުރަން ޖެހޭ ހުރިހާ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށްގެން ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށެވެ.

ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، މި މައްސަލާގައި ވަކިވަކި ފަރާތްތައް ހާޒިރުނުކޮށް އެކަން ހިންގި އިންސްޓިޓިއުޝަން ހާޒިރުކޮށް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށެވެ. ވަކިވަކި ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަން ތާއީދު ނުކުރާކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅިފައިވާ ޕީޖީ ގްރޫޕްގެ ފަރާތުން އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، މެންބަރު އިމްތިޔާޒު ފަހުމީ، އިންތި އެވެ. އޭނާ މައްސަލަ ހުށަހެޅުއްވީ ސިފައިން މަޖިލީހުގެ ތެރެއަށް ވަދެ މަޖިލީހުން ބައެއް މެންބަރުން އެތަނުން ނެރުމާއި މެންބަރުންނަށް އަނިޔާވާ ގޮތަށް އަމަލުކޮށްފައިވުން އަދި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމަށް ހުރަސްއެޅި މައްސަލަ އެވެ. އެ މައްސަލަތައް ތަހުގީގުކޮށް އެކަމުގައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް އިންތި ހުށަހެޅުއްވި މައްސަލައިގައި ވަނީ އެދިފަ އެވެ.