ޑރ. މުހައްމަދު މުއިއްޒު

ދޮގު ހަބަރު ފެތުރުން އޮތީ މޫލާފައި: ރައީސް

ދޮގާއި ދޮގު ހަބަރު ފެތުރުން އޮތީ ދިވެހިންގެ ތެރޭގައި މޫލާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ދޮގު ފަތުރާ ބަޔަކު އެކަން ކުރަނީ ލާރިކޮޅެއްގެ ބޭނުމުގައި ދުނިޔަވީ މަންފާއަކަށްޓަކައި ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ދޮގު ހަބަރު ފެތުރުމަކީ ގައުމަށް އޮތް ބޮޑު ހަލާކެއް ކަމަށެވެ. އަދި އެފަދަ އަމަލުތަކާ ގުޅިގެން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.

"ދޮގާއި އާޑަފުރައްސާރަ އާއި ނެތި ނުބައި ކިޔުމުގެ ބާޒާރުގައި އެތައް ބަޔަކު އަވަދިނެތި އެބަ އުޅޭ. ލިބޭ ވަގުތީ، ދުނިޔެވީ މަންފާއަށްޓަކައި. ކުޑަ ލާރިކޮޅަކަށް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ދޮގު ހަބަރު ފަތުރަން ތިމާގެ ތަނަވަސްކަމުން ހޭދަނުކުރުމަށްވެސް އިލްތިމާސް ކުރައްވާފަ އެވެ. ދޮގު ހަބަރު ފެތުރުމަކީ ދީނުގައި އޮތް ކަމެއް ނޫން ކަމަށާއި އަދި ދޮގު ހަބަރު ފެތުރުމަކީ އެތައް ބަޔަކަށް އިންތިހާއަށް ގެއްލުން ލިބޭ ކަމަކަށްވާތީ އެއީ އެއްގޮތަކަށްވެސް އިސްލާމް ދީނުގައި ހިތްވަރު ދޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވަނީ ތިމާގެ ދުލުން ވާ އިގުރާރާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށްވެސް އިލްތިމާސް ކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވުން ފާހަގަކުރެވޭ ދުވަހު، ނަމޫނާ ލިބިގަންނަންވީ ރަސޫލާ ދުނިޔެއަށް ގެނެސްދެއްވި މޫރިތި ރިވެތި އަހްލާގީ ސިފަފުޅުތަކުން ކަމަށެވެ. އަދި ދޮގު ހެދުމާއި ދޮގު ހަބަރުފެތުރުމާއި އާޑަ ފުރައްސާރައިގެ ފިތުނަވެރި އަމަލުތަކުގައި ބައިވެރިނުވާން އަޒުމު ކަނޑައެޅުމަށާއި ރަނގަޅު ވާހަކައެއް ނޫނީ ނުބުނުމަށް ސުންނަތުން އިރުޝާދު ލިބޭތީ އެގޮތަށް އަމަލުކުރުމަށްވެސް އެދިވަޑައިގެންނެވި އެވެ.