ޑރ. މުހައްމަދު މުއިއްޒު

ދީނާއި ދިވެހިންގެ އަސްލު ޒުވާނުންނަށް ފަހްމުވާންޖެހޭ: ރައީސް

ޒުވާނުން ބާރުވެރިކުރުމަށްޓަކައި ޒުވާން ޖީލުގެ ވިސްނުމާއި ގުޅުވާލެވޭނެ ގޮތަކަށް އިސްލާމްދީނާއި ދިވެހީންގެ އަސްލުވަންތަކަން ރަނގަޅު މާނައިގައި ފަހުމުވާ ބަޔަކަށް އެ ޒުވާނުން ހަދަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ދިވެހީންގެ ތާރީހާއި، މިއަދާ ހަމައަށް މިނިވަން ދައުލަތެއްގެ ގޮތުގައި ރާއްޖެ ދެމި އޮތް ހަގީގަތްތައް ޒުވާނުންނަށް ވިސްނޭ ގޮތަށް އަންގައިދޭންޖެހޭ ކަމަށެވެ.

"އެހެންކަމުން އިސްލާމީ ޝަހްސިއްޔަތާއި ދިވެހި ގައުމިއްޔަތަކީ ދިރިއުޅުމުގެ ބަޔަކަށް މިއަދު ހަދަންޖެހޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވަކި ޖިންސަކަށް ވީތީ ފަރަގުނުކޮށް، ކޮންމެ ޒުވާނަކީ ގައުމާ އެއްކޮޅަށް ބަސްބުނެ ގައުމުގެ ތަރައްގީއަށްޓަކައި މަސައްކަތްކުރުމަށް ތައްޔާރަށް ހުރި ޒުވާނަކަށް ހަދަންޖެހޭ ކަމަށެވެ. އަދި ޒުވާން ޖީލުގެ އަހްލާގީ އަދި ރޫހާނީ ދުޅަހެޔޮކަން އިތުރުކުރަން މަސައްކަތްކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

ގެދޮރާއި އުމްރާނީ ތަރައްގީގެ ގޮތުން ގައުމު ބިނާކުރާ ފަދައިން، ފިކުރާއި ސިކުނޑީގެ ގޮތުންވެސް ގައުމު ބިނާކުރުމަށް މި ޖަލްސާގައި ރައީސް އެދިވަޑައިގެންނެވި އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އިންސާނިއްޔަތުކަމާއި، އަހްލާގާއި، މައުނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގެންނެވުމަށް މުދައްރިސުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

"ދިވެހި ދަރީންނަކީ ދިވެހި ގައުމިއްޔަތަށް އަހުލުވެރި، ދިވެހީންގެ ހަރުދަނާ، މާތް ސިފަތަކުން ޒީނަތްތެރިވެފައި ތިބި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، މަސްއޫލިއްޔަތު އުފުލުމުގައި ޝައުގާއި ގާބިލްކަން ލިބިފައި ތިބި ދަރީންތަކަކަށް ހެދުމަށް މުދައްރިސުން އެއްބާރުލުން ބޭނުންވޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިކަމުގައި އާންމު ރައްޔިތުންވެސް ބައިވެރިވެ އެއްބާރުލުން ދޭންޖެހޭ ކަމަށެވެ. އެފަދަ ދަރީންތަކެއް ބިނާކުރުމަށްޓަކައި، އާރާސްތުކުރަންޖެހޭ އަހްލާގީ އެތައް ބިނާއެއް އެބަހުރި ކަމަށާއި ކީރިތި ގުރުއާނުން އެނގޭ ފަދައިން ހާލަތު ބަދަލުކުރުމަކީ ދިވެހިންގެ އަމިއްލަ މަސްއޫލިއްޔަތެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި މައިގަނޑު ތިން ކަމެއް ހިއްސާކުރެއްވި އެވެ. އެއީ އިސްލާމްދީނުގައި އަދި ކީރިތި ގުރުއާނުގައި މުސްލިމުން ސިފަކުރައްވާފައިވާ ގޮތާއި، އަދުގެ ދިވެހިރާއްޖޭގެ މުޖުތަމައުން ފެންނަ ދީނާ ހިލާފު ކަންކަމާއި އަދި އެ ކަންކަން އިސްލާހުކުރުމުގައި އަމަލުކުރަންވީ ގޮތެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހެވެ.