ދިވެހި މުޖުތަމައަކީ ގުރުއާނާ ސުންނަތް އިރުޝާދު ދޭ ގޮތަށް ބައްޓަންވެފައިވާ ރަނގަޅު މުޖުތަމައަކަށް ބަދަލުކުރުމަށްޓަކައި ހުރިހާ ފަރާތްތަކަކުން އެ މަސައްކަތުގައި ބައިވެރިވެ، އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް މިއަދު ވަނީ ނިޔަތާއި ބަހާއި އަމަލުން އިސްލާމްދީނުގައި ސާބިތުވެ ތިބުމަށް ދިވެހި ކޮންމެ ރައްޔިތަކަށް އިލްތިމާސް ކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ދިވެހީން އިސްލާމް ދީން ބަލައިގަތުމުގައި ހިމެނޭ ދުނިޔެވީ ސަބަބެއް ކަމަށް ފެންނަން އޮތީ އިސްލާމްދީން ގެނެސްދޭ އަމާންކަމާއި ރައްކާތެރިކަން ކަމަށެވެ.
"ދިވެހިރާއްޖެ އިސްލާމްދީނަށް އެނބުރިފައިވާ ދުވަސްވަރަކީވެސް މެދުކެނޑުމެއްނެތި މި ސަރަހައްދުގެ ބާރަކުން ރާއްޖެއަށް ހަމަލާދީ ގޯނާކުރަމުން އައި ދުވަސްވަރެއް،" އިސްލާމް ދީނަކީ ސުލްހައަށް ލޯބިކުރާ ދީނެއް ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަހަކީ އަޅުގަނޑުމެންގެ އަމަލުތައް ދެ ދުނިޔޭގެ މަގަށް ސީދާ ކޮށްދިން ދުވަސް ކަމަށެވެ. އަދި މި ދުވަހަކީ ހަގީގީ މާނައިގައި ދިވެހިންނަށް މިނިވަންކަމާއި ނަސްރާއި ކާމިޔާބު ލިބުނު ދުވަސް ކަމުގައިވެސް ވިދާޅުވި އެވެ. އާއިލީ ގުޅުންތަކާއި ގައުމީ އެއްބައިވަންތަކަށް އެންމެ ބޮޑަށް ހަދާންކޮށްދޭ ދުވަހަކީވެސް ރާއްޖެ އިސްލާމްވީ ދުވަސް ކަމުގައި ވިދާޅުވި އެވެ.
ވެރިންނަކީ ކޮނޑުގައި އެތައް ޒިންމާއަކާއި މަސްއޫލިއްޔަތެއް އެޅިފައިވާ ބައެއް ކަމާއި ވެރިންގެ ބާވަތް ގިނަ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އެހެންވެ ގުރުއާންގައިވާ ގޮތަށް ވެރިން އެ މީހުންގެ ޒިންމާއާއި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.
"އިލްމުވެރިން ވިދާޅުވާ ގޮތުގައި ވެރިޔަކީ އޭނާގެ ދަށުގައި ބެލެހެއްޓުންތެރިކަމެއް އޮތް ކޮންމެ މަސްއޫލުވެރިއެއް،" ވެރިން މާނަކޮށްދެއްވަމުން ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިންނަށް ޒިންމާއާއި މަސްއޫލިއްޔަތުތަކެއް ވާފަދައިން ރައްޔިތުންވެސް އުފުލަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތުތަކެއްވާ ކަމަށެވެ. އެހެންކަމުން މަސްއޫލިއްޔަތުތަކެއްވާ އެންމެން ގުޅިގެން ދީނުގައިވާ ގޮތަށް ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.