ހަކަތައިގެ ދާއިރާއިން ސްކައުޓުންނާއި ގާލްގައިޑުން ހޭލުންތެރިކުރުވުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދަން މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނާއި ސްކައުޓް އެސޯސިއޭޝަނުން އެންވަޔަރަމަންޓް މިނިސްޓްރީއާ އެކު ސޮއިކޮށްފި އެވެ.
މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. ގާލް ގައިޑް އަދި ސްކައުޓް އެސޯސިއޭޝަނުން، އެ ދެ ތަނުގެ ކޮމިޝަނަރުންނެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާއި، ހަރަދުކުޑަކޮށް ހަކަތަ ބޭނުންކުރާނެ ގޮތްތައް ގައިޑުންނާއި ސްކައުޓުންނަށް ދަސްކޮށްދޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ. ގާލްގައިޑް އަދި ސްކައުޓުންގެ ގޮތުގައި ހިމެނެނީ ހަމަ އެކަނި ސްކޫލް ކިޔަވާކުދިންނަށް ނުވާތީ، މި ޕްރޮގްރާމުގެ ތެރެއިން އެ ދެ ޖަމިއްޔާގެ މެންބަޝިޕްގައި ތިބި 10.000 އެއްހައި ބައިވެރިންނަށް ޕްރޮގްރާމްތަކުގައި ބައިވެރިވެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، މި ޕްރޮގްރާމަކީ ތިމާވެއްޓަށް މަސައްކަތްކުރާ ގައުމުތަކާ އެކު އެ މިނިސްޓްރީން ބައިވެރިވެފައިވާ ލޯ ކާބަން އެނަޖީ އައިލަންޑް ސްޓްރެޓެޖީގެ ދަށުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އެ ޕްރޮގްރާމުގެ ޒަރީއާއިން ސްކައުޓުންނާއި ގާލްގައިޑުންނަށް މައުލޫމާތު ދީ، އެ މައުލޫމާތު އެ މީހުން މެދުވެރިކޮށް އާންމުންނަށް ފޯރުކޮށްދޭން މަސައްކަތް ކުރާނެ ކަމަށެވެ.
މި ޕްރޮގްރާމް ސްކައުޓުންނާއި ގައިޑުންނަށް ފެށުމާ އެކު އް ޕްރޮގްރާމް ފުރިހަމަކުރުމުން ދޭ ބެޖެެއްގެ ގޮތުގައި އެ ދެ ޖަމިއްޔާއަށް ވެސް އާ ބެޖެއް ތައާރަފްކުރާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
ދެ އެސޯސިއޭޝަނުން ބުނީ، އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިގެން މިއަދު އިފްތިތާހުކުރި ޕްރޮގްރާމުގެ ސަބަބުން އެ ޖަމިއްޔާތަކުގެ މެންބަރުންނަށް ކަރަންޓު ހެޔޮގޮތުގައި ބޭނުންކުރުމަށް އިތުރު ބާރެއް އެޅިގެންދާނެ ކަމަށެވެ. އެހެންކަމުން ޕްރޮގްރާމުގެ ނަތީޖާވެސް ކުރިއަށް އޮތްތަނުގައި ފެންނާނެ ކަމަށެވެ.