ހަބަރު

މުއްދަތު ހަމަވާ ގަވައިދުތަކަށް އަހަރު ދުވަހުގެ ބެލެނިވެރިކަންދީފި

އާންމު ގަވައިދާބެހޭ ގާނޫނުގެ ޖަދުވަލް އެކަކާއި ދޭއްގައިވާ ގަވައިދުތަކުގެ ތެރެއިން މުއްދަތު ހަމަވާ ގަވައިދުތަކަށް އަހަރު ދުވަހުގެ މުއްދަތު އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މުއްދަތު އިތުރު ކުރުމަށް މަޖިލީހުން ފާސްކުރީ 53 މެމްބަރުންގެ ވޯޓުންނެވެ. ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް ހަތަރު މެމްބަރުން ވޯޓު ދެއްވި އިރު މުއްދަތު އިތުރު ކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ އެއް މެމްބަރެވެ. އެހެން ކަމުން މި ގާނޫނަށް އަންނަ އަހަރު އޭޕްރީލް މަހުގެ ނިޔަލަށް އަމަލު ކުރުމަށް މަޖިލީހުން ފާސްވީ އެވެ.

މުއްދަތު އިތުރު ކުރުމަށް ތިން ގަޑިއިރުގެ ބަސް ވަގުތެއް ދިން އިރު ކޮންމެ މެމްބަރަކު ވެސް ވާހަކަ ދެއްކެވީ ވަރަކަށް ކުރުކޮށެވެ. އަދި ޕީޕީއެމްގެ އިތުރުން އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ބިލަށް ތާއީދު ކުރި އެވެ.

ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުން ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ މި ކަމަކީ ގާނޫނީ ގޮތުން މެމްބަރުންނަށް ލާޒިމްކޮށްފައިވާ ކަމަށާއި މިކަމަކަށް ބޮޑު ބަދަލެއް ނުވަތަ ބަހުސްއެއް ކުރެވެން ނެތް ކަމަށެވެ. ރިޔާޒް ވިދާޅުވީ ކަން މިހެން އޮތަސް އިރު އިރުކޮޅައި މިކަން ނުކޮށް ވާނީ ގާނޫނަކުން މި ބާރުތައް ކަނޑައެޅި މަޖިލީހުން ފާސް ކުރުމުން ކަމަށެވެ.

އެމްޑީޕީ ފަރާތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އާ ގާނޫން އަސާސީ ގެނައި ފަހުން އެގާނޫން އަސާސީގައި މައްސަލަތައް ދިމާވާ ކަންތައް އެބަހުރި ކަމަށާއި އެހެންވެ ގަވައިދަކަށް ރައްޔިތުން މަޖިލީހުން ހުއްދަ ދިނުމަށް ފަހު ކަނޑައެޅޭ މުއްދަތަކަށް ގަވައިދުތައް ހިނގަ ހިނގައި އޮންނަ ގޮތަކަށް ގާނޫނުތައް ފަރުމާ ކުރަން ޖެހޭ ކަމަށާއި އެނޫނީ ބައެއް ގަވައިދުތަކަށް މަޖިލީހުގެ ރުހުން ނުލިބިގެން ބޮޑެތި މައްސަލަތަކާއި ރައްޔިތުން ތަހަންމަލް ކުރަން ޖެހޭ ކަމަށެވެ.