ހަބަރު

ފިގުހު އެކަޑެމީ އާއި އިސްލާމިކް މިނިސްޓްރީ ކޮމެޓީ އަށް ހާޒިރުކުރަނީ

"އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް" އުފެއްދުމުގެ ބިލު ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވުމުން އެ ބިލަށް ކޮމިޓީ މަރުހަލާގައި މަޝްވަރާ ކުރުމަށް އިސްލާމިކް މިނިސްޓްރީ އަދި ފިގުހު އެކަޑެމީ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

މިއަދު ބޭއްވި އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީ އަދި ފިގުހު އެކަޑެމީ އެ ކޮމިޓީއަށް ހާޒިރުކުރަން ނިންމިއިރު އެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރާނީ އަންނަ ހަފުތާގަ އެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހެއް އުފެއްދުމަށް ސަރުކާރުން ނިންމެވީ ދީނީ އެއްބައިވަންތަކަން ދިވެހިންގެ މެދުގައި ގާއިމް ކުރުމުގައި ދިމާވައި ގޮންޖެހުންތަކާއި ރައްޔިތުން މެދުގައި އުފެދޭ ދީނީ ހިޔާލު ތަފާތުވުންތައް ގައުމީ ފެންވަރެއްގައި ހައްލު ކުރުމަށެވެ. އަދި އިސްލާމީ ފިގުހީ އާ މައްސަލަތައް ދިރާސާކޮށް އެކަމާއި ގުޅޭ ދީނީ ލަފާ އެކަށީގެންވާ ހަލުވިކަމާއި ހަރުދަނާކަމާއި އެކީ ފޯރުކޮށްދިނުމެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސްގެ ނަމުގައި ފަސް މެމްބަރުންގެ މައްޗައް އެކުލެވިގެންވާ އޮފީހެއް ރައިސުލް ޖުމްހޫރިއްޔާ އޮފީހުގައި ހުންނަން ވާނެ ކަމަށް މި ބިލުގައި ބުނެފައިވެއެވެ. އެ ފަސް މެމްބަރުންގެ ތެރެއިން އިސްލާމިކް އެފެޔާޒް މިނިސްޓްރީން ކަނޑައަޅައި މެމްބަރަކާއި އުއްތަމަ ފަނޑިޔާރު އަދި އިސްލާމިކް ޔުނިވާސިޓީގެ ލަފާގެ މަތިން އައްޔަން ކުރާ މެމްބަރެއްގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެމްބަރުން ހިމެން ޖެހެ އެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސްގެ ޒިންމާތަކުގެ ތެރެއިން ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް މުޖުތަމައުއަށް ބޭނުންވާ ދީނީ ފަތުވާ ދިނުމާއި އިސްލާމީ އުންމަތަށް ދިމާވާ ފިގުހީ އާމައްސަލަތަކަކީ ކޮބައިކަން ދެނެގަނެ އެފަދަ މައްސަލަތަކުގެ ތެރެއިން ރައްޔިތުންނަށް ދޭން މުހިންމު ކަން ކަމުގައި ފަތުވާ ދިނުމެވެ. މީގެ އިތުރުން އެކި ދައުލަތުގެ މުއައްސަސާތަކުން މިމަޖިލީހުގެ ލަފަޔަކަށް އެދިއްޖެ ނަމަ އެކަން ކޮށްދިނުމާއި ރައްޔިތުން މެދުގައި އުފެދޭ ދީނީ ހިޔާލު ތަފާތުވުންތައް ނައްތާލުން ވެސް ހިމެނެ އެވެ.