އެޗްޑީއެފްސީ

ހުލުމާލޭގެ ގެއެއް އެޗްޑީއެފްސީ އިން ނީލަމުގައި ވިއްކާލަނީ

ހުޅުމާލޭގައި ހުންނަ ގެއެއް ނީލަމުގައި ވިއްކާލުމަށް ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން އިއުލާންކޮށްފި އެވެ.

އެޗްޑީއެފްސީ އިން ކުރި އިއުލާންގައިވާ ގޮތުން ނީލަމުގައި ވިއްކާލަން ހަމަޖެހިފައިވަނީ ހުޅުމާލެ ގޯތި ނަންބަރު 10718 "އޯކިޑް ހިޔާ" އިމާރާތާއި ގޯއްޗެވެ.

އެ ގެއަކީ މއ. ޗަންޕާމާގެ، ހަދީޖާ އަބްދުއްސައްތާރާއި ދަފްތަރު ނަންބަރު 3290 ޖަމީލު އުސްމާނަށް އެޗްޑީއެފްސީ އިން ދޫކޮށްފައިވާ ގެއެކެވެ.

ވިއްކާލަން އިއުލާންކޮށްފައިވާ ގޭގައި 1،951 އަކަފޫޓު ހުރެ އެވެ. ގެ ވިއްކާލަން ފެށޭ އަގަކީ 25.7 މިލިއަން ރުފިޔާ އެވެ. އަގު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 14 ވަނަ ދުވަހަށެވެ. ހުށަހަޅާ އަގުތަކުގެ ސިޓީ ހުޅުވުން އެދުވަހު އޮންނާނެ ކަމަށް އެޗްޑީއެފްސީ އިން ބުންޏެވެ.

އެ ކޯޕަރޭޝަނުން ބުނީ ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭހެން ޖެހިޖެހިގެން ތިން ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ ނީލަން ނިންމާލާނެ ކަމަށެވެ.

އެޗްޑީއެފްސީ އިން އިތުރަށް ބުނީ އެންމެ މަތީ އަގު ހުށަހެޅި ފަރާތުން ފައިސާ ދައްކަންޖެހޭނީ ނީލަން ނިންމާލާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި ކަމަށެވެ. އެ މުއްދަތުގައި ފައިސާ ނުދައްކާނަމަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަކަށް ފުރުސަތު ދޭނެ ކަމަށްވެސް ބުންޏެވެ.

ނަމަވެސް އެ ކުންފުނިން ބޭނުންވާނަމަ އަލުން ނީލަމަށް ހުޅުވާލެވޭނެ އެވެ. އަދި ގޭގެ ވެރިފަރާތުން އެޗްޑީއެފްސީއަށް ދައްކަންޖެހޭ ފައިސާ ދައްކަން ބޭނުންވާނަމަ އެ ފަރާތަށް އިސްކަންދޭނެ ކަމަށްވެސް އެޗްޑީއެފްސީ އިން ބުންޏެވެ.