ހަބަރު

ރައީސް ޔާމީން ކެމްޕޭންގެ ތިންވަނަ މަހާސިންތާގެ ރަޖިސްޓްރޭޝަން ފަށައިފި

ރައީސް އަބްދުﷲ ޔާމީންގެ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނަށް ތައްޔާރުވުމުގެ ގޮތުން ކެމްޕޭން ލީޑަރުން ތައްޔާރު ކުރަން ބާއްވާ މަހާސިންތާގެ ތިންވަނަ ބުރަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މަހާސިންތާގެ ތިންވަނަ ބުރު މާދަމާ ރޭ ރަސްމީކޮށް އިފްތިތާހުކުރަން ޕީޕީއެމް އިން ތައްޔާރުވަމުން ދާއިރު މިއަދު 4:00 އިން ފެށިގެން ދަރުބާރު ގޭގައި ކުރިއަށްދާ ރަޖިސްޓްރޭޝަންގައި މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް އެ އިވެންޓް އިންތިޒާމް ކުރާ މެޑަމް ފާތުމަތު އިބްރާހިމް ގެ އޮފީހުން ބުންޏެވެ.

މި މަހާސިންތާއަކީ ރައީސްގެ އަނބިކަބަލުން ފަސްޓް ލޭޑީ، މެޑަމް ފާތުމަތު އިބްރާހިމް ގެ އިސް ނެންގެވުމަކަށް ބާއްވަމުން އަންނަ މަހާސިންތާއެކެވެ. މީގެ ކުރިން މަހާސިންތާގެ ދެ ބުރެއް ބާއްވާފައި ވެއެވެ. ފުރަތަމަ ބުރުގައި ހއ. އާއި މ. އަތޮޅާ ދެމެދު ހުރި ރައްތަކުގެ ގޮފިތަކުގެ މަންދޫބުން ބައިވެރިވިއިރު ދެވަނަ ބުރުގައި ފ. އާއި އައްޑޫގެ ގޮފިތަކުން ބައިވެރިވި އެވެ. މަހާސިންތާގެ ތިންވަނަ ބުރުގައި ބައިވެރިވާނީ މާލޭގައި ތިބި ޕީޕީއެމްއަށް ނިސްބަތްވާ އަތޮޅުތަކުގެ ބޭފުޅުންނެވެ.

މެޑަމް ފާތުންގެ އޮފީހުން ބުނީ މަހާސިންތާގެ ތިންވަނަ ބުރު މި މަހުގައި ބޭއްވެމުމަށް ނިންމާފައިވާއިރު ތިންވަނަ ބުރު ބާއްވަނީ ބޮޑެތި ބަދަލުތަކަކާއެކު ކަމަށެވެ. އެގޮތުން މި ފަހަރުގެ މަހާސިންތާގައި 350 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.

މަހާސިންތާގައި އޮންނާނީ ރައީސް ޔާމީންގެ 2018 ގެ ކެމްޕޭން ފެއްޓުމަށް ސްޓްރެޓެޖީތައް ރޭވުމާއި އެކަމުގައި ސަމާލުކަން ދޭނެ ކަންތައްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމެވެ. މީގެ އިތުރުން ޕީޕީއެމް މެންބަރުންގެ އަދަދު އިތުރު ކުރުމަށް ވެސް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މެޑަމްގެ އިސްނެންގެވުމަށް މަހާސިންތާގެ ދެ ބުރު ކާމިޔާބުކަމާއެކު ނިންމާލާފައިވީ ނަމަވެސް ތިންވަނަ ބުރު ބޭއްވުން ލަސްވެގެން ދިޔައީ ރައީސް ދަތުރުކުރެއްވި ލޯންޗްކޮޅަށް ދެވުނު ހަމަލާއާ ގުޅިގެންނެވެ.