ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ސިޔާސީ މަގާމެއްގައި ހުންނަވައިގެން ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ހައިކޯޓުން މިގޮތަށް ކަނޑައެޅީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހެއްގެ ދިފާއުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާޣިބު އަހްމަދު ކޯޓަށް ވަޑައިގެންނެވި މައްސަލައަކާ ގުޅިގެން ދައުލަތުން އެކަމަށް އިއުތިރާޒު ކުރުމުންނެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހެއްގެ ދިފާއުގައި ރާޣިބު ކޯޓަށް ދިޔުމުން ޕީޖީ އޮފީހުން ވަނީ އެކަން ޝަރީއަތުގެ ސަމާލުކަމަށް ގެނެސް ރާޣިބުއަށް އެ މައްސަލައިގައި ވަކާލާތު ނުކުރެވޭނެކަން ފާހަގަކޮށްފަ އެވެ.
އެކަމާ ގުޅިގެން އެ ދުވަހުގެ ޝަރީއަތް މެދު ކަނޑާލީ އެކަމާ މެދު ފަނޑިޔާރުން ގޮތެއް ނިންމަވާނެ ކަމަށް އެންގެވުމަށްފަހު އެވެ.
އެ މައްސަލައިގައި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން މިއަދު ނިންމީ ރާޣިބަށް، ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން އެ މައްސަލައިގައި ވަކާލާތު ނުކުރެވޭނެ ކަމަށެވެ.