ވޭޕް މަނާކުރަން ނިންމާފައިވާ ދުވަހާ ހަމައަށް ވޭޕުން ނަގާ ޑިއުޓީއާއި ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް މަޖިލީހުން އިއްޔެ ފާސްކޮށް އަދި އެ އިސްލާހުތައް ރައީސް މުއިއްޒު ރޭ ތަސްދީގު ކުރައްވާފައިވާތީ މިއަދުން ފެށިގެން އެ އިސްލާހުތަކަށް އަމަލުކުރަން ފަށާނެ އެވެ. އެހެންވެ ރާއްޖެއަށް މިއަދުން ފެށިގެން އެތެރެކުރާ ވޭޕްގެ ބާވަތްތަކާއި ސިގިރެޓްގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނައި 19 ވަނަ އިސްލާހުގެ ތެރޭގައި ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކާއި، އިލެކްޓްރޯނިކް ސިގިރެޓް އަދި މިފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްތަކާއި، ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތަކާއި، އެ އެއްޗެހީގެ ބައިބައި އިތުރަށް ބަޔާންކޮށްދީފައިވެ އެވެ.
ގާނޫނުގެ ހަތްވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ޗެޕްޓަރުތަކުގެ ތެރެއިން ޗެޕްޓަރު 24 އަށް ގެނައި އިސްލާހުގައި ވަނީ ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުގެ އަގުތަކަށް އައި ބަދަލުތައް ތަފްސީލްކޮށްދީފަ އެވެ.
އެގޮތުން މިއަދުން ފެށިގެން ސިގިރޭޓާއި ބިޑީގެ ޑިއުޓީ 50 ޕަސެންޓު ބޮޑުކޮށް، ސިނގިރޭޓަކުން 8 ރުފިޔާ އަދި ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ ހުންނަ ދުންފަތުގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ފްލެވާއާއި ސްޓިކުން 50 ޕަސެންޓާއި ވޭޕް ސްޓިކަކުން 8 ރުފިޔާ އިތުރުވާނެ އެވެ. މީގެއިތުރުން އިލެކްޓްރޯނިކު ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި، ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތަކުން ނަގާ ޑިއުޓީގެ މިންވަރު 200 ޕަސެންޓަށް ވަނީ ބޮޑުކޮށްފަ އެވެ.
އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނައި 19 ވަނަ އިސްލާހާ ގުޅިގެން އެކުލަވާލަންޖެހޭ ނުވަތަ އިސްލާހުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް މިއަދުން ފެށިގެން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ހަދައި ގެޒެޓް ކުރަންވެސް އިސްލާހުތަކުގައި ލާޒިމުކޮށްފައިވެ އެވެ.
ރައީސް ޑރ. މުއިއްޒު ވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމަށާއި ކުރިއަށް އޮތް ޑިސެމްބަރު 15 އިން ފެށިގެން ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާކުރަން ނިންމަވާފަ އެވެ. އަދި ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައަޅަން ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށްވެސް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅާފަ އެވެ.