އެމެރިކާގެ ވެރިކަން ޑިމޮކްރެޓުންގެ އަތުން ދޫވެ، ރިޕަބްލިކަނުންނަށް ލިބިއްޖެ އެވެ. އަދި ވެރިކަމަށް ހޮވިވަޑައިގަތީ ވެސް ޔޫރަޕަށް އެކި ގޮތް ގޮތުން ދަތިކުރައްވާނެ ކަމަށް އެތައް ފަހަރަކު ވިދާޅުވެފައިވާ ޑޮނަލްޑް ޓްރަމްޕް އެވެ.
ޓްރަމްޕްގެ ވެރިކަމެއްގައި ނޭޓޯ ސައިޒުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ނޭޓޯ ބެލެހެއްޓުމަކީ އެމެރިކާއަށް ބުރަބޮޑު ކަމަކަށް ވެފައިވާ ކަމަށް ވިދާޅުވެ -- ނޭޓޯ މެމްބަރު ހުރިހާ ގައުމަކުން ޖިޒީ ނަންގަވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އެ ގައުމެއްގެ އަސްކަރީ ބަޖެޓުން އެއްޕަސެންޓް ނޭޓޯއަށް ހޭދަކުރަން ބޭނުންނުވާ ގައުމުތައް ނޭޓޯއިން ބޭރުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެމެރިކާއަށް ލާހިކުނުވާ ވަރަށް ނޭޓޯއަށް ޚަރަދުކުރަން ޖެހިއްޖެ ނަމަ، ނޭޓޯ އުވާލައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ ސަފީރު ޖޯސެފް ބޮރެލް ވިދާޅުވީ އެމެރިކާގެ ރައީސް ބަދަލުވުމަކީ ޝައުގުވެރި އެއްވެސް ކަމެއް ޔޫރަޕަށް އޮތް ކަމެއް ނޫން ކަމަށެވެ. އަދި އެމެރިކާއަށް އާ ވެރިއަކު ލިބުމަކީ އެމެރިކާއަށް ޓަކައި ވަގުތު ހުސްކުރަން ޖެހޭ ކަމެއްވެސް ނޫނެވެ.
އެމެރިކާގެ ރައީސްގެ މަގާމަށް ޑޮނަލްޑް ޓްރަމްޕް ހޮވިވަޑައިގަތުމާ ގުޅިގެން ޖޯސެފް ބޮރެލް ތަހުނިޔާ ވިދާޅުވި އެވެ. އެކަމަކު އެއީ ކޮންމެހެން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކަށް ވާތީ ކުރެއްވި ކަމެއް ކަމަށް ވިދާޅުވި އެވެ.
އެމެރިކާއަށް އާ ރައީސަކު ލިބުމަކީ ޔޫރަޕަށް މުހިންމު ކަމަކަށް ނުވި ނަމަވެސް އެއީ ޔުކްރޭނަށާއި މެދުއިރުމައްޗަށް މުހިންމު ކަމަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔޫރަޕްގެ ސިޔާސަތަކަށް ވާނީ، ބޮރެލް ވިދާޅުވި ގޮތުގައި މުޅި ޔޫރަޕަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. ޔޫރަޕްގެ އާންމުރައްޔިތުން ހިމާޔަތްކުރުމަށް ވުރެ މުހިންމު ކަމެއް ނޯންނާނެ ކަމަށްވެސް ބޮރެލް ވިދާޅުވި އެވެ.