ހަބަރު

ގޭންގުތަކަށް ފުލުހުން ހަމަލާދިން ކަމަށް ބުނާ މައްސަލަ ބަލަނީ

މާލޭގެ ދެ ގޭންގެއް ދެމެދު ރޭ ހިނގި މާރަމާރީއާ ގުޅިގެން ފުލުހުން ހިނގި އޮޕަރޭޝަނުގައި، ގޭންގުތަކަށް ފުލުހުން ހަމަލާދިން ކަމަށް ބުނާ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑް (ޕީއެސްޑީ)އިން ބަލަން ފަށައިފި އެވެ. ގޭންގުތަކަށް ފުލުހުން ހަމަލާދިން ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު އަވަސްއަށް ވިދާޅުވީ، ރޭ ފުލުހުން ހިނގި އޮޕަރޭޝަނުގައި ގޭންގުތަކަށް ހަމަލާދިން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ އެކަން ޕީއެސްޑީއިން ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

ރޭ ފުލުހުން ހިނގި އޮޕަރޭޝަނުގައި 13 މީހަކު ހައްޔަރުކޮށްފައިވާއިރު ބައެއް މީހުންނަށް އަނިޔާވެގެން، އޭޑީކޭ އަދި އައިޖީއެމްއެޗްގައި ފަރުވާދީފައިވެ އެވެ. ރޭ ފުލުހުން ބުނީ، ފުލުހުން ހިނގި އޮޕަރޭޝަނަކީ ދެ ގޭންގެއް ދެމެދު ހިނގި ހަމަނުޖެހުމެއް ހުއްޓުވުމަށް ހިނގި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނަށް ސިފައިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެނގިފައިވާ ގޮތުގައި ރޭ ހަމަނުޖެހުން ހިނގީ، 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސ. މަރަދޫ ހުދުހިރި، އަހްމަދު މަފާޒު މަރާލި މައްސަލާގައި ދައުވާ އުފުލި ތިން މީހުންނާއި އިތުރު ގޭންގަކާ ދެމެދު އެވެ. މި ތިން މީހުންނަކީ މަސްއޮޑިއަށް ނިސްބަތްވާ ބައެކެވެ. އެއީ ހ. ބްލޫބާޑް މުހައްމަދު މިދުހަތު އާއި ހ. އީމާންމަންޒިލް އަހްމަދު ސައީދުގެ އިތުރުން މާލޭ ދަފްތަރު 1475 އަހްމަދު ރިޒާމެވެ. ތިން މީހުން ދޫކޮށްލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު، ކްރިމިނަލް ކޯޓުން އެގޮތަށް އަމަރުކުރުމާ ގުޅިގެންނެވެ. އެ މީހުން ދޫކޮށްލާފައިވާއިރު މި މައްސަލާގައި ހެކި ބަސް ނެގުން އަދި ނުނިމެ އެވެ.