މަސްތުވާތަކެތި

ކާރަކާއި ސައިކަލެއް ހުއްޓުވައި، ބަނގުރާ ފުޅިތަކެއް އަތުލައިގެންފި

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅިތަކަކާއެކު ދެ ދިވެއްސަކާއި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ، 27 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެއްގެ އިތުރުން 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

މި ތިން މީހުން ހައްޔަރުކުރީ، ފުލުހުން ބުނިގޮތުގައި ލޯންޗަކުން މާލެއަށް ބަނގުރާ ބާލައި އެތަކެތި ސައިކަލެއްގައާއި ކާރެއްގައި ގެންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނުގަ އެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތާއި ގުޅިގެން ކުރިއަށްދިޔަ މަސައްކަތުން ސައިކަލާއި ކާރު ހުއްޓުވައި ބަލައިފާސްކުރިއިރު ކާރުގެ ޑިކީ ތެރެއިން 25 ފުޅި ބަނގުރަލާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ލީޓަރުގެ ފުޅިއަކާއި 1.5 ލީޓަރުގެ ފުޅިއެއް ފެނިފައިވާ ކަމަށާއި ސައިކަލް ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފަސް ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.