ތިމާވެށި

ތިމާވެށީގެ ގެއްލުން ކުޑަކުރުމާ ގުޅޭ ސްޓްރެޓަޖީ ފާސްކޮށްފި

ތިމާވެށީގެ މައްސަލަތަކުގައި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި 2030 ވަނަ އަހަރުގެ ނިޔަލަށް ކުރަންޖެހޭ ކަންކަން ހިމަނައިގެން އެކުލަވާލާފައިވާ "މޯލްޑިވްސް ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ" މިއަދު ފާސްކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ކައުންސިލުން މިއަދު މި ސްޓްރެޓަޖީ ފާސްކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް ބައްދަލުކުރެއްވުމެއްގައެވެ.
.
ސްޓްރެޓަޖީގެ މައިގަނޑު މަގުސަދަކީ މޫސުމީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކުރިމަތިވެދާނެ ކާރިސާތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓާއި ބިނާވެށި ރައްކާތެރިކުރުމާއި، ރައްޔިތުންގެ ގެދޮރާއި މުދާ ހިމާޔަތްކުރުމާއި، ކާރިސާތަކަށް ކުރިއާލާ ތައްޔާރުވުމާއި، ކާރިސާތަކަށް ވިލުންތެރި މުޖުތަމައެއް ބިނާކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމެވެ.

ރައީސް އޮފީހުން ބުނީ މި ސްޓްރެޓަޖީ ތަސްދީގުކުރުމުގެ ސަބަބުން ގުދުރަތީ ކާރިސާތަކުން ލިބިދާނެ އަދި ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، މިދާއިރާއިން އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ. އަދި މިފަދަ ސްޓްޓެޖީއެއް އެކުލަވާލައި ޑިޒާސްޓާ މެނޭޖްމަންޓް ކައުންސިލުން ފާސްކުރަން ނިންމީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި އަދި ބިންތިރި ޖަޒީރާ ގައުމުތަކަށް ލިބޭ ގެއްލުމާއި ގުޅޭގޮތުން ބައިނަލްއަގްވާމީ މައިދާނުގައި އަބަދުވެސް ވަކާލާތުކުރާ ގައުމެއްގެ ހައިސިއްޔަތުން، މިފަދަ ސްޓްރެޓަޖީއެއްގެ ސަބަބުން މިކަންކަމަށް ވަކާލާތުކޮށް އަޑުއުފުލުމުގެ ފުރުސަތު އިތުރުކުރެވިދާނެތީ ކަމަށްވެސް ބުންޏެވެ.

މިފަދަ ސްޓްރެޓަޖީއެއް އެކުލަވާ ލުމަކީ، 2030 އަންނަން ވާއިއިރަށް ގައުމުތަކުގައި ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީތައް އެކުލަވާލަން ޖެހޭނެކަމަށް ސެންޑައި ފްރޭމްވޯކް ފޯ ޑިޒާސްޓަ ރިސްކް ރިޑަކްޝަންގައި ބަޔާންކޮށްފައިވާ ހަތް ލަނޑުދަނޑި ތަކުގެ ތެރެއިން ލަނޑުދަނޑި 5ގައި ހިމަނާފައިވާ ކަމެކެވެ.

ސެންޑައި ފްރޭމްވޯކް ފާސްކޮށްފައިވަނީ މާޗް 18، 2015 ގައި ޖަޕާނުގެ ސެންޑައިގައި ބޭއްވި އދގެ ތިންވަނަ ވޯލްޑް ކޮންފަރެންސް ގައެވެ.

ދިވެހިރާއްޖެއަކީ ޑިޒާސްޓަ ރިސްކް ރިޑަކްޝަންގެ މަސައްކަތާއި ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަނަށް ކުރެވެން ހުރި މަސައްކަތްތައް ގުޅުވާލައިގެން މިފަދަ ސްޓްރެޓެޖީއެއް ނެރެފައިވާ މަދު ގައުމުތަކުގެ ތެރެއިން ގައުމެކެވެ. އެގޮތުން މި ސްޓްރެޓެޖީގެ އެއް އެނެކްސް ހާއްސަކޮށްފައިވަނީ ޕެރިސް އެގްރިމަންޓުގެ ދަށުން ހެދުމަށް ކަނޑައެޅޭ ނެޝަނަލް އެޑެޕްޓޭޝަން ޕްލޭންއާއި ސެންޑާއި ފްރޭމްވާކްގެ ދަށުން މިހެދުނު ޑީއާރް އާރް ސްޓްރެޓެޖީ ގުޅުވައިގެން ރާއްޖޭގެ ވިލުންވެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ވީހާވެސް ސްޓްރީމްލައިންކޮށް އިސްރާފު ކުޑަކުރެވޭނެ ގޮތްތަކުގެ މައްޗަށް ބިނާކޮށްގެންނެވެ.