ޑރ. މުހައްމަދު މުއިއްޒު

"ގަސް އިންދުމަކީ ތިމާވެށީގެ ގެއްލުންތައް ކުޑަކޮށްދިނުމުގެ ޔަގީން ހައްލެއް"

ދިވެހިރާއްޖޭގެ ފެހިކަން އިތުރުކޮށް ގަސް އިންދުން އިތުރުކުރުމަކީ، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ހަރަދުކުޑަ ޔަގީންކަން ބޮޑު ހައްލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ އޯޒޯން ދުވަހާ ގުޅިގެން ސޯޝަލްމީޑިއާގައި އެމަނިކުފާނު ހިއްސާ ކުރެއްވި ޕޯސްޓެއް ގައެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ ދުވަހަށް މިއަހަރު އދ. އިން ހުށަހަޅާފައިވާ ޝިއާރަކީ "އެޑްވާންސިން ކްލައިމެޓް އެކްޝަން" ނުވަތަ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތް އިތުރަށް ކުރިއެރުވުމެވެ.

ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިއްމު ރިޔާސީ ވައުދެއް ކަމުގައިވާ ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް -- ޖޫން ފަސްވަނަ ދުވަހު ރައީސްގެ ދެކަނބަލުން ވަނީ އިފްތިތާހު ކޮށްދެއްވާފަ އެވެ.

ރައީސް އޮފީހުން ބުނީ ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމުން ދައްކުވައިދެނީ، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތް ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ކަމަށެވެ.

މި ޕްރޮގްރާމަކީ މިހާތަނަށް ރާއްޖޭގައި ގަސް އިންދުމަށްޓަކައި ހިންގާ އެންމެ ބިޔަ މަޝްރޫޢެވެ.