އެއް ލީޓަރާއި އެއަށް ވުރެ ކުދި ޕްލާސްޓިކް ފުޅި އެތެރެކުރުމާއި އުފެއްދުމާއި ވިއްކުން މަނާކުރާ ތާރީހު 2026 ވަނަ އަހަރަށް ފަސްކޮށްފި އެވެ.
މިއީ މި ތާރީހު ފަސްކުރި ދެވަނަ ފަހަރު ކަމަށްވާއިރު، ފަސްކުރި ސަބަބެއް އެނގިފައެއް ނުވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސިންގަލްޔޫޒް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ގަރާރަށް މީގެކުރިން އިސްލާހު ގެނައުމަށްފަހު ނިންމީ އަންނަ ނޮވެމްބަރު މަހު މިފަދަ ޕްލާސްޓިކް ފުޅި މަނާކުރުމަށެވެ.
ނަމަވެސް އިއްޔެ އެ ގަރާރަށް ވަނީ އަނެއްކާވެސް އިސްލާހު ގެނެސްފަ އެވެ. ގަރާރުގައި މިހާރު އޮތް ގޮތުން އެއް ލީޓަރާއި އެއަށް ވުރެ ކުދި ޕްލާސްޓިކް ފުޅި އެތެރެކުރުމާއި އުފެއްދުމާއި ވިއްކުން މަނާކުރާ ތާރީހަކީ 2026 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.
މި ގަރާރުގެ ދަށުން މިހާރު ވަނީ ކުދި ކޮތަޅާއި، ސުޕާރީއައި، އެންމެ ކުދި ފެންފުޅިއާއި، ކާތަށްޓާއި، ޖޫސްޕެޓީ ކޮތަޅު ފަދަ ތަކެތި ބޭނުންކުރުން ހުއްޓާލާފަ އެވެ.