ލިވަޕޫލުން އެ ޓީމުގެ އެންފީލްޑް ދަނޑުގައި ރޭ ކުޅުނު މެޗުގައި ލެސްޓަ ސިޓީ 3-1 އިން ބަލިކޮށް، އިނގިރޭސި ޕްރިމިއަ ލީގުގެ އެއްވަނައިގައި އޮތް ލީޑު ހަތް ޕޮއިންޓަށް ފުޅާކޮށްފި އެވެ.
މި މެޗުގައި ލީޑު ފުރަތަމަ ނެގީ ހަވަނަ މިނެޓުގައި ޖޯޑަން އަޔޫ ލެސްޓަ އަށް ޖެހި ލަނޑުންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޯޑީ ގަކްޕޯ ވައްދާލި ހިތްގައިމު ލަނޑުން ލިވަޕޫލުން އެއްވަރުކުރި އެވެ.
ދެވަނަ ހާފުގެ ހަތަރުވަނަ މިނެޓުގައި ކާޓިސް ޖޯންސްއަށް އަލެކްސިސް މެކް އެލިސްޓާ ދިން ޕާހަކުން ލިވަޕޫލުން ކުރިއަށް ދިޔަ އެވެ. އަދި މެޗު ނިމެން އަށް މިނެޓަކަށް ވެފައިވަނިކޮށް މުހައްމަދު ސަލާހު ޖެހި ލަނޑުން ލިވަޕޫލުން މި މެޗު ކާމިޔާބުކުރި އެވެ. މިއީ މި މުބާރާތުގައި ސަލާހު ޖެހި 16 ވަނަ ލަނޑެވެ.
މި ނަތީޖާއާއެކު 17 މެޗުން 42 ޕޮއިންޓާއެކު އެއްވަނައިގައި އޮތް ލިވަޕޫލްގެ ފަހަތުން ދެވަނައިގައި އޮތް ޗެލްސީއަށް 18 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް ލިބިފައިވަނީ 34 ޕޮއިންޓެވެ.
ރޭ ކުޅުނު އެހެން މެޗުތަކުގައި ނޮޓިންހަމް އަތުން ޓޮޓްނަމް 1-0 އިން ބަލިވިއިރު، މެންޗެސްޓަ ޔުނައިޓެޑް ވުލްވްސް އަތުން 2-0 އިން ބަލިވި އެވެ. އަދި ޗެލްސީގެ ދަނޑުގައި އެ ޓީމުން ވަނީ 2-1 އިން ފުލަމް އަތުން ބަލިވެފަ އެވެ. އަދި ނިއުކާސަލް ޔުނައިޓެޑުން ވަނީ 3-0 ގެ ނަތީޖާއަކުން އެސްޓަން ވިލާ އަތުން މޮޅުވެފަ އެވެ.